މިއަދަކީ ޞަލާޙުއްދީނަށް ފަހު 700 އަހަރު ފަހުން މުސްލިމުންނަށް ނަޞްރު ލިބުނު ފުރަތަމަ ދުވަސް

މިސްރު ސިފައިން 1973 ގެ އޮކްޓޯބަރު 6 ގައި ކުރި ހަނގުރާމައިން ހޯދި ނަޞްރަކީ، ޞަލާޙުއްދީނުލްއައްޔޫބީ ސޮލީބީންނާ ދެކޮޅަށް ހޯދި ކާމިޔާބީގެ 700 އަހަރު ފަހުން ލިބުނު ފުރަތަމަ ކާމިޔާބީއެވެ. މި ހަނގުރާމައަކީ، މީގެ 51 އަހަރު ކުރިން ޒަޔަނިސްޓުންނާ ދެކޮޅަށް ރޯދަ މަހުގެ 10 ވަނަ ދުވަހު މިސްރުން ކުރި ހަނގުރާމައެވެ.

އޮކްޓޫބަރު މަހަކީ ޒަޔަނިސްޓުންނަށް ސުންޕާ މަހެކެވެ. އޮކްޓޫބަރު ހަނގުރާމައިގެ 50 އަހަރު ފާހަގަ ކުރަމުން ދަނިކޮށް މިދިޔަ އަހަރު ހަމާސްއިން ފަލަސްޠީނުގެ މިނވަންކަމުގެ ހަނގުރާމަ ފެށީ އޭގެ އެއްދުވަސް ފަހުންނެވެ.

ފަންސާސް އެއް އަހަރު ފަހުންވެސް އޮކްޓޯބަރު ހަނގުރާމައަކީ މެދުއިރުމަތީގެ ތާރީޚުގައި އަދިވެސް ފާހަގަކޮށްލެވޭ ހަނގުރާމައެކެވެ.

އޮކްޓޯބަރު ހަނގުރާމައިގެ މުނާސަބާ ފާހަގަ ކުރުމަށް މިއަދަކީ މިސްރު ސަރުކާރު ރަސްމީ ބަންދު ދުވަހެކެވެ. އަދި ދުވަހުގެ މުނާސަބާގައި މިސްރުގެ މިއުޒިއަމްތައް ވަނީ ހިލޭ އާންމުންނަށް ވަދެވޭ ގޮތަށް ހުޅުވާފައެވެ.

މިއަދު މިސްރުގެ ރައީސް އަބްދުލްފައްތާޙު ސީސީ ވަނީ އޮކްޓޯބަރުގެ ހަނގުރާމައިގެ ހަނދާނީ މަރުކަޒަށް ވަޑައިގެން ގެއްލިފައިވާ ސިފައިންގެ މަހާނައަށް މާބޮނޑިއެއް ހަދިޔާ ކުރައްވާފައެވެ.

އޮކްޓޫބަރު ހަނގުރާމައަށް 51 އަހަރު ފާހަގަ ކުރާއިރު އެއްޒަމާނެއްގައި އަރަބިންގެ އެންމެ ބާރުގަދަ ޤައުމު މިއަދު ވަނީ ވަށައިގެން ދުޝްމަނުން ހިސާރަކޮށްފައިވާ ބަލިކަށި ޤައުމަކަށް ވެފައެވެ.

ހޫސީން ދެމުންދާ ހަމަލާތަކާ ހެދި ބާބުލްމަންދަބް ބަންދުވުމާ ގުޅިގެން ސުއޭސް ކެނަލްގެ އާމްދަނީ ދަށްވެފައި ވެއެވެ.

މިސްރާ އިންވެގެން އޮންނަ ސޫދާނުގައި ސިފައިންނާއި ރެޕިޑް ފޯސްއާ ދެމެދު ހިނގަމުންދާ އަހުލީ ހަނގުރާމައިގައި މިސްރުގެ ސަލާމަތަށް ނުރައްކާ ކޮށްފައި ވެއެވެ. ޔޫއޭއީން ފައިސާ ދީގެން ހަނގުރާމަ ކުރާ ރެޕިޑް ފޯސްއިން ވަނީ މިސްރާއި ސޫދާން މެދުގެ މިން ވަކި ކުރާ ސަރަހައްދާ ކައިރި ހިސާބު ހިފުމަށްފަހު މިސްރުގައި ނޫބާ ނަމަކަށް ކިޔާ މިނިވަން ގައުމެއް (ސޫދާނާއި މިސްރާ ދެމެދު) އުފެއްދުމަށް ބަޣާވާތް ކުރުމަށް ހިތްވަރު ދީފައެވެ. އަދި ރެޕިޑް ފޯސްއިން ވަނީ މިސްރަށް ފެން ލިބޭ ނީލަކޯރަށް ހުރަސް އަޅާފައެވެ.

ވިކްޓޯރިއާ ފޯލްސްއިން އިތިއޯޕިއާ ތެރޭން ލައިގެން ނީލަކޯރު ފެށިގެން އަންނައިރު، ބްލޫ ނީލް އަކީ އިތިއޯޕިއާގެ ބައެކެވެ، އަދި ވައިޓް ނައިލްއަކީ ސޫދާނުން މިސްރަށް ފެން ލިބޭ ކޯރެވެ.

އިތިއޯޕިއާއިން ވަނީ ނީލަކޯރުގެ ފެން ކޮންޓްރޯލު ކުރުމަށް ޔޫއޭއީން ދިފައިވާ ފައިސާއިން މާސިންގާ ރެނައިސެންސް ޑޭމްއެއް ހަދާފައެވެ. މި ޑޭމް ހެދުމުގެ ސަބަބުން މިސްރަށް ލިބޭ ނީލަ ކޯރުގެ ފެނުގެ ހަތަރު ބައިކުޅަ 3 ބައި ވަނީ މިސްރަށް ނުލިބޭ ގޮތް ވެފައެވެ. ރެނައިސަންސް ޑޭމް ހެދުމުގެ މަސައްކަތް އިތިއޯޕިއާއިން ފެށި ހިސާބުން މިސްރުން ދަނީ އަނގަބަހުން އިންޒާރު ދެމުންނެވެ. އަމަލީ ގޮތުން ފިޔަވަޅެއް އަޅާފައެއް ނުވެއެވެ.

ކަނޑަށް ފައިބާނެ އައްސޭރިއެއް ނެތި ބަންދުވެފައިވާ، އިތިއޯޕިއާއިން ވަނީ ޖިބޫޓީއާއި ސޯމާލީލޭންޑްގައި ދެ ބަނދަރު ހަދައިގެން ބާބުލްމަންދަބަށް ފައިބާފައެވެ. މި ދެ ބަނދަރަކީވެސް އިތިއޯޕިއާގެ މަނަވަރުތައް ބާއްވާފައިވާ ދެބަނދަރެވެ. އިތިއޯޕިއާ ވަނީ މިސްރަށް ކަނޑުމަގުންވެސް ނުރައްކާވާ ގޮތަށް އަސްކަރީ ތަދުބީރުތައް ރާވާފައެވެ.

ޔަންބުޢު ބަނދަރުގައި ފަރަނސްސޭސި މަނަވަރަކަށް ބަލަހައްޓައިގެން

ރެޑް ސީގައި އެމެރިކާ ވަނީ ސަޢޫދީ ޔަންބުޢު ބަނދަރުން މިސްރު ވަށާލާފައެވެ. ޔަންބުޢު ބަނދަރަކީ އެމެރިކާގެ މަނަވަރުތައް މަރާމާތަށް މަޑުކުރާ ބަނދަރެވެ. ޔަންބުޢުއަކީ ޠާއިފްއާއި ތަބޫކު ފިޔަވައި (އީރާންނަށް ހަމަލަ ދޭން ޖެހިއްޖެނަމަ) އެމެރިކާ ސިފައިންގެ މެދުއިރުމަތީގެ ސެންޓްރަލް ކޮމާންޑުން ބޭނުންކުރާނެ މަރުކަޒެއް ކަމަށް އިޢުލާން ކޮށްފައިވާ ތަނެކެވެ.

މިސްރުގެ އެންމެ ވަރުގަދަ އަސްކަރީ މަރުކަޒު މުޙައްމަދު ނަޖީބް މިލިޓަރީ ބޭސްއަކީ، މަރްސާ މަޠުރޫޙުގައި މެޑިޓެރޭނިއަން ކަނޑަށް އޮންނަ މަރުކަޒެކެވެ. މިއީ އެއް ފަރާތުން ޔަންބުޢު އަދި މެޑިޓެރޭނިއަން ކަނޑުން ނޭޓޯގެ ސިފައިންގެ އަސްކަރީ އުޅަނދުތަކާ ސީދާ ކުރިމަތީގައި އޮންނަ، ވަށާލެވިފައިވާ މަރުކަޒެކެވެ.

ޔަންބުޢުގެ އިންޑަސްޓްރިއަލް ސައިޓް ބަލާލުމަށް އެމެރިކާގެ ސިތްކޮމްގެ މެމްބަރުން: ފޮޓޯ ވަން ޑިފެންސް

ފަލަސްޠީނުގެ ދެބައި ކަމަށްވާ ހުޅަނގު އައްސޭރިއަށް ޖޯޑަން އިން ނުފޫޒު ފޯރުވަމުން ދިޔައިރު މިސްރުން ދިޔައީ ޢައްޒާއަށް ނުފޫޒު ފޯރުވަމުންނެވެ. މިނިވަންކމުގެ ހަނގުރާމަ ފެށިފަހުން އިޒްރޭލުން ވަނީ ޣައްޒާއިން މިސްރު ފައްސާލާފައެވެ. އަދި މިސްރާއި ޣައްޒާއާ ދެމެދު އޮންނަ 14 ކިލޯމީޓަރުގެ ދިގު ޞަލާޙުއްދީން ބިންކޮޅު (ފިލަޑެލްފިޔާ ކޮރިޑޯ) އިން މިސްރު ފައްސާލުމަށްފަހު މިހާރު އެތަން ކޮންޓްރޯލު ކުރަނީ އިޒްރޭލުންނެވެ. މިއީ 1973ގެ ކެމްޕް ޑޭވިޑް މުޢާހަދާގައި މިސްރުގެ ޤައުމީ ސަލާމަތަށް ޓަކައި މިސްރުން ކޮންޓްރޯލުކުރުމަށް ހުއްދަ ދީފައިވާ ބިންކޮޅެކެވެ.

ފިލަޑެލްފިއާ ކޮރިޑޯ

މުޙައްލިލުން ބުނަމުން ދަނީ އެމެރިކާގެ ރިއާސީ އިންތިޚާބަށްފަހު، ފިލަޑެލްފިޔާ ކޮރިޑޯ ހުރަސްކޮށް މިސްރަށް އިތުރަށް ގޮންޖެހުންތައް ކުރިމަތިވާނެ ކަމަށެވެ. އަދި އިޒްރޭލުން ހިންގަމުންދާ ހަނގުރާމައިން މެދުއިރުމައްޗަށް ބަދަލު އަންނަ ހިނދު މިސްރަށް ސީނާގެ ބިން ވެސް ގެއްލޭނެ ކަމަށެވެ.

އެމެރިކާގައި ކޮންމެ ޕާޓީއަކުން ރިއާސީ އިންތިޚާބު ކާމިޔާބު ކުރިކަމުގައިވިއަސް، ޣައްޒާ މީހުން މިސްރުގެ ސީނާއަށް ބޭރުކޮށްލައި ނަސްލު ސާފުކޮށްލުމަށް އިޒްރޭލަށް އެމެރިކާއިން އެހީވާނެ ކަމަށް ބެލެވެއެވެ. އެފަދަ ޙާލަތެއްގައި މިސްރުގެ ސީސީއަށް އޮންނާނީ ދެ ޚިޔާރެކެވެ. ވެރިކަން ބޭނުންފުޅުނަމަ އެމެރިކާއަށް ދީލާލުމެވެ!

ހިއްސާ ކުރައްވާ!