ރަޝިޔާއިން ދަނީ ކާރސްކް ރީޖަން މިނިވަން ކުރަމުން

ޔޫކްރޭނުން ރަޝިޔާގެ ކަރސްކް ސަރަހައްދަށް އަރައިގަތުމާ ގުޅިގެން ރަޝިޔާއިން ދެމުންދާ ޙަމަލަތަކުން ކާރސްކްގެ ބައެއް ސަރަޙައްދުތަކުން ޔުކްރެއިން ފަހަތަށް ޖައްސަމުންދާ ކަމަށް މޮސްކޯގައި ޑިފެންސް މިނިސްޓްރީން ރިޕޯޓްކޮށްފި އެވެ. ހަނގުރާމައާ ބެހޭ މި އަޕްޑޭޓްގައި ރިޕޯޓްކޮށްފައިވާ ގޮތުގައި ރަޝިޔާގެ ދެ އާބާދީއެއް ޔޫކްރޭންގެ ސިފައިންގެ އަތްދަށުން މިއަދު މިނިވަންކޮށްފައިވެއެވެ.

އޭގެ ތެރެއިން އެއް ރަށަކީ، އުސްޕެނޮވްކާ އެވެ. އެއީ ޔުކްރެއިން ސިފައިން ކޮންޓްރޯލު ކުރި މައި މަރުކަޒު ކަމަށްވާ ސުޑްޒާ ޓައުންގެ ހުޅަނގުން 24 ކިލޯމީޓަރު ދުރުގައި އޮންނަ އަވަށެކެވެ. އަނެއް ރަށަކީ، ބޯރކީ އެވެ. އެއީ، ސުޑްޒާގެ އިރުދެކުނުން 14 ކިލޯމީޓަރު ދުރުގައި އޮންނަ ރަށެކެވެ.

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ޔޫކްރޭންގެ ޔުނިޓްތައް އިތުރު 4 ރަށެއްގައި ބަލިކޮށްފައި ފަހަތަށް ޖައްސާފައިވާ ކަމަށް ވެސް ރަޝިޔާގެ ޑިފެންސް މިނިސްޓްރީން ބުނެއެވެ. އޭގެ ތެރޭގައި ސުޑްޒާގެ ދެކުނުން 11 ކިލޯމީޓަރު ދުރުގައި އޮންނަ ރަށެއްވެސް ހިމެނެ އެވެ.

ޔޫކްރޭންގެ ލީޑަރު ވްލަޑިމިއާ ޒެލެންސްކީ ވަނީ ރަޝިޔާގެ ކާރސްކް ރީޖަންގެ ސަރަހައްދުތައް ހިފި، މި އޮޕަރޭޝަނަކީ “ނަސްރުގެ ޕްލޭނެއް” ގެ ބައެއް ކަމަށް ވިދާޅުވެފައެވެ.

ރަޝިޔާގެ ކަރސްކް ރީޖަން ގައި ހިންގި އޮޕަރޭޝަންގައި ޔޫކްރޭންގެ ސިފައިން މަރުވި ޢަދަދު 13،800 އަށް އަރާފައިވާ ކަމަށް ރަޝިޔާއިން ލަފާކުރެއެވެ. މިދިޔަ ހަފްތާގައި ރަޝިޔާ ސިފައިން ވަނީ ކަރސްކް ރީޖަންގެ ދިހަ އާބާދީއެއް ވެސް މިނިވަންކޮށްފައެވެ.

ރަޝިޔާއިން ދަނީ ޔުކްރެއިންގެ 20 އިންސައްތަ ކޮންޓްރޯލު ކުރަމުންނެވެ. ރަޝިޔާއަށް ދިފާޢީ ފިޔަވަޅު އެޅުމަށް މަޖުބޫރުވީ ޔުކްރެއިންގެ ޒެލެންސްކީގެ ވެރިކަމުގައި، ނޭޓޯގެ ޕްރޮކްސީއަކަށް ވެގެން ރަޝިއާގެ ސަރަހައްދުގެ އަމާންކަން ނިގުޅައި ގަތުމަށް މަސައްކަތް ކުރުމުންނެވެ.

ހިއްސާ ކުރައްވާ!