ދިވެހިރާއްޖޭގެ ޤައުމީ ޚިދުމަތުގެ ޕްރޮގްރާމުގެ ތެރެއިން، ސިފައިންނާއި ފުލުހުންގެ ޚިދުމަތަށް، ކުރިއަށް އޮތް 4 އަހަރު ދުވަހުގެ ތެރޭގައި 5000 ޒުވާނުން ރެކްރޭޓުކުރެއްވުމުގެ ޕްލޭނެއް ރައީސުލްޖުމްހުރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތައާރަފް ކުރައްވައިފިއެވެ.
ނަޞްރު ދުވަހުގެ މުނަސަބާގައި ބޭއްވި ޖަލްސާގައި ތަޤްރީރު ކުރައްވަމުން، ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އެއީ، ސިފައިންގެ ޚިދުމަތަށް ރެކްރޭޓު ކުރާ ހަތަރުހާހެއްހާ ސިފައިންނާއި، ފުލުހުންގެ ޚިދުމަތަށް ރެކްރޫޓުކުރާ ހާހެއްހާ އޮފިސަރުންކަމުގައެވެ.
ކުރިއަށް އޮތް 2025 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކުވެސް، ދިވެހިރާއްޖޭގެ ޤައުމީ ޚިދުމަތުގެ ޕްރޮގްރާމުގެ ނަމުގައި ދިވެހި ސިފައިންނާއި ފުލުހުންގެ ޚިދުމަތަށް އޮފިސަރުން ރެކްރޫޓުކުރުމުގެ ޤައުމީ ޕްރޮގްރާމެއް ހިންގަމުންދާނެއެވެ.
ނަސްރުގެ ދުވަސް ފަދަ މުނާސަބާތައް ފާހަގަކުރަމުން ދާއިރު، މުސްތަގުބަލަށް ފޯރުކޮށްދެވޭ ދިވެހި ޤައުމަކީ، ސަލާމަތާއި މިނިވަންކަން ލިބިގެންވާ ގައުމަކަށް ހެދުމަށްޓަކައި ކުރަންޖެހޭ ކަންތައްތަކެއް އެބަހުރިކަން ރައީސުލްޖުމްހުރިއްޔާ ފާހަގަ ކުރެއްވިއެވެ.
އެގޮތުން، ސާނަވީ ތައުލީމު ނިންމުމަށްފަހު އެކި ސަބަބުތައް މެދުވެރިވެގެން ތަޢުލީމީ ޙަޔާތް ކުރިއަށް ގެންދެވެން ނެތް، އަދި ވަޒީފާގެ ފުރުސަތުވެސް ތަނަވަސްވެފައި ނެތް، 16 އަހަރުން މަތީގެ ދިވެހި ދަރީން، ދިވެހިރާއްޖޭގެ ޤައުމީ ޚިދުމަތުގެ ޕްރޮގްރާމުގައި ބައިވެރިކޮށް، ދިވެހި ސިފައިން ނުވަތަ ފުލުހުންގެ ހިދުމަތަށް ރެކްރޫޓް ކުރެވޭނެކަމަށް ރައީސް ވިދާޅުވިއެވެ.
ތަފާސްހިސާބުތަކަށް ޙަވާލާ ދެއްވަމުން، ރައީސް ވިދާޅުވީ، ކޮންމެ އަހަރަކުވެސް އޯލެވެލް ފުރިހަމަ ކުރުމަށްފަހު އެއަށްވުރެ މަތީ ފާހަކަށް ނުކިޔެވި، ނުވަތަ ވަޒީފާއެއް ނެތިފައި 500 އާއި 1000 އާއި ދެމެދުގެ އަދަދެއްގެ ޒުވާނުން ތިބޭ ކަމަށާއި ދިވެހިރާއްޖޭގެ ޤައުމީ ޚިދުމަތުގެ ޕްރޮގްރާމުގެ ސަބަބުން އެކަން ބަދަލުވެގެންދާނެ ކަމުގަ އެވެ.
ޢިލްމާއި ވަޒީފާގެ ފުރުސަތުތަކުން މަހްރޫމުވުމުގެ ނަތީޖާއަކަށް ވަނީ މަސްތުގެ ވަބާގެ ތެރެއަށް ވަދެގެންދާ މީހުންގެ އަދަދު އިތުރުވުން ކަމަށާއި، އެކަމުގެ ނަތީޖާއަކަށް ވަނީ ސަރުކާރާއި، މުޖުތަމަޢު އަދި އާއިލާތަކުން އުފުލަންޖެހޭ ބުރަ ބޮޑުވުން ކަމުގައި ރައީސް ވިދާޅުވިއެވެ. އަދި އެކަމުގެ ނޭދެވޭ އަސަރު، އިގްތިސާދަށްވެސް ފޯރާކަމަށްވެސް ރައީސް ފާހަގަ ކުރެއްވިއެވެ.
ދިވެހިރާއްޖޭގެ ގައުމީ ހިދުމަތުގެ ޕްރޮގްރާމަކީ ގާނޫނުން ބާރު ލިބިގެން ހިންގާނެ ޕްރޮގްރާމެކެވެ.
މި ގައުމީ ޕްރޮގްރާމް ހިންގުމަށްޓަކައި ދައުލަތުގެ ބަޖެޓުގައި ނިއު ޕޮލިސީ އިނިޝިއޭޓިވްސްގެ ތެރެއިން 400 މިލިއަން ރުފިޔާ، ޚާއްސަ ކުރެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.