ރައީސް މައުމޫނުގެ ވެރިކަމުގައި އަތޮޅުތަކުގެ ހިންގުން ގެންދިޔައީ މާރނގަޅަށް ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދެކުނު ދާއިރާގެ ޕީއެންސީ މެމްބަރު އިބްރާހީމް ދީދީ ހެޔޮބަސްތަކެއް ވިދާޅުވެއްޖެއެވެ. އެމްޕީ އިބްރާހީމް ދީދީ ވަނީ، ކުރިން ރަށްރަށުގައި ވެރިކަން ހިންގަމުން ގެންދިޔަ، އަތޮޅު ވެރިންނާއި ކަތީބުންގެ ނިޒާމަށް ރުޖޫއަ ވުމަށް ވެސް ގޮވާލައްވާފައެވެ.
ރާއްޖޭގައި ލާމަރުކަޒީ ނިޒާމު ތަޢާރަފް ކުރުމުގެ ކުރިން އަތޮޅުތަކާއި ރަށްތައް މަރުކަޒީ ނިޒާމަކަށް ވެރިކަން ކުރަމުން އައިއިރު، އަތޮޅުވެރިން އިންތިޚާބުކޮށް އަދި ފަހުން އަތޮޅުވެރިން އައްޔަން ކޮށް، ބޮޑު ކަތީބުންނާއި ކުޑަ ކަތީބުން އައްޔަން ކުރަމުން ދިޔައެވެ. މިއީ ރައީސުލްޖުމްހޫރިއްޔާގެ އިޚުތިޞާޞްގައި އޮތް ކަމެކެވެ. އަދި ރަށްރަށާއި އަތޮޅުތަކުގައި އަމުރު މައުރޫފް ހިންގައި ވެރިކަމުގެ ހިންގުން ބަލަހައްޓަމުން ގެންދެވީ އަތޮޅުވެރިންނާއި ކަތީބުންނެވެ. އަދި އެބޭފުޅުން ޖަވާބުދާރީ ވާން އޮތީ އެޓޯލްސް އެޑްމިނިސްޓްރޭޝަން ނަމަކަށް ކިޔާ މިނިސްޓްރީއަކަށެވެ.
އަތޮޅުވެރިންނާއި ކަތީބުންގެ މި ނިޒާމަކީ ދެކުނު އޭޝިއާގައި އެންމެ ޤަދީމީ އިއްތިހާދީ ވެރިކަމެއް ހިންގަމުން އައިސްފައިވާ ރާއްޖޭގައި ދިވެހިން އަމިއްލައަށް އަށަގަންނުވައި، ތަރައްޤީ ކުރި ޖަޒީރާ ވެރިކަމުގެ ނިޒާމެކެވެ.
އޭސީސީގެ ގާނޫނަށް އިސްލާޙު ގެނަސް އެ މުއައްސަސާގެ ރައީސާއި ނާއިބް ރައީސްގެ މަގާމަށް މަޖިލީހުން ފަސްކުރާ ނަންތަކެއް އައްޔަން ކުރުމުގެ ބާރު، ރައީސުލްޖުމްހޫރިއްޔާއަށް ދިނުމަށް ގާނޫނަށް އިސްލާހު ކުރުމަށް ކުރަމުން ދިޔަ ބަހުސްގައި މަޖިލީހުގެ ތަޅުމުގައި ޖަޒްބާތުގައި ވާހަކަ ދައްކަވަމުން، އިބްރާހީމް ދީދީ ވިދާޅުވީ، ކުރީގެ އަތޮޅު ވެރިންނާއި ކަތީބުންގެ ނިޒާމުގައި އަތޮޅުތަކުގެ ކަންކަން މިހާރަށްވުރެ މާ ރަނގަޅަށް ހިނގާފައިވާ ކަމަށެވެ.
އިބްރާހިމް ދީނީ ވަނީ މިނިވަން މުއައްސަސާތަކުގެ ވެރިންނަށްވެސް ފާޑު ވިދާޅުވެފައެވެ. އެބޭފުޅުންނަށް ހީވާ ގޮތުގައި އެބޭފުޅުންނަކީ ޤައުމުގެ ވެރިން ކަމަށްވެސް އިބްރާހިމް ދީދީ ސިފަ ކުރެއްވިއެވެ. އަދި އެ މުއައްސަސާތައް ހިނގަމުން ދަނީ ދިވެހި ސަރުކާރާއި ރައްޔިތުން ބޭނުންވާ ގޮތަށް ނޫންކަމަށްވެސް ވިދާޅުވިއެވެ.
މިނިވަން މުއައްސަސާތަކުގެ ވެރިން އައްޔަން ކުރުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ދޭ ގޮތަށް ނިންމާއިރު، އަތޮޅު ކައުންސިލްތަކުގެ ވެރިން އައްޔަން ކުރުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ދޭން ޖެހޭނެކަމަށްވެސް އިބްރާހިމް ދީދީ ވިދާޅުވިއެވެ.
ކާފު ނޫހުން މިކަން އިތުރަށް ސާފުކޮށްލުމަށް އިބްރާހިމް ދީދީއަށް ދެންނެވުމުން ޖަވާބެއް ނުލިބުނެވެ.
ކައުންސިލްތައް ހިނގަމުންދާ ގޮތާ ބެހޭ ގޮތުން އިބްރާހިމް ދީދީ ވިދާޅުވި ވާހަކައަށް އެލްޖީއޭއިން ބަހެއް ހޯދާލުމަށް އެ އިދާރާގެ ސީއީއޯއަށް ދަންނަވާލުމުންވެސް ޚަބަރެއް ނުވިއެވެ.