ބައިޑެން ބާއްވަވާ ކުއޯޑްގެ ފަހު ސަމިޓް އެމެރިކާގައި

އެމެރިކާގެ ރައީސް ޖޯ ބައިޑެން، ސިޔާސީ މައިދާނުން ދުރަށް ވަޑައިގަތުމުގެ އެންމެ ފަހުގެ ތައްޔާރީތައް ފަށްޓަވައިފިއެވެ. އޭނާ ވަނީ ކުއާޑްގެ ހަތަރު ޤައުމުގެ ލީޑަރުންނާއެކު ބާއްވަވާ އެންމެ ފަހުގެ މަހާސިންތާ ބޭއްވުމަށް ނިންމަވައި ދަޢުވަތުތައް ފޮނުއްވަން ފަށްޓަވާފައެވެ.

ބައިޑެންގެ ދަޢުވަތަށް 4 ޤައުމުގެ ލީޑަރުންގެ މަހާސިންތާ އޮންނާނީ ޑެލަވޭއާގައި ސެޕްޓެމްބަރު 21 ވަނަ ދުވަހުއެވެ. މިއީ މި ޤައުމުތަކުގެ ވެރިން އެއްތަނެއްގައި އިއްބަވައިގެން ބައްދަލު ކުރައްވާ ހަތަރު ވަނަ ސަމިޓެވެ.

މި ސަމިޓުގައި އޮސްޓްރޭލިއާގެ ބޮޑުވަޒީރު އެންތޮނީ އަލްބަނީޒް އަދި ޖަޕާނުގެ ބޮޑުވަޒީރު ފުމިއޯ ކިޝިދާއ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ބައިވެރިވެވަޑައިގަންނަވާނެ އެވެ.

ކުއަޑް އިއްތިހާދުގެ ލީޑަރުންގެ ތެރޭން، ބައިޑަން އާއި ޖަޕާނުގެ ފުމިއޯ ކިޝިޑާއަށް ވެސް މިއީ އެ ދެބޭފުޅުން ބައިވެރިވެ ވަޑައިގަންނަވާ އެންމެ ފަހު ސަމިޓެވެ.

މި ސަމިޓުގައި އައު ކަމަކަށް މި ބޭފުޅުން ވާހަކައެއް ނުދައްކަވާނެއެވެ. އަދި މިދިޔަ އެހެން ސަމިޓްތަކެކޭ އެއްފަދައިން މައިގަނޑު ގޮތެއްގައި އަލިއަޅުވާލައްވާނީ ހަތަރު ޤައުމުން އިސްތިރާޖީ އިއްތިޙާދެއްގެ ގޮތުގައި މަސައްކަތް ކުރުން ހަރުދަނާ ކުރުމަށާއި މިނިވަން އަދި ހުޅުވާލެވިފައިވާ އިންޑޯ ޕެސިފިކް ކަނޑުގެ ސަރަހައްދެއްގެ ވިސްނުން މިނިވަންކަމާއެކު ހުރިހައި ޤައުމަކުން ޙިއްސާ ކުރުމާ ބެހޭ ގޮތުންނެވެ. އަދި ޞިއްޙީ ގޮތުން ދުނިޔޭގެ ސަލާމަތާއި، ކާރިސާތަކަށް ތައްޔާރުވެ ތިބުމާއި އެހީދިނުމާއި ކަނޑުގެ ސަލާމަތާއި، ޢުމްރާނީ ތަރައްޤީގެ މަސައްކަތާއި، ޓެކްނޮލޮޖީއާއި، މޫސުމަށް އަންނަ ބަދަލުތަކާއި، ސާފު ހަކަތައާއި، ސައިބަރ ސެކިއުރިޓީ ފަދަ ދާއިރާތަކުގެ މައްޗަށް ވާހަކަ ދައްކަވާނެއެވެ.

ހިއްސާ ކުރައްވާ!