އިންޑިއާއާއި ރާއްޖެއާ ދެމެދު އޮންނަ ގުޅުމަށް ރައީސުލްޖުމްހުރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަޢުރީފް ކުރައްވައިފިއެވެ. ނިއުޔޯކުގައި ހުންނަވައިގެން، އިންޑިއާގެ އޭއެންއައި ނިއުސް އެޖެންސީއަށް ދެއްވި ބަސްދީގަތުމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވީ، އެމަނިކުފާނު ހުންނެވީ އިންޑިއާއަށް ޒިޔާރަތް ކުރެއްވުމަށް ތައްޔާރަށް ކަމަށެވެ.
“އަޅުގަނޑު މި ރާވަނީ ވީހާވެސް އަވަހަކަށް (އިންޑިއާ) އަށް ޒިޔާރަތް ކުރަން… އަޅުގަނޑުމެންގެ ދެ ގައުމުގެ ގުޅުމަކީ ވަރަށް ވަރުގަދަ ގުޅުމެއް،” އޭއެންއައިއާ ވާހަކަ ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރާއްޖޭގެ މީޑިއާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ އިންޑިއާއަށް ޒިޔާރަތް ކުރައްވާނީ އަންނަ މަހުގެ 7ން 9 ށެވެ. ނަމަވެސް ރައީސް އޮފީހުން ދަތުރުފުޅުގެ ތާރީޚާ ބެހޭ ގޮތުން ވަކި އެއްޗެއް އަދި ކަށަވަރުކޮށްދީފައެއް ނުވެއެވެ.
ރާއްޖެއާ އިންޑިއާގެ ގުޅުން ހީނަރުވެގެން ދިޔަފަހުން، ގުޅުން އާލާކުރުމަށް އެކި ފަރާތްތަކުން ވަނީ ޚާއްސަ މަސައްކަތްތަކެއް ކޮށްފައެވެ. މިނިސްޓަރ އޮފް ޓޫރިޒަމް އިބްރާހީމް ފައިޞަލްވެސް ވަނީ އިންޑިއާއަށް ޒިޔާރަތް ކުރައްވައި އިންޑިއާގެ ފަތުރުވެރިން ރާއްޖެއަށް އަލުން ޒިޔާރަތް ކުރުމަށް މަރުޙަބާ ވިދާޅުވެ، ރޯޑްޝޯތައް ބާއްވަވާފައެވެ. ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން، އިންޑިއާއާ ރާއްޖޭގެ ގުޅުން ވަޅޯވުމުގެ ސަބަބުން އިންޑިއާއިން ރާއްޖެއަށް ޒިޔާރަތް ކުރާފަތުރުވެރިންގެ އަދަދު ވަނީ މިދިޔަ އަހަރާ އަޅާބަލާއިރު 33 ސައްތައަށް ދަށްވެފައެވެ.
އިންޑިއާގެ ޚާރިޖީ ވަޒީރު އެސް ޖަޔަޝަންކަރުވެސް ވަނީ ރާއްޖެއަށް ރަސްމީ ދަތުރުފުޅެއް ކުރައްވައި ރާއްޖޭގައި މުހިންމު މަޝްވަރާތަކެއް ބާއްވަވާފައެވެ. އަދި ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްތަކެއްވެސް އިފްތިތާހުކުރައްވައި އެމްއޯޔޫތަކުގައި ސޮއިކުރައްވާފައެވެ.
އިންޑިއާއިން ވަނީ ރާއްޖޭގެ ބަޖެޓް ސަޕޯޓަށްވެސް އެހީތެރިކަން ދީ، ދެ ލޯނެއް ރޯލްއޯވާ ކޮށްދީފައެވެ. ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ވަނީ އިންޑިއާއިން ދެއްވި އެއްބާރުލުމަށް ޝުކުރު އަދާކޮށްފައެވެ.