ރޭޕް ކުރުމުގެ ސަގާފަތާ ދެކޮޅަށް ފިޔަވަޅު އެޅުމެއް ނޯވޭ

ޕާކިސްތާންގައި ރޭޕްކުރުމުގެ ސަގާފަތް އާންމު ވެފައިވާ ކަމަށާއި މަސްއޫލުވެރިންނާއި ޖިނާއީ ޝަރުޢީ ނިޒާމުވެސް އެކަމާ މެދު ހަން ބޯވެފައިވާ ކަމަށް ޑޯން ނޫހުން ބުނެއެވެ. ކުޑަކުދިން ރޭޕް ކުރުމާ ދެކޮޅަށް ޕާކިސްތާނުގެ ދައުލަތުގެ ނިޒާމުން ފަރުވާ ކުޑަ ކުރާކަމަށް ޑޯން ނޫހުން ރިޕޯޓްކޮށްފައިވަނީ ހަތަރު މީހަކު ވެގެން އާއިލާއެއް ރަހީނު ކުރުމަށްފަހު، ކުޑަ ކުއްޖަކު ރޭޕް ކުރި މައްސަލައާ ބެހޭ މަޢުލޫމާތު ޝާއިޢު ކުރުމުގެ ތެރޭގައެވެ.

ޕަކްޕަޓާން ސަރަހައްދުގައި ދަތުރުކުރި ކާރެއް ހުއްޓުވައި ހަޔަރު މީހަކު ވަނީ ކާރު ފޭރިގަނެފައެވެ. އަދި ދެ މީހަކު އާއިލާގެ މެމްބަރުން ރަހީނު ކުރުމަށްފަހު ކާރުގައި އިން ކުޑަ އަންހެން ކުއްޖާ ނަގައިގެން ދަނޑުތެރެއަށް ގެންގޮސް އަނެއް ދެ މުޖުރިމުން އެކުއްޖާ ރޭޕްކޮށްލީއެވެ.

ނޫހުން ބުނެފައިވާ ގޮތުގައި، އެސަރަހައްދުގައި ކުޑަކުދިން ރޭޕް ކުރުން އާންމުވެފައިވާ ކަމުގެ ޑޭޓާ ދައުލަތުގެ އިދާރާތަކަށް ލިބެން ހުރިއިރުވެސް މާބޮޑު ފަރުވާލެއް ނުބަހައްޓައެވެ.

އެހިސާބުގެ ޑޭޓާ ދައްކާ ގޮތުން، 2023 ވަނަ އަހަރު ދުވާލަކު އެވަރެޖުކޮށް 11 ކުދިންނަށް އަނިޔާކޮށް ރޭޕް ކުރާ ކަމަށް ދައްކައެވެ. ތަފާސްހިސާބުތަކުން ޖިންސު ތަފާތުކޮށް ތަހުލީލުކޮށް ދައްކާ ގޮތުގައި ރިޕޯޓްކޮށްފައިވާ ޖުމްލަ މައްސަލަތަކުގެ ތެރެއިން 53 ޕަސެންޓަކީ އަންހެން ކުދިންނެވެ. އަދި 47 ޕަސެންޓަކީ ފިރިހެން ކުދިންނެވެ.

މީގެ އިތުރުން ޖިންސީ ކުށްތަކަކީ އާއިލާއިން ސިއްރުކުރާ ކަންތައްތައް ކަމުން ގެއްލުން ލިބޭފަރާތަށް ނަފްސާނީ އެހީ ދިނުމެއްވެސް ނޯވެއެވެ.

މި ޖަރީމާތައް ހިންގާ މީހުންނާ ދެކޮޅަށް އެދެވޭ ތަޙޤީޤެއް ކުރުމެއްވެސް ނޯވެއެވެ. ސީސީޓީވީތަކުން އެމީހުން ބަލައި ހޯދުމެއް ވެސް ނޯވެއެވެ. އަދި ކުއްލި ހާލަތުގައި ހަރަކާތްތެރިވާ ޔުނިޓްތައް ހަރަކާތްތެރި ކުރުވުމެއްވެސް ނޯވެއެވެ. އޭގެ އިތުރުން ޑޯން އިން ބުނެފައި ވަނީ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުންނަށްވެސް މި ކަންކަމަށް ފަރުވާއެއް ދެވޭ ކަމަކަށް ނުވެއެވެ

ހިއްސާ ކުރައްވާ!