އޮސްޓްރޭލިއާގެ ސިޑްނީގައި ކުރިއަށްދާ ކޮމަންވެލްތު ޕާލަމެންޓަރީ އެސޯސިއޭޝަންގެ ކޮންފަރެންސްގައި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް، އޮނަރަބަލް އަޙުމަދު ނާޡިމް ތަޤްރީރުކުރައްވައިފިއެވެ.
މި ކޮންފަރެންސްގައި، މީޑިއާގެ މިނިވަންކަން ދެމެހެއްޓުމަށް މަސައްކަތް ކުރަމުން، މިއަދުގެ ޑިޖިޓަލް ވެށީގައި ކުރިމަތިވަމުންދާ، ފޭކް ނިއުސްއާއި މަޞްނޫޢީ މީޑިއާއަށް މުޖުތަމައު އަހުލުވެރިކޮށް، ކޮމަންވެލްތުގެ ޤައުމުތަކުން ޢާންމުންގެ ހޭލުންތެރިކަމަށް މަސައްކަތް ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް، އޮނަރަބަލް އަޙުމަދު ނާޡިމް ގޮވާލެއްވިއެވެ.
ކޮމަންވެލްތު ޕާލަމެންޓްރީ އެސޯސިއޭޝަންގެ ކޮންފަރެންސްގައި މިއަދު ތަޤްރީރު ކުރައްވަމުން، ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަޙުމަދު ނާޡިމްވަނީ، ފޭކް ނިއުސްއާއި ސިންތެޓިކް މީޑިއާގެ ސަބަބުން، ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމަށާއި ޑިމޮކްރަސީއަށް ކުރިމަތިވާ ނުރައްކާތަކަށް އަލިއަޅުއްވާލައްވާފައެވެ.
މި ކޮންފަރެންސްގައި ބަހުސްކޮށްފައިވާ މައުޟޫޢަކީ، ފޭކް މިޑިއާއާއި މަސްނޫޢީ މީޑިއާގެ އުފެއްދުމުގެ ޒަމާނުގައި، މީސްމީޑިއާގެ ޕޯސްޓްތަކަށް ލައިކު ޖެހުމާއި، ވޯޓު ދޭއިރު، ޑިމޮކްރެސީގެ މިނިވަން ވެށި ޙިމާޔަތްކޮށް ހަރުދަނާ ކުރުމުގައި ކޮމަންވެލްތުގެ ޕާލަމެންޓުތަކަށް އަދާކުރެވިދާނެ ދައުރާ ބެހޭ ގޮތުންނެވެ.
“ފޭކް ނިއުސް އާއި މަޞްނޫޢީ މީޑިއާއިން ހަމައެކަނި މުޖުތަމަޢާއި ފަރުދުންނަށް އޮޅުވާލަނީކީއެއް ނޫން. އެއީ، މުޅި ޑިމޮކްރެޓިކް ނިޒާމު ގަޑުބަޑުކޮށްލައި ހަލަބޮލިކޮށްލާ ވަސީލަތެއް.” ސީޕީއޭ ކޮންފަރެންސްގައި ތަޤްރީރުކުރައްވަމުން އޮނަރަބަލް އަޙުމަދު ނާޡިމް ވިދާޅުވިއެވެ.
ފޭކް ނިއުސްގެ ދާއިރާއިން ކުރެވިފައިވާ ދިރާސާތަކަށް އަލިއަޅުއްވައިލައްވަމުން، އޮނަރަބަލް ނާޡިމް ވިދާޅުވީ، މީސްމީޑިއާގައި ފެތުރޭ ދޮގު މަޢުލޫމާތަކީ، ހަޤީޤީ ތެދު މަޢުލޫމާތަށް ވުރެން ހަ ގުނަ ބާރަށް ފެތުރޭ މަޢުލޫމާތު ކަމަށެވެ.
އެމަނިކުފާނުގެ ވާހަކަފުޅު ކުރިއަށް ގެންދަވަމުން، ކޮމަންވެލްތުގެ ޤައުމުތަކުން، ތަޢުލީމީ ނިޒާމުގައި ބޭނުންކުރުމަށް މީޑިއާ ލިޓެރެސީ ކަރިކިއުލަމެއް އެކުލަވާލުމަށް ގޮވައިލެއްވިއެވެ. އަދި އެ ކަރިކިއުލަމަކީ، ހުރިހައި ޢުމުރު ފުރައަކަށް އެކަށޭނެ އަދި މެންބަރު ޤައުމުތަކުގެ އަމިއްލަ ސަޤާފަތަށް ބައްޓަން ކުރެވޭ މަންހަޖެއް ކަމުގައި ހެދުމަށްވެސް އެދިވަޑައިގަތެވެ.
“މިޒަމާނުގައި މިޑިއާއަށް މުޖުތަމަޢު އަހުލުވެރި ކުރުމަކީ އިޚުތިޔާރީ ހުނަރެއް ނޫން. އެއީ ޑިމޮކްރެޓިކް ވެށްޓެއްގައި ފަރުދުންނާއި ޖަމާޢަތް ބައިވެރިވެ ބިނާކުރަނިވި މަސައްކަތެއް ކުރުމަށްޓަކައި ހޭލުންތެރި ރައްޔިތެއް ބިނާ ކުރުމަށް ކޮންމެހެން ބޭނުންވާ އަސާސީ ހުނަރެއް” އޮނަރަބަލް ނާޡިމް ވިދާޅުވިއެވެ.
އޮނަރަބަލް ނާޡިމްގެ ވާހަކަފުޅުގައި ހުށަހެޅުއްވީ، ޕްރައިމަރީ ސްކޫލުން ފެށިގެން މަތީ ސާނަވީ ތަޢުލީމާ ހަމައަށް ހުރިހައި ޢުމުރުފުރައަކާ ގުޅޭ މަންހަޖެއް އެކުލަވާލުމަށް ކޮމަންވެލްތު ޕާލަމެންޓަރީ އެސޯސިއޭޝަންއިން ވޯކިން ގްރޫޕެއް އެކުލަވާލުމަށެވެ. އަދި އެފަދަ ވޯކިން ގްރޫޕެއްގައި ރާއްޖެއިން ފުރިހަމައަށް ބައިވެރިވާނެ ކަމުގެ ޔަޤީންކަންވެސް އޮނަރަބަލް ނާޡިމް ދެއްވިއެވެ.
އޭގެ އިތުރުން، އެމަނިކުފާނު ހުށަހެޅުއްވީ، ކޮމަންވެލްތުގެ ޤައުމުތަކުގެ ސްކޫލްތަކުގައި މީޑިއާ ލިޓެރެސީގެ މާއްދާ ކިޔަވައި ދިނުމަށާއި އެކަމަށް ބޭނުންވާ ޓީޗަރުން ތަމްރީނުކޮށް ވަސީލަތްތައް ކަނޑައެޅުމުގައި ޤައުމުތަކުގެ ޕާލަމެންޓުން އެހީތެރިވެ ދިނުމަށެވެ.
“ފޭކް ނިއުސްއާއި މަޞްނޫޢީ މީޑިއާއިން އަޅުގަނޑުމެންގެ ޑިމޮކްރެޓިކް މުއައްސަސާތައް ޙިމާޔަތްކުރެވޭނީ ޖަމާޢަތުގެ ދިފާއުގެ ފުރަތަމަ އައްޑަނަ ކަމަށްވާ، އަޅުގަނޑުމެންގެ ތަޢުލީމީ ނިޒާމު ހަރުދަނާކޮށްގެން،” އޮނަރަބަލް ނާޡިމް ވިދާޅުވިއެވެ.
ޤައުމީ މުހިންމު މައްސަލަތަކަށް ސްކޫލު ނިޒާމުގެ ތެރެއިން، ދަރިވަރުން މެދުވެރިކޮށް ބެލެނިވެރިންނާއި ޖަމާޢަތް ހޭލުންތެރިކުރުމުގައި ކާމިޔާބު މަސައްކަތެއް ކުރެވިދާނެ ކަމަށް ވިދާޅުވެ، ރާއްޖެއިން ހިންގާފައިވާ ސްކޫލު ހެލްތުގެ ކާމިޔާބު ޕްރޮގްރާމަށް އަލިއަޅުއްވާލެއްވިއެވެ. އެރޮނގުން ރާއްޖޭން ގައިންގަޔަށް އަރާބަލިތައް ކޮންޓްރޯލުކޮށް ޕަބްލިކް ހެލްތުގެ ދާއިރާއިން ހޯދި ކާމިޔާބީ އޮނަރަބަލް ނާޡިމު ވިދާޅުވެދެއްވިއެވެ.
އޮނަރަބަލް ނާޡިމް ހުށަހެޅުއްވީ، “ކޮންމެ ގޭބިސީއެއްގައި މަޢުލޫތަށް ފާރަވެރިއެއް” ބެހެއްޓުމަށެވެ. އެމަނިކުފާނު ހުށަހެޅުއްވި “ހައުސްހޯލްޑް އިންފޮމޭޝަން ގަރޑިއަން” މޮޑެލްއަކީ މީޑިއާއަށް ހޭލުންތެރިވެފައިވާ ދަރިވަރުން، އެ ދަރިވަރުންގެ މީޑިއާ ލިޓެރެސީގެ ހުނަރުތައް ބެލެނިވެރިންނާއި ޖަމާޢަތާއެކު ޙިއްޞާކުރުމުން ޖަމާޢަތުގެ ފެންވަރުގައި މީޑިއާއަށް ހޭލުންތެރި މުޖުތަޢެއް ބިނާކުރުމަށް ހުށަހެޅުއްވި މޮޑެލްއެކެވެ.
އޮނަރަބަލް ނާޡިމްގެ ވާހަކަފުޅު ނިންމަވާލައްވަމުން، ރާއްޖޭގައި މީޑިއާ އާއި ތަޢުލީމީ ދާއިރާގެ ތަރައްޤީއަށް އޮސްޓްރޭލިއާއިން ވެދެއްވާ ދެމެހެއްޓެނިވި އެއްބާރުލުމަށް ޝުކުރު އަދާކުރެއްވިއެވެ. އަދި ދެ ޤައުމުގެ ދެމެދު އޮތް ގުޅުމަކީ، “ކޮމަންވެލްތުގެ މެންބަރުންގެ މެދުގައި އެއްބާރުލުމުގެ މޮޑެލެއް” ކަމަށްވެސް ސިފަކުރެއްވިއެވެ.
“ޤާނޫނު ހަދާ މަޖިލީހުގެ މެންބަރުންގެ ގޮތުގައި ތިބެ، އަޅުގަނޑުމެނަށް އަތް އުރާލައިގެން ތިބެވޭކަށެއް ނެތް. ޑިމޮކްރެޓިކް ވެށީގެ މިނިވަންކަމާއި ނަޒާހަތްތެރިކަން ދަމަހައްޓައި، ހިމާޔަތްކޮށް، ކޮންމެ ރައްޔިތަކަށް ވެސް ހަޤީޤަތާއި ޚިޔާލީ ވާހަކަތައް ވަކިކުރެވޭނެ ގޮތް ހަދައިދީ، އެކަން ކަށަވަރުކުރުމަކީ އަޅުގަނޑުމެންގެ ކޮނޑުގައި އެޅިފައިވާ މަސްއޫލިއްޔަތެއް! ވާޖިބެއް!” އޮނަރަބަލް ނާޡިމް ވިދާޅުވިއެވެ.
ސިޑްނީގެ އިންޓަނޭޝަނަލް ކޮންވެންޝަން ސެންޓަރުގައި ބާއްވާފައިވާ 67 ވަނަ ކޮމަންވެލްތު ޕާލަމެންޓްރީ ކޮންފަރެންސްގައި 56 ގައުމެއްގެ މަންދޫބުންވަނީ، ފުޅާވަމުންދާ ޑިޖިޓަލް ލޭންޑްސްކޭޕްގައި ޑިމޮކްރެސީ ރައްކާތެރިކުރުމުގެ ސްޓްރެޓެޖީތަކާ ބެހޭ ގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައެވެ.