އިންޑިއާ އާއި ނައިޖީރިއާއާ ދެމެދު ބާއްވާ ދެވަނަ ސްޓްރެޓެޖިކް އެންޑް ކައުންޓަރ ޓެރަރިޒަމް ޑައިލޮގަށް ނައިޖީރިއާގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރު ނޫހޫ ރިބާޑޫ ވަނީ ނިއުދިއްލީއަށް ޒިޔާރަތްކުރައްވައިފި އެވެ.
އިންޑިއާގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރު އަޖިތު ކޭ ޑޯވަލް ގެ ދައުވަތަކަށް ވަޑައިގެން ކުރެއްވި މަޝްވަރާތަކުގައި ޓެރަރިޒަމާއި ބައިނަލްއަގްވާމީ ކުށްތަކުގެ ސަބަބުން ކުރިމަތިވާ ނުރައްކާތަކާ ދެ ގައުމަށް ކުރިމަތިލާން ޖެހިފައިވާ ކަމަށް ދެފަރާތުންވެސް އެއްބަސްވިއެވެ. އެހެންކަމުން ދެ ގައުމުގެ ސްޓްރެޓެޖިކް ޕާޓްނަޝިޕް ހަރުދަނާ ކުރުމަށް މުހިންމު ފިޔަވަޅުތައް އެޅުމަށްވެސް އެއްބަސްވެފައި ވެއެވެ.
މި މަޝްވަރާތަކުގައި ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރުން ވަނީ ޓެރަރިޒަމް، ހަރުކަށި ފިކުރު، އަދި ހައްދުފަހަނައަޅައި ދިއުމުގެ ގޮންޖެހުންތަކާއި، ޚާއްސަކޮށް ސައިބަރ ސްޕޭސް މެދުވެރިކޮށް ގިނަވަމުންދާ ކުށްކުރުމާއި ހަތިޔާރާއި މަސްތުވާތަކެތި އެތެރެކުރުމާ ގުޅޭ މައްސަލަތަކާ މެދުވެސް މަޝްވަރާ ކުރައްވާފައެވެ.
ޓެރަރިޒަމްގެ ހުރިހާ ބާވަތަކާ ދެކޮޅަށް ގުޅިގެން ކުރާ މަސައްކަތްތައް އިތުރުކުރުމަށް ދެ ފަރާތުން އެއްބާރުލުން ދޭ ދާއިރާތަކެއް ކަނޑައަޅައި، “އެއްވެސް ގޮތަކުން ނުވަތަ އެއްވެސް ގޮތަކަށް ޓެރަރިޒަމަކީ ބަލައި ގަނެވޭނެ ކަމެއް ނޫންކަމަށް” ދެ ފަރާތުން އެއްބަސްވިއެވެ.
އިންޑިއާ އާއި ނައިޖީރިއާ އަކީ ތަރައްގީވަމުން އަންނަ ބޮޑެތި ޑިމޮކްރަސީއެކެވެ.
އިންޑިއާގައި 1.3 ބިލިއަން އަދި ނައިޖީރިއާގައި 190 މިލިއަނަށް ވުރެ ގިނަ މީހުންގެ އާބާދީއެއް އޮންނަ އިރު މި ދެ ގައުމުގައި ގިނަ ދީންތަކާއި ގިނަ ނަސްލުތަކާއި ގިނަ ބަސްބަހުން ވާހަކަ ދައްކާ ޖަމާއަތްތައް އޮންނަކަންވެސް ފާހަގަ ކޮށްފައި ވެއެވެ.
އިންޑިއާއިން ނައިޖޭރިޔާއާއެކު ސިޔާސީ ގުޅުން ބާއްވާތާ މިހާރު 60 އަހަރު ވެއްޖެއެވެ.
އިންޑިއާގެ ބޮޑު ވަޒީރު މަންމޯހަން ސިންގ ވަނީ 2007 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ނައިޖީރިއާއަށް ރަސްމީ ޒިޔާރަތެއް ކުރައްވާފައެވެ. އެދަތުރުފުޅުގައި ދެގައުމުގެ ގުޅުމުގެ ދަރަޖަ “ސްޓްރެޓެޖިކް ޕާޓްނަޝިޕް” އަކަށް މަތިކޮށްފައި ވެއެވެ.