ހަށިގަނޑު ހާމަކޮށްގެން ކުރާ މަސައްކަތުން ލިބޭނެ ހަގީގީ ކާމިޔާބީއެއް ނެތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.
“ފިރިހެނަކުވިޔަސް، އަންހެނަކުވިޔަސް، މާތް ﷲ ރުހިވޮޑިގެންނުވާ ގޮތަކަށް ތިމާގެ ހަށިގަނޑު ހާމަކޮށްގެން ކުރާ މަސައްކަތަކުން ނުވަތަ ބައިވެރިވާ ކުޅިވަރަކުން، ތިމާއަށް ނުވަތަ ތިމާގެ ދިނާއި ޤައުމަށް ލިބޭނެ ޙަޤީޤީ ރީތިނަމެއް، އުފަލެއް، ކާމިޔާބީއެއް ނެތް! ” ރައީސް ޑރ. މުޙައްމަދު މުޢިއްޒު ކުރެއްވި ޓުއީޓެއްގައި ވިދާޅުވިއެވެ.
ދިވެއްސަކު މިސް ޔުނިވާސްގައި ބައިވެރިވާތީ އެކަމާ މެދު ދެކޮޅަށް ގިނަ ބަޔަކު ވަނީ މީސްމީޑިއާގައި ބަހުސްކޮށްފައެވެ.
ރައީސްގެ ޓުއީޓުގައި އިތުރަށް މިއާޔަތަށްވެސް ހަވާލާ ދެއްވިއެވެ.
“وَقُلْ جَاءَ الْحَقُّ وَزَهَقَ الْبَاطِلُ ۚ إِنَّ الْبَاطِلَ كَانَ زَهُوقًا ﴿٨١﴾ “އަދި ކަލޭގެފާނު ވިދާޅުވާށެވެ! ޙައްޤު ތެދުގޮތް އަތުވެއްޖެއެވެ. އަދި ބާޠިލު ގޮތް ނެތި ފިލައިހިނގައްޖެއެވެ. ހަމަކަށަވަރުން، ބާޠިލަކީ، ނެތިވެ ފިލައިދަނިވި އެއްޗެއްކަމުގައިވިއެވެ.”