ރަޝިޔާގައި އިސްލާމް ދީން ފެތުރުނު ގޮތާ ބެހޭ 7 ވޮލިއުމްގެ ފޮތްް ބައެއް

ރަޝިޔާގެ ސަރުކާރުގެ ޚަރަދުގައި ރަޝިޔާގައި އިސްލާމްދީން އާރާސްތުވުމާ ބެހޭ އެންސައިކްލޮޕީޑިއާއެއް ތައުލީފުކޮށް ޝާއިއުކުރުމަށް ނިންމައިފިއެވެ. ރަޝިޔާ ސަރުކާރުން ބުނެފައި ވަނީ މި މަސައްކަތަށް މޮސްކޯއިން ހޭދަ ކުރާނެ ކަމަށެވެ.

މި އެންސައިކްލޮޕީޑިއާއަކީ 7 ވޮލިއުމްގައި ހިމެނޭނެ ފޮތްބައެކެވެ. ރަޝިޔާ ސަރުކާރުން އެ ފޮތްބައިގެ އެއްހާސް ކޮޕީ 2025 ވަނަ އަހަރު ޝާއިއު ކުރާނެ އެވެ.

ރަޝިޔާގެ ދެވަނައަށް އެންމެ ބޮޑު ދީން ކަމަށްވާ އިސްލާމްދީނުގެ އިންސައިކްލޮޕީޑިއާ “އިސްލާމް އިން ދަ ރަޝިއަން ފެޑެރޭޝަން” އެކުލަވާލައި ޗާޕްކުރުމަށް ހޭދަކުރާނީ އެޑިއުކޭޝަން މިނިސްޓްރީން ނެވެ.

މި ފޮތްބައި މިހާރު ނިމި މުރާޖަޢާ ކުރުމުގެ މަސައްކަތް ހިނގަމުންދާ ކަމަށް މޮސްކޯ އިސްލާމިކް އިންސްޓިޓިއުޓުން ބުނެއެވެ.

މި އެންސައިކްލޮޕީޑިއާ ޝާއިއު ކުރުމުގެ މަސައްކަތަކީ، ވޯލްގާ ބަލްގޭރިއާގެ ނަމުން އޮތް ޤައުމެއްގެ ރައްޔިތުން އިސްލާމްދީން ގަބޫލުކުރިތާ 1100 އަހަރު ފުރުން ފާހަގަ ކުރުމުގެ ގޮތުން، 2022 ވަނަ އަހަރު ފެށި މަސައްކަތެކެވެ. މި ޤަދީމީ ދައުލަތް އާރާސްތުވެފައި ވަނީ މީލާދީން 9 ވަނަ ޤަރުނާއި 13 ވަނަ ޤަރުނާ ދެމެދު އެވެ. އެ ވެރިކަން ދެމި އޮތީ، މެދުތެރޭގެ ރަޝިޔާގެ މިހާރުގެ ރިޕަބްލިކް އޮފް ތާތާރިސްތާންގެ ސަރަޙައްދުގައެވެ.

ޔޫރަޕްގައި އެންމެ ގިނައިން މުސްލިމުން ދިރިއުޅެނީ، ތުރުކިޔޭ އަށް ފަހު ރަޝިޔާގަ އެވެ. ރަޝިޔާގައި 7 މިލިއަނާއި 12 މިލިއަނާ ދެމެދުގެ އަދަދަކަށް މުސްލިމުން އުޅޭ ކަމަށް ބެލެވެއެވެ. އެއީ ރަޝިޔާގެ އާބާދީގެ %5 އާއި %8.5 އާ ދެމެދުގެ އަދަދެކެވެ.

ރަޝިޔާގެ ތަރީޚީ ތަރިކައެއްގެ ހައިސިއްޔަތުން، އިސްލާމްދީނާ ގުޅޭ ކަންކަމާއި ހަރަކާތްތަކަކީ، ސަރުކާރުން ބަލައިގަނެ، ސަބްސިޑީ ދޭ ދާއިރާއެކެވެ.

ހިއްސާ ކުރައްވާ!