ރާއްޖެއާއި ތުރުކީއާ ދެމެދު ސޮއިކޮށްފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ދަށުން ތުރުކީވިލާތުން ހެޔޮ އަގުގައި ދިވެހި ރައްޔިތުންނަށް މުދާ ލިބޭނެ ގޮތް ހަމަޖެހިގެންދާނެ ކަމަށާއި އެކްސްޕޯޓު އަދި ރިއެކްސްޕޯޓު ކުރުމުގެ ދާއިރާތަކުގެ އުފެއްދުންތެރިކަން ރާއްޖޭގައި އިތުރުކުރެވިގެން ދިއުމުގެ އިތުރުން މި އެއްބަސްވުމުގެ ދަށުން ވަޒީފާގެ ފުރުސަތުތައް އިތުރުވެގެން ދާނެ ކަމުގައި އިކޮނޮމިކް މިނިސްޓްރީން ބުނެއެވެ.
އަންނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި، ދެ ގައުމުގެ ސަރުކާރުން ކަނޑައަޅާ ތާރީޚެއް މިނިވަން ވިޔަފާރީގެ އެއްބަސްވުމަށް ޢަމަލުކުރަން ފެށުމަށް ހަމަޖެހިފައިވެއެވެ. މިއީ މިދިޔަ އަހަރު ރައީސް ޑރ. މުހައްމަދު މުއިއްޒު ތުރުކީއަށް ކުރެއްވި ދަތުރުފުޅުގައި އެ ގައުމުގެ ރައީސް ރަޖަބް ޠައްޔިބް އުރުދުޣާނާ ބައްދަލުކުރައްވައި ނިންމެވި ކަންތައްތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.
“މި އެއްބަސްވުމުގެ ދަށުން ތުރުކީވިލާތަށް އެކްސްޕޯޓުކުރަމުންދާ، މަހުން އުފައްދާ މީގެ ކުރިން 60 އިންސައްތަ އިމްޕޯޓު ޑިއުޓީ ނަގަމުން އައި 39 ބާވަތެއްގެ އުފެއްދުމަކަށް ޑިއުޓީއެއް ނުނަގާނެކަމަށާއި 103 ބާވަތުގެ މަހުގެ އުފެއްދުންތައް ތުރުކީވިލާތަށް އިމްޕޯޓު ކުރުމުގައި ބޮޑެތި ލުއިތަކެއް ލިބިގެން ދާނެ ” މިނިސްޓަރ ސައީދު
މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ދަށުން. 39 ބާވަތަކުން ނަގަމުން އައި އިމްޕޯޓް ޑިއުޓީ ކަނޑާލައި 100 އަށް ވުރެ ގިނަ ބާވަތުގެ އިމްޕޯޓް ޑިއުޓީ ކުޑަވެގެން ދާނެއެވެ.
މި އެއްބަސްވުމުގެ ދަށުން ތުރުކީ ވިލާތަށް އެކްސްޕޯޓްކުރާ މަހުގެ ބާވަތްތަކަށް ލުއި ހޯދައިދިނުމުގެ އިތުރުން، ދެ ގައުމުގެ ދެމެދުގައި ވިޔަފާރީގެ ގުޅުން ވަރުގަދަ ކުރެވޭނެ ކަމަށް މިނިސްޓަރ މުޙައްމަދު ސަޢީދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވިއެވެ.