ޔޫކްރޭންގެ މައްސަލަ ހައްލުކުރުމަށް މޮސްކޯއިން އަދިވެސް ތައްޔާރަށް އޮތް ކަމަށާއި އެކަމުގައި ދެ ފަރާތުން ވެސް ކޮމްޕްރޮމައިޒް ކުރަންވާނެ ކަމަށް ރަޝިޔާގެ ރައީސް ވްލަޑިމިއާ ޕޫޓިން ވިދާޅުވެއްޖެ އެވެ.
ރަޝިޔާގެ މީޑިއާއިން ހުކުރު ދުވަހު ހެނދުނު އާންމުކުރި ކާޒާންގައި ކުރިއަށްދާ ބްރިކްސް ސަމިޓުގެ ހަވާސާގައި ޕޫޓިން ދެއްވި އިންޓަވިއުއެއްގައި ޔޫކްރޭނާއެކު ކުރިއަށްދާ ހަމަނުޖެހުން ނިމުމަކަށް ގެނައުމަށް އޭނާގެ ސަރުކާރުން ތަސައްވަރު ކުރަނީ ކިހިނެއްތޯ ޕޫޓިންއާ ސުވާލު ދަންނަވާފައިވެ އެވެ.
“ކޮންމެ ނަތީޖާއެއް ވެސް ރަޝިޔާއަށް ފަހިވާންޖެހޭނެ، އަދި އަޅުގަނޑު އެކަން މިދަންނަވަނީ ސާފުކޮށް،” ޕޫޓިން ވިދާޅުވި އެވެ. އެހެން ނަމަވެސް، މޮސްކޯގެ ފަރާތުން ލުޔެއްދީ، ކޮމްޕްރޮމައިޒް ވުމަކީ “ބުއްދިވެރި” ކަމެއް ކަމަށްވާ ހިނދު ޔުކްރެއިން އިން އެކަން ބޮލާލައި ޖެހުމަކީ، ހަމަޖެހޭ ކަމެއް ނޫން ކަމަށް ރަޝިޔާގެ ލީޑަރު ވިދާޅުވި އެވެ.
ހިތާމައަކީ ޔޫކްރޭނުން މަޝްވަރާ ކުރަން ބޭނުން ނުވުމުން މޮސްކޯއިން ހުށަހަޅަން ބޭނުންވާ ކަންކަން މޭޒުމައްޗަށް ނުގެނެވޭ ކަމެވެ.
ޕޫޓިން ވިދާޅުވީ މޮސްކޯއަށް ދާދި ފަހުން އަންކާރާއިން ހުށަހެޅި ހުށަހެޅުން އައިސްފައި ވަނީ ތުރުކީގެ ރައީސް ރަޖަބް ތައިބް އުރުދުޣާން މެދުވެރިކޮށް، ކިއެވްއިން ފޮނުވައިގެންނެވެ.
“އަޅުގަނޑުމެން އެކަމަށް އެއްބަސްވީ، އަދި ޖެހިގެން އައި ދުވަހު ޔުކްރޭންގެ ލީޑަރު ވްލަޑިމިއާ ޒެލެންސްކީ އާންމުކޮށް އިއުލާން ކުރެއްވީ އެއްވެސް ކަމެއްގައި މަޝްވަރާ ނުކުރާނެ ކަމަށް،” ރައީސް ޕޫޓިން ވިދާޅުވި އެވެ. “މިއީ ބުއްދިވެރި ސުލޫކެއް ނޫން! މިއީ ލަފާކުރަން އުނދަގޫ ކަމެއް. މި ކަހަލަ އަމަލުތަކުގެ މައްޗަށް ބިނާކޮށް އެއްވެސް ޕްލޭނެއް ނުހެދޭނެ. އެހެންކަމުން މަޝްވަރާކުރުމުގެ އެއްވެސް މާނައެއް ނެތް،” ޕޫޓިން ވިދާޅުވި އެވެ.
މި ވާހަކަފުޅު ޕޫޓިން ދެއްކެވީ ބްރިކްސް ޖަލްސާގެ އެންމެ ފަހު ދުވަހު ދިގު ނޫސްވެރިންގެ ބައްދަލުވުމެއްގަ އެވެ.