ޖަޕާނުގެ ފުރަތަމަ އަންހެން ބޮޑު ވަޒީރަކަށް ސަނާއީ ޓަކައިޗީ ބާ؟

އެމެރިކާއަށް ވުރެން ކުރިން ޖަޕާނުން އަންހެން ލީޑަރަކު ހަމަޖައްސާނެއެވެ. މިމަހު ޖަޕާނުގެ ޕާލަމެންޓްގައި ނަގާ ވޯޓުގައި ބޮޑުވަޒީރު ކަމަށް ޤާބިލު ބޭފުޅުންގެ ތެރޭގައި އެންމެ ކުރީގައި އަންހެން ކެންޑިޑޭޓަކު ހިމެނިވަޑައިގަންނަވައެވެ.

އެމެރިކާގެ ފުރަތަމަ އަންހެން ރައީސް ކަމަށް ބެލެވޭ ކަމެލާ ހެރިސް މަގާމަށް ހޮވޭނީ ނޮވެމްބަރު މަހު ބާއްވާ އިންތިޚާބުގައެވެ. އޭނާއާ ޑޮނަލްޑް ޓްރަމް އުޅެނީ ގާތްގާތުގައި ކަމަށް ނިއުޔޯކް ޓައިމްސްއިން ބުނެއެވެ.

ޖަޕާނުގެ އިކޮނޮމިކް ސެކިއުރިޓީ މިނިސްޓަރު ސަނާއީ ޓަކައިޗީ ވަނީ ޖަޕާނުގެ ވެރިކަންކުރާ ޕާޓީގެ ލީޑަޝިޕް ރޭހުގެ އެންމެ ކުރީގައި އުޅުއްވާ 3 ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގެންފައެވެ. އެކަމަނާ ހޮވި ވަޑައިގެނފިނަމަ، ވެވަޑައިގަންނަވާނީ އަންހެން ފިނޭންސް މިނިސްޓަރެއް ނުވަތަ މަރުކަޒީ ބޭންކުގެ ގަވަރުނަރެއް ނުފެންނަ ގައުމަކަށް ލިބިގެންދާނެ ކުރިއެރުމެއް ކަމަށެވެ.

ޕާލަމެންޓްގައި ލިބަރަލް ޑިމޮކްރެޓިކް ޕާޓީގެ އަޣުލަބިއްޔަތު އޮތުމުން، ސެޕްޓެމްބަރު 27 ވަނަ ދުވަހުގެ ވޯޓު ކާމިޔާބު ކުރާ ފަރާތަކަށް ބޮޑުވަޒީރުކަން ލިބިވަޑައިގަންނަވާނެ ކަމުގެ ޔަގީންކަން އެބައޮތެވެ.

ސަނާއީ ޓަކައިޗީ އަކީ، ކުރީގެ ބޮޑުވަޒީރު ޝިންޒޯ އަބޭގެ އިޤްތިޞާދީ ފިކުރުގެ ބޭފުޅެކެވެ. އަދި އެކަމަނާ، ޑިފެންސްގެ ދާއިރާއާއި އިޤްތިޞާދު ހަރުދަނާ ކުރެއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށް ބެލެވެއެވެ.

ޖަޕާނުގެ ލީޑަޝިޕް ރޭހުގައި ރެކޯޑް ޢަދަދަކަށް ބޭފުޅުން ހިމެނިވަޑައި ގަންނަވައެވެ. ނުވަ ކެންޑިޑޭޓުންގެ ތެރޭގައި ދެ އަންހެން ބޭފުޅުން ހިމެނިވަޑައިގަންނަވައެވެ.

ހިއްސާ ކުރައްވާ!