ޕާކިސްތާންގެ ގަވަދާރް ބަނދަރުގައި ޗައިނާއިން އަސްކަރީ މަރުކަޒެއް ބިނާ ކުރަން އުޅޭ ކަމަށް ބުނާ ވާހަކަ ދޭތެރެދޭތެތޭން މީޑިއާގައި ރިޕޯޓް ކުރެއެވެ. އަފްޣާނިސްތާންގެ އިނގިރޭސި ބަހުން ޝާއިއު ކުރާ ޚާމާ ޕްރެސްގައި އަނެއްކާވެސް ޗައިނާއިން ނޭވަލް ބޭސްއެއް ހަދަން އުޅޭ ކަމަށް ރިޕޯޓް ކޮށްފިއެވެ. ގަވަދާރަކީ ޕާކިސްތާންގެ މުހިންމު 3 ބަނދަރުގެ ތެރޭން އެއް ބަނދަރެވެ. ނަމަވެސް މިއީ އަނެއް ދެ ބަނދަރާ އެއްވަރަށް އުޅަނދުތައް ލަފާ ފުރުން އާންމު ބަނދަރެއް ނޫނެވެ.
ޕާކިސްތާނުން ވަނީ 40 އަހަރުގެ މުއްދަތަށް ގަވަދާރް ބަނދަރު ޗައިނާއަށް ދީފައެވެ. އަދި ޗައިނާއިން ވަނީ އެ ބަނދަރު ތަރައްޤީ ކޮށްފައެވެ. ފޯބްސް މަޖައްލާގައިވެސް ބުނެފައި ވަނީ ޗައިނާއިން ކަނޑުގެ ސިފައިންގެ ދެ ވަނަ މަރުކަޒެއް ޤައުމުން ބޭރުގައި ހަދާނެ ނަމަ އެތަނަކީ، ގަވަދާރް ކަމަށެވެ. ޗައިނާއިން ވަނީ ޖިބޫޓީގައި އެފަދަ މަރުކަޒެއް ޤާއިމް ކޮށްފައެވެ. އަދި ކެމްބޯޑިއާގައިވެސް ޗައިނާއިން ކަނޑުގެ ސިފައިންގެ މަރުކަޒެއް ހަދަން އުޅޭ ކަމުގެ ވާހަކަތައް ދަނީ އާންމު ވަމުންނެވެ.
ޗައިނީޒް މެރިން ސްޓަޑީޒްގެ މުޙައްލިލުން އެލުލަވާލި ދިރާސާއެއްގައި ބުނެފައި ވަނީ، އެ ބަނދަރު އަސްކަރީ ތަނަކަށް ބަދަލުވިއަސް ނުވިއަސް އެއީ ޗައިނާގެ ޚާރިޖީ ސިޔާސަތުގެ މަގްސަދުތައް ޙާސިލުކޮށްދޭނެ ތަނެއް ކަމަށެވެ. އަދި އެއީ ޗައިނާއަށް އިންޑިއާ ކަނޑާއި އަރަބި ކަނޑަށް ނިކުތުމަށް މުހިންމު ދޮރެއްކަމަށް ފާހަގަ ކުރިއެވެ.