ކަނޑުގެ ލޮނުގަނޑު އުފުލުމާ ބެހޭ މައްސަލައަށް ބަޙުސްކުރުމަށް އދގެ އާންމު މަޖިލީހުގެ ރައީސް އިންތިޒާމު ކުރެއްވި މަތީ ފެންވަރުގެ ޕްލެނަރީ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ރާއްޖެއާއި ރާއްޖެއާ އެއްފަދަ ކުދި ޖަޒީރާ ޤައުމުތަކަށް ކަނޑުގެ ލޮނުގަނޑު އުފުލުމަކީ ނަޒަރިއްޔާއެއް ނޫން ކަމަށާއި އެއީ ހަޤީޤަތުގައިވެސް ތިރި ޖަޒީރާ ޤައުމުތަކަށް ކުރިމަތިވާ ނުރައްކަލެއް ކަމަށް، ދުނިޔޭގެ ލީޑަރުންނަށް ހަނދާންކޮށްދެއްވާފަ އެވެ.
“އަޅުގަނޑުމެނަށް ކުރިމަތި ވެފައިވާ ކުއްލި ހާލަތެއް އެބައޮތް،” ކަނޑުގެ ލޮނުގަނޑު އުފުލުމާ ބެހޭ ގޮތުން ބާއްވާފައިވާ ދުނިޔޭގެ ފުރަތަމަ ބައިނަލްއަގްވާމީ ކޮންފަރެންސްގައި 1989 ވަނަ އަހަރު ރާއްޖެއިން ގޮވާލި ގޮވާލުން ޙާޒިރީންގެ ހަނދާނަށް ގެނަސް ދެއްވަމުން ޑރ. މުޢިއްޒު ވިދާޅުވިއެވެ.
“އެއީ އަޅުގަނޑުމެންގެ ދިރިއުޅުމުގެ ވައްޓަފާޅިއާއި، އަޅުގަނޑުމެންގެ ސަގާފީ ޝަޚުޞިއްޔަތާއި އަޅުގަނޑުމެންގެ ތަރިކައަށް ނުރައްކާވާ ކަމެއް.” ކަނޑުގެ ލޮނުގަނޑު އުފުލުގެ ނުރައްކަލާ މެދު ޑރ. މުޢިއްޒު ވިދާޅުވިއެވެ.
އާންމު މަޖިލީހުގައި ބާއްވާފައިޥާ މަތީ ފެންވަރުގެ ހަފްތާގެ ބައްދަލުވުންތަކުގެ މަޤްޞަދަކީ، އެކިއެކި މައްސަލަތަކާ މެދު ޤައުމުތަކުން ޚިޔާލު އެއްގޮތް ކުރުމާއި ފިޔަވަޅު އެޅުމަށް ސިޔާސީ ލީޑަރޝިޕް އެއްބަސް ކުރުވުމެވެ. ކަނޑުގެ ލޮނުގަނޑު އުފުލުމުގެ ސަބަބުން ކުރިމަތިވާ ގޮންޖެހުމަކީ، ހަމައެކަނި ފަންނީ ނޫނީ މާލީ މައްސަލައެއްގެ ގޮތުގައި ސިފަ ކޮށްދެއްވަން ރައީސުލްޖުމްހޫރިއްޔާ ބޭނުންފުޅެއް ނުވިއެވެ. ނަމަވެސް އެމަނިކުފާނު ކުރެއްސެވި ތަޞްވީރަކީ، އެ ގޮންޖެހުންތަކާ ކުރިމަތި ލުމުގެ މަސައްކަތަކީ، ކުދި ޖަޒީރާ ޤައުމުތަކުން ދިރިދެމި ތިބުމަށް ކުރާ ހަނގުރާމައެއްގެ ގޮތުގައެވެ.
ރައީސް މުޢިއްޒުގެ ތަޤްރީރުގައި ވަނީ ކުދި ޖަޒީރާ ޤައުމުތައް ޣަރަޤުވުމުން ސަލާމަތްކުރުމަށް ދުނިޔެއިން މުހިންމު ތިން ފިޔަވަޅެއް އެޅުމަށް ގޮވާލައްވާފައެވެ.
ފުރަތަމަ ކަމަކަށް ރައީސުލްޖުމްހޫރިއްޔާ ގޮވާލެއްވީ މޫސުމީ ކާރިސާއާ ކުރިމަތިލުމަށް ބޭނުންވާ މާލީ އިންތިޒާމުތައް ހަމަޖައްސައިދިނުމަށެވެ. އަދި ދުނިޔެ ހޫނުވުން ހުއްޓުވުމާއި އެކަމަށް ހުރަސް އެޅުމުގެ ސިޔާސަތުތައް ތަންފީޒު ކުރުމުގެ މާލިއްޔަތާ ދެމެދު އޮތް ފަރަގުގެ ބޮޑުކަން ފާހަގަ ކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އައްސޭރިފަށުގައި ދިރިއުޅޭ މުޖުތަމަޢުތަކަށް އަވަސް އެހީތެރިކަމެއް ބޭނުންވެފައިވާ ކަމަށެވެ.
“އަޅުގަނޑުމެން އެދެނީ މާލީ އެހީ ދިނުމަށް އެކުލަވާލާފައިވާ ބުރަ ބޮޑު، ޕްރޮސީޖާތައް ނައްތާލުމަށް. އަދި މާލީ އެހީތެރިކަން ހޯދާއިރު ފުރިހަމަ ކުރަން ޖެހޭ ޝަރުތުތައް ނައްތާލުމަށް،” ރައީސް މުޢިއްޒު އިލްތިމާސް ކުރެއްވިއެވެ. އަދި މޫސުމީ ކާރިސާއާ ކުރިމަތިލުމަށް ފައިސާ ދޫކުރާއިރު ޤައުމުތަކަށް ބޭނުންވާ ބޭނުންތަކަށް ބަލައިގެން ފައިސާ ދޫކުރުމަށްވެސް ރައީސް އިލްތިމާސް ކުރެއްވިއެވެ. އަދި މުހިންމު ފިޔަވަޅެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ބައިނަލްއަގްވާމީ ތަރައްގީގެ އޮނިގަނޑުގައި އެންޓިގުއާ އެންޑް ބާބޫޑާ އެޖެންޑާ ފޯ ސްމޯލް އައިލެންޑް ޑިވެލޮޕްމަންޓް ސްޓޭޓްސް (އެސްއައިޑީއެސް) ހިމެނުމަށްވެސް ހުށަހަޅުއްވާފައެވެ.
ދެވަނަ ކަމަކަށް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގަތީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން މިހާރުވެސް ބޮޑެތި ގެއްލުންތައް ކުރިމަތިވާ ޤައުމުތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް އެކުލަވާލާފައިވާ މެކޭނިޒަމެއް ކަމަށްވާ ލޮސް އެންޑް ޑެމޭޖް ފަންޑު މިހާރުން މިހާރަށް ހަރަކާތްތެރި ކުރާށެވެ.
އެންމެ ފަހު ކަމަކަށް ރައީސުލްޖުމްހޫރިއްޔާ ވަނީ އެންމެ ނާޒުކު ޤައުމުތަކަށް މޫސުމާ ބެހޭ ޓެކްނޮލޮޖީ އަވަހަށް ލިބޭ ގޮތަށް ހެދުމަށް އިލްތިމާސް ކުރައްވާފައެވެ. ރައީސް ވިދާޅުވީ މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް މަސައްކަތް ކުރުމަށް ސައިންޓިފިކް ޢިލްމާއި ޓެކްނޮލޮޖީގެ ވަސީލަތްތައް އުފެއްދިފައިވީނަމަވެސް އެންމެ ބޮޑަށް ބޭނުންވާ ޤައުމުތަކަށް މި ހައްލުތައް ނުލިބޭ ކަމަށެވެ.
“އަޅުގަނޑުމެންގެ ކިބައިގައި ތަރައްޤީވެ އާލާވުމުގެ ހިތްވަރު އެބައޮތް.” ރައީސް ވިދާޅުވިއެވެ.
ރައީސްގެ ތަޤްރީރުގައި އެންމެ މުހިންމު ކަމަކަށް ފާހަގަ ކުރެވެނީ، މޫސުމާ ދެކޮޅަށް ކުރާ ހަނގުރާމައިގެ އެންމެ ކުރީ ސަފުގައި ރާއްޖެ އޮންނަތާ ދިހަވަރަކަށް އަހަރު ވެފައިވާކަން ހާޒިރީންނަށް ހަނދާންކޮށްދެއްވި ކަމެވެ. އެގޮތުން 1987 ވަނަ އަހަރު ވެރިރަށް މާލެއަށް އެދި އުދައިގެ ސަބަބުން ކުރިމަތިވި ކާރިސާގެ ވާހަކަ ވިދާޅުވެ ދެއްވިއެވެ. އަދި އޭގެ ދެ އަހަރު ފަހުން އެކުލަވާލި “ގްލޯބަލް ވޯމިންގ އެންޑް ސީ ލެވެލް ރައިސް” އާ ބެހޭ މާލޭ ޑިކްލެރޭޝަންގައި ކަނޑުގެ ލޮނުގަނޑު އުފުލުމަކީ “އިންސާނިއްޔަތަށް އާންމު ވެގެންވާ ކަންބޮޑުވުމެއް” ކަން ދުނިޔެއިން ބަލައިގަތް ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެއަށްފަހު އެގޮވާލުންތައް 30 އަހަރުވަންދެން ޤައުމުތަކުން ބޮލާލައި ޖަހާފައިވާކަންވެސް ރައީސް ހަނދާން ކޮށްދެއްވިއެވެ.
ކަނޑުގެ ލޮނުގަނޑު އުފުލުމާ ބެހޭ ގޮތުން ބާއްވާފައިވާ މަތީ ފެންވަރުގެ މި ބައްދަލުވުމަކީ، ދުނިޔެއަށް ކުރިމަތިވާ ގޮންޖެހުންތަކާއި ދިގު މުއްދަތުގެ ސްޓްރެޓެޖީތަކާ ބެހޭ ގޮތުން ލީޑަރުން މަޝްވަރާ ކުރެއްވި ސަމިޓް އޮފް ދަ ފިއުޗާ އަށް ފަހު ބާއްވާފައިޥާ ބައްދަލުވުމެކެވެ.
ރައީސް ވިދާޅުވީ ކަނޑުގެ ލޮނުގަނޑު އުފުލުމަކީ ރާއްޖެއަށް ދުރު މުސްތަގްބަލެއްގައި ކުރިމަތިވާން އޮތް ކަމެއް ނޫން ކަމަށާއި އެއީ މިއަދުވެސް ކުރިމަތިވަމުން އަންނަ، އަދި މިހާރުން މިހާރަށް އަވަސް ހައްލެއް ބޭނުންވެފައިވާ ކަމެއް ކަމަށެވެ.