އަލަށް ނެރުނު އެޕަލް އައިފޯނު 16 އަކީ އިންޑިއާގައި އުފައްދާފައިވާ ފޯނެއް

އެޕަލް ކުންފުނިން އިއްޔެ ލޯންޗުކުރި އެޕަލް އައިފޯނު 16 ގެ ފޯނު ތަކަކީ އިންޑިއާއިން އުފައްދާފައިވާ ފޯނުތަކެއް ކަމަށް އިންޑިއާގެ ދަ އިކޮނޮމިކް ޓައިމްސް އިން ނެރުނު ރިޕޯޓެއްގައި ބުނެއެވެ. މިއީ ބައިނަލްއަޤްވާމީ މަޤްބޫލު އުފެއްދުމެއް އިންޑިއާގައި އުފައްދައި ދުނިޔެއަށް ނެރުނުތާ މަދު ދުވަސްކޮޅެއްގެ ތެރޭގައި ދުނިޔޭގެ އެކި ކަންކޮޅުތަކަށް ބަހާލެވޭ ފުރަތަމަ ފަހަރެވެ. އިންޑިއާއިން ދެކޭ ގޮތުގައި މިއީ އިންޑިއާގެ އަމިއްލަ އުފެއްދުމަށް އިސްކަން ދޭ ޝިޢާރު، މޭކް-އިން-އިންޑިއާ ގެ އިސްނެގުން ފާހަގަ ކުރެވޭ މުހިންމު މޭލުގަލެވެ.

އެޕަލްގެ އުފެއްދުންތައް އުފައްދާ މައި އެއް ކުންފުނި ކަމަށްވާ ފޮކްސްކޮން އިން ވަނީ، ފުރަތަމަ ފަހަރަށް އައިފޯން 16 ޕްރޯ އަދި އައިފޯން 16 ޕްރޯ މެކްސް މޮޑެލް އިންޑިއާގެ ފެކްޓްރީތަކުން އުފައްދައި ބޭރުކޮށްފައެވެ. އައިފޯން 16 އަކީ އެޕަލްގެ އުފެއްދުމުގެ އެންމެ ޒަމާނީ ފޯނެވެ. މިއީ އާޓިފިޝަލް އިންޓެލިޖެންސް ގެ ތަފާތު ޚާއްޞަކަންކަން އެކުލެވޭ ފޯނެކެވެ.

އެޕަލް ސާމާނުތައް އުފައްދާ މުހިއްމު ޞިނާޢީ މަރުކަޒެއްގެ ގޮތުގައި އިންޑިއާއަށް ފޯނު އުފެއްދުން ބަދަލުވެގެން ދިއުމަކީ އެމެރިކާ އާއި ޗައިނާއާ ދެމެދު ހިނގަމުންދާ ކޯޅުންތަކާ ހެދި ޗައިނާއިން ފެކްޓްރީތައް ބޭރުކުރުމަށް ކުރާ މަސައްކަތުން އިންޑިއާއަށް ލިބުނު ފައިދާއެކެވެ.

އިންޑިއާގައި 2021ގައި ވަނަ އަހަރު އުފެއްދި އައިފޯން 13 މޮޑެލްތައް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފިހާރަތަކަށް ފޯރާފައިވަނީ އެ މޮޑެލްތައް ނެރުނުތާ މަދު މަސްކޮޅެއްގެ ތެރޭގައެވެ. މިދިޔަ އަހަރު އެޕަލް އިން އިންޑިއާ އާއި ޗައިނާގައި އައިފޯން 15 އެއްފަހަރާ އުފެއްދިއެވެ.

އެންމެ ފަހުގެ އިކޮނޮމިކް ސާވޭއިން ދައްކާ ގޮތުގައި އެޕަލްގެ އުފެއްދުމުގެ ގާތްގަނޑަކަށް 14 ޕަސެންޓް މިހާރު އުފައްދަނީ އިންޑިއާއިން ނެވެ. ނަމަވެސް މިދިޔަ އަހަރު މި ޢަދަދު އުޅުނީ 7 އިންސައްތައިގައެވެ.

މިހާރު އެޕަލް ކުންފުނީގެ އަމާޒަކީ ޗައިނާއަށް ބަރޯސާވުން ކުޑަކުރުމެވެ. އެކުންފުނީން އެކަމަށް އެކުލަވާލާފައިވާ ސްޓްރެޓެޖީގެ ތެރެއިން 2025 ވަނަ އަހަރުގެ ނިޔަލަށް އައިފޯން އުފެއްދުމުގެ 25 ޕަސެންޓް އިންޑިއާއަށް ބަދަލުކުރާނެ ކަމަށް އިކޮނޮމިކް ޓައިމްސްގެ ރިޕޯޓުގައިވެ އެވެ. މިވަގުތު އައިފޯނު އުފައްދަނީ ހަމައެކަނި އިންޑިއާ އާއި ޗައިނާގައެވެ.

އިންޑިއާގައި 2024 ވަނަ އަހަރު 15  ބިލިއަން ޑޮލަރުގެ އައިފޯނު އުފައްދާފައި ވެއެވެ. މިތަކެތި އުފައްދާފައި ވަނީ ފޮކްސްކޮން ހޮން ހައި، ޕެގަޓްރޯން، އަދި ވިސްޓްރޯން ކުންފުނިތަކުންނެވެ. މިހާރު ވިސްޓްރޯން ކުންފުންޏަކީ، ޓާޓާ އައުލާދުން ގަނެފައިވާ ކުންފުންޏެކެވެ.

ހިއްސާ ކުރައްވާ!