އިންޑިއާއިން ބަޖެޓް ސަޕޯޓަށް އެހީތެރިކަން ފޯރުވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ ސަރުކާރުގެ އެދުމަކަށް އަނެއްކާވެސް އިންޑިއާ ސަރުކާރުން ރާއްޖޭގެ ބަޖެޓް ސަޕޯޓަށް އެހީވާން ނިންމައިފިއެވެ. ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) މެދުވެރިކޮށް ނަގާފައިވާ 50 މިލިއަން ޑޮލަރުގެ ޓްރެޜަރީ ބިލު ދެއްކުމުގެ މުއްދަތު އިތުރު އަހަރަކަށް ދެންމުމަށް އަނެއްކާވެސް އިންޑިއާ ސަރުކާރުން ނިންމައި އެކަން މިއަދު އިޢުލާން ކޮށްފިއެވެ.

ރައީސް މުޢިއްޒު މަސައްކަތް ކުރައްވަމުން ގެންދަވަނީ އިންޑިއާއާ ބަދަހި ގުޅުމެއް ޤާއިމް ކުރައްވާށެވެ. މަޢުލޫމާތު ލިބޭ ގޮތުގައި ރައީސް މިއަހަރުގެ ތެރޭގައި އިންޑިއާއަށް ވަޑައިގަންނަވާނެއެވެ. ނަމަވެސް ރައީސްގެ އިންޑިއާ ދަތުރުފުޅު އޮންނާނީ އެމަނިކުފާނު އެމެރިކާއަށް ކުރައްވާ ދަތުރުފުޅަށް ފަހުގައެވެ.

ސަރުކާރުގެ އެދުމަކަށް އެސްބީއައި އިން ވަނީ 100 މިލިއަން ޑޮލަރުގެ ޓީބިލު ގަނެފައެވެ. މީގެ ފުރަތަމަ ބަޔަކީ، މެއި މަހުގެ ބައެވެ. އެބައި ވެސް އިންޑިއާއިން ރޯލްއޯވާ ކޮށްދީފައި ވެއެވެ. މިއަދު ރޯލްއޯވާ ކޮށްދިން ބަޔަކީ އޭގެ ދެވަނަ ބައެވެ.
އިންޑިއާއިން ބުނާ ގޮތުގައި ރާއްޖޭގެ ދާޚިލީ އަދި އިޤްތިޞާދީ ހަމަޖެހުމަކީ އިންޑިއާގެ މަސްލަހަތަށް މުހިންމު ކަމެކެވެ. އެހެންވެ، ނެއިބަރހުޑް ފަސްޓް ޕޮލިސީއާއި ސާގަރު ވިޜަންގެ ދަށުން ރާއްޖޭގެ ހަމަޖެހުމަށް މަސައްކަތް ކުރުމުގައި އިންޑިއާއިން މުހިންމު ދައުރެއް އަދާކުރަން ޖެހެއެވެ.

ހިއްސާ ކުރައްވާ!