ޕާކިސްތާނުން ގާނޫނުއަސާސީއަށް ގެންނަ ބަދަލުތަކަށް ވޯޓު ނުލިބިފައި

ޕާކިސްތާނުން ވަނީ ފުޅާދާއިރާއެއްގެ ދުސްތޫރީ ބަދަލުތަކެއް ގެނައުމަށް އިސްލާޙުތަކެއް ހުށަހަޅާފައެވެ. މި އިސްލާހުތަކުގައި އާ ފެޑެރަލް ކޮންސްޓިޓިއުޝަނަލް ކޯޓެއް އުފެއްދުމަށް ހުށަހަޅާފައި ވެއެވެ.

މިއީ ދުސްތޫރު މާނަކުރުމާއި އަސާސީ ޙައްޤުތަކާ ގުޅޭ މައްސަލަތައް ބެލުމުގެ ބާރު ލިބިފައިވާނެ ކޯޓެކެވެ. އަދި ސުޕްރީމް ކޯޓުގެ މުހިންމު ޒިންމާތަކެއްވެސް މި ކޯޓުގެ ދަށަށް ބަދަލުވާނެއެވެ.

ފާޑުކިޔާ ފަރާތްތަކުން ބުނާ ގޮތުގައި މި ބަދަލުތަކުގެ ސަބަބުން ސުޕްރީމް ކޯޓު އެކަހެރިކޮށް، އެގްޒެކެޓިވް ބާރުގެ ނުފޫޒު ގަދަވެ، ޝަރުއީ ދާއިރާގެ މިނިވަންކަމާ މެދު ސުއާލު އުފެދިގެންދާނެ އެވެ. މި ދުސްތޫރީ އިސްލާޙުތަކުގެ މުހިންމު އެއް ކަމަކީ އާ ދުސްތޫރީ ކޯޓުގައި ފަނޑިޔާރުންގެ ރިޓަޔާމަންޓް އުމުރު 68 އަހަރަށް އިތުރުކުރުމެވެ. އަދި އެހެން ކޯޓުތަކުގައި ރިތަޔާ ކުރާ ޢުމުރު 65 އަހަރަށް އިތުރު ކުރުމެވެ.

ސަރުކާރުން ހުށަހަޅާފައި ވަނީ، ދުސްތޫރީ ކޯޓުގައި ފަނޑިޔާރުންގެ ދައުރު ތިން އަހަރުގެ މުއްދަތަށް ބާއްވާށެވެ. މި ބަދަލުތަކުގެ މަގުސަދަކީ ޕާކިސްތާނުގެ އުއްތަމަ ފަނޑިޔާރު ގާޒީ ފާއިޒް އީސާ މަޤާމުން ރިޓަޔާ ކުރައްވާއިރު ދުސްތޫރީ ކޯޓުގައި އޭނާއަށް އާ މަގާމަށް އައްޔަން ކުރުން ކަމަށް ބައެއް މީހުން ލަފާކުރެ އެވެ.

މި އިސްލާހުތަކާ ގުޅިގެން ޖަލުގައި ހުންނެވި ލީޑަރު އިމްރާން ޚާންގެ ޕާކިސްތާން ތަހްރީކޭ އިންސާފް (ޕީޓީއައި) ޕާޓީގެ ފަރާތުން ބޮޑެތި ފާޑު ކިޔުންތަކެއް ސަރުކާރަށް އަމާޒުކޮށްފައި ވެއެވެ. ޕީޓީއައިގެ މެމްބަރުން ތުހުމަތުކުރާ ގޮތުގައި މި ބަދަލުތަކަކީ ސިޔާސީ މައިދާނުން ޚާން ދުރުކުރުމަށް ފަރުމާކޮށްފައިވާ ބަދަލުތަކެއް ކަމަށެވެ.

ޕީޓީއައިގެ ލީޑަރެއް ކަމަށްވާ ސައީދު ޒުލްފީ ބުޚާރީ ވަނީ ޕާލަމެންޓްގައި ސަރުކާރަށް ބޭނުންވާ ތިންބައިކުޅަ ދެބައި އަޣުލަބިއްޔަތު ހޯދުމަށް ކުރާ މަސައްކަތާ މެދު ޝައްކުއުފައްދަވާފައެވެ.

ޕާކިސްތާން މުސްލިމް ލީގު-ނަވާޒް (ޕީއެމްއެލް-އެން) ގެ ކޯލިޝަން ސަރުކާރު މެމްބަރުންނަށް މިހާތަނަށް ބިލް ފާސްކުރުމަށް ބޭނުންވާ ވޯޓް ހޯދިފައި ނުވެ އެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި ސަރުކާރު ކޯލިޝަން ޕާޓްނަރ ޖަމްޢިއްޔަތޭ އުލަމާއޭ  އިސްލާމް ފަޒްލް (ޖޫއައި-އެފް) އިން ވަނީ ސަޕޯޓު ކުރުމަށް ދެކޮޅު ހަދާފައެވެ.

ޕާކިސްތާނުގެ ބާ ކައުންސިލްގެ މެމްބަރުން ވަނީ މި އިސްލާޙުތައް ފާސްކުރުމާ ދެކޮޅަށް ސުޕްރީމް ކޯޓަށް މައްސަލައެއް ހުށަހަޅާފައެވެ. އެމީހުންގެ ޕެޓިޝަންގައި ބުނެފައިވަނީ އެ އިސްލާހުތަކުގެ ސަބަބުން ޝަރުއީ ދާއިރާގެ މިނިވަންކަން ގެއްލޭނެ ކަމަށެވެ. އަދި ގާނޫނުއަސާސީން ބާރުތައް ވަކިކޮށްފައިވާ ގޮތާ ހިލާފުވާނެ ކަމަށެވެ.

ހިއްސާ ކުރައްވާ!