އެމެރިކާގެ ޖާސޫސީ އިދާރާއިން އެލޮން މަސްކުގެ މައްސަލަ ތަހުގީގު ކުރަނީ

އެމެރިކާގެ ރިޔާސީ ކެންޑިޑޭޓް ޑޮނަލްޑް ޓްރަމްޕް އަވަހާރަކޮށްލަން ދިން ޙަމަލައަށް ފަހު، މަހާ ސާދާގަރު އެލޮން މަސްކް މީސްމީޑިއާގައި ކުރި ޕޯސްޓަކާ ގުޅިގެން އޭނާގެ މައްސަލަ ތަޙުޤީޤުކުރަން ފަށައިފިއެވެ. ބްލޫމްބާގުން ވަނީ އެފްބީއައިއިން މަސްކުގެ މައްސަލަ ތަޙުޤީޤުކުރާ ކަމަށް ރިޕޯޓްކޮށްފައެވެ.

ޖުލައި 13 ވަނަ ދުވަހު ޕެންސިލްވޭނިއާގައި ބޭއްވި އެއްވުމެއްގައި ޓްރަމްޕް އަށް ދިން ޙަމަލައިން އޭނާ ސަލާމަތްވީ ކިރިޔާއެވެ. އެއަށްފަހު، ޔޫކްރޭނަށް ތާއީދުކުރާ އެކްޓިވިސްޓަކު ޓްރަމްޕަށް ދެވަނަ ހަމަލައެއް ދޭން އުޅެގެން ފްލޮރިޑާގައި ވަނީ ހައްޔަރުކޮށްފައެވެ.

“އަދި އެއްވެސް މީހަކު ބައިޑެން/ކަމަލާ އަވަހާރަކޮށްލާކަށްވެސް ނޫޅޭތަ؟” ހާސްކަނޑާލާފައި މަސްކު އޭނާގެ މީސްމީޑިއާ އެކައުންޓުން ބުންޏެވެ.

ޑިމޮކްރެޓިކް ޕާޓީގެ ސަޕޯޓަރުން ތުހުމަތު ކުރީ މަސްކް އޭނާގެ 198 މިލިއަން ފޮލޯވަރުންނަށް އަނިޔާވެރިވުމަށް ހިތްވަރު ދެނީ ކަމަށެވެ. އޭގެ ކުޑައިރުކޮޅެއް ފަހުން މަސްކު ވަނީ އެ ޕޯސްޓް ޑިލީޓްކޮށްފަ އެވެ.

މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ދަށުން ބްލޫމްބާގުން ބުދަ ދުވަހު ހޯދި މަޢުލޫމާތުގައި އެފްބީއައިން ބުނީ މަސްކްގެ އަމަލާ ބެހޭ ގޮތުން ލިބިފައިވާ ރެކޯޑްތަކަކީ “ގާނޫނު ތަންފީޒު ކުރުމުގެ ބޭނުމުގައި އެކުލަވާލާފައިވާ” ރެކޯޑްތަކެއް ކަމަށާއި އެ ރެކޯޑްތައް އާންމު ނުކުރެވޭނެ ކަމަށެވެ.

އެޖެންސީގެ ތަރުޖަމާނު ނޭޓް ހެރިންގް ބްލޫމްބާގަށް ވިދާޅުވީ ސީކްރެޓް ސާވިސްއަށް “އެލޮން މަސްކް ސޯޝަލް މީޑިއާ ގައި ކުރި ޕޯސްޓު ސަމާލުކަމަށް އައިސްފައިވާ” ކަމަށެވެ. “ރައްކާތެރި ފިޔަވަޅެއްގެ ގޮތުން އަޅާ އިންޓެލިޖެންސް ހަރަކާތަކާ ގުޅޭ ކަންކަމުގައި އަޅުގަނޑުމެން ކޮމެންޓެއް ނުކުރަން. ނަމަވެސް އަޅުގަނޑުމެން ބުނާނީ އަޅުގަނޑުމެން ޙިމާޔަތް ދޭ ފަރާތްތަކާ ގުޅޭ ހުރިހާ އިންޒާރެއް ސީކްރެޓް ސާވިސް އިން ތަހުގީގު ކުރާނެ ވާހަކަ” ބްލޫމްބާގާ ވާހަކަ ދައްކަމުން އޭނާ ވިދާޅުވިއެވެ.

ބްލޫމްބާގުން ބުނާ ގޮތުގައި މަސްކް އަށް ސީކްރެޓް ސާވިސްގެ އެޖެންޓުން ޒިޔާރަތްކޮށް ސުއާލުކޮށްފައި ވެއެވެ.

މަސްކަކީ އެމެރިކާއަށް ބޭރު މީހުން ހިޖުރަ ކުރުމާ ދެކޮޅަށް ވާހަކަ ދައްކާ މީހެކެވެ. އޭނާ ވަނީ ޓްރަމްޕަށް ރިއާސީ އިންތިޚާބުގައި ތާއީދުކުރާ ކަމަށް ބުނެފައެވެ.

ޓެސްލާ އާއި ސްޕޭސްއެކްސްގެ ބާނީ ކުރިން ޓްވިޓާގެ ނަމުން މަޝްހޫރު ޕްލެޓްފޯމް ގަތީ 2022 ވަނަ އަހަރުގެ އޮކްޓޯބަރު މަހު، 44 ބިލިއަން ޑޮލަރަށެވެ. އެއަށްފަހު އޭނާ ވަނީ ބިރަކާ ނުލައި އޭނާ ބޭނުން މީހުންނާ ދިމާކޮށް ނޫސްވެރިންގެ އެކައުންޓުތައް ބްލޮކްކޮށް ހަދާފައެވެ. ފަހުން މީހުން އޭނާއަށް ފާޑުކިޔަން ފެށުމުން އޭނާ ވަނީ ނޫސްވެރިނާ ދިމާކުރުން ހުއްޓާލާފައެވެ.

ހިއްސާ ކުރައްވާ!