ޔުކްރެއިން މައްސަލަ ޙައްލު ކުރުމަށް މަޝްވަރާ ކުރަން ޖެހޭނެ: ޖަޔަޝަންކަރު

ޔުކްރެއިންއާއި ރަޝިޔާގެ މައްސަލައަކީ، ހަނގުރާމައިގެ މައިދާނުން ނިއްމާލެވޭނެ މައްސަލައެއް ނޫންކަމަށް އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރ ޑރ. ޖަޔަޝަންކަރު ވިދާޅުވެއެވެ. ބަރލިންގައި ޖަރުމަންވިލާތު ޚާރިޖީ ވުޒާރާއިން އިންތިޒާމު ކުރި އެމްބެސެޑަރުންގެ ފޯރަމްގައި ވާހަކަ ދައްކަވަމުން، ޖަޔަޝަންކަރު ވިދާޅުވީ، ޔުކްރެއިން އާއި ރަޝިޔާއަށް ޖެހޭނީ މަޝްވަރާ ކޮށްގެން މައްސަލައަށް ޙައްލެއް ހޯދާށެވެ. އަދި ސައޫދީ ވެރިރަށުގައި އޮތް އިންޑިއާ ގަލްފް ކޯޕަރޭޝަން ކައުންސިލްގެ މިނިސްޓަރުންގެ ޖަލްސާގެ ހަވާސާގައި ރަޝިޔާގެ ޚާރިޖީ ވަޒީރު ސަރގޭ ލާވްރޯވްއާއެކު ވެސް އެމޭރުމުން މަޝްވަރާ ކުރައްވާފައިވާނެ ކަމުގައި އޭނާ ވިދާޅުވިއެވެ.

ޖަޔަޝަންކަރު ވިދާޅުވީ ހަނގުރާމަ ނިމުމަކަށް ގެނައުމަށް މަޝްވަރާ ގެ މަގު އިޚުތިޔާރު ކުރަން ޖެހޭ ކަމަށެވެ. އަދި އެކަން ކުރުމުގައި އިންޑިއާއިން އެހީތެރިކަމެއް ބޭނުންވާނެ ނަމަ އިންޑިއާ އޮންނާނީ އެކަން ފަހިކޮށްދޭން ކަމުގައިވެސް ވިދާޅުވިއެވެ.

ޔުކްރެއިންގެ މައްސަލަ ޙައްލު ކުރުމަށް ޔުކްރެއިން އިން ތައްޔާރަށް އޮތްނަމަ ރަޝިޔާވެސް މަޝްވަރާއަށް ތައްޔާރަށް އޮތް ކަމަށް، އިސްޓަން އިކޮނޮމިކް ފޯރަމްގައި ރަޝިޔާގެ ރައީސް ޕޫޓިންވެސް ވަނީ ވިދާޅުވެފައެވެ.

މި ބައްދަލުވުމުގައި އިންޑިއާއާއި ޗައިނާގެ ގުޅުމަށްވެސް ޖަޔަޝަންކަރު އަލިއަޅުވާލެއްވިއެވެ. އެރޮނގުން ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ އިންޑިއާ އޮތީ ޗައިނާއާއެކު ވިޔަފާރިއަށް ދޮރު ބަންދުކޮށްގެން ނޫން ކަމަށެވެ. ނަމަވެސް ވިޔަފާރި ކުރާނީ ކޮންދާއިރާއަކުން ތޯ ނިންމާނީ އިންޑިއާއަށް ފައިދާ ހުރި ގޮތަކަށް ކަމަށް ވިދާޅުވިއެވެ.

 

 

ހިއްސާ ކުރައްވާ!