ޗައިނާ މީހުންނާ ދެކޮޅަށް ޖާނު ގޮއްވާލުމުގެ ހަމަލަ ރޭވި މީހުން ހައްޔަރުކޮށްފި

ޗައިނާގެ އޮފިޝަލުންނަށް އަމާޒުކޮށްގެން މިދިޔަ މަހު ކަރާޗީ އެއާޕޯޓު ކައިރިން ދިން ހަމަލާ ރޭވުމުގައި ބައިވެރިވި ދެ މީހަކު ހައްޔަރުކޮށްފައިވާކަން ސިންދު ޕްރޮވިންސްގެ ހޯމް މިނިސްޓަރު ޒިޔާއުލް ހަސަން ލަންޖާރު ކަށަވަރުކޮށްދެއްވައިފި އެވެ.

އޮކްޓޯބަރު މަހުގެ ހަ ވަނަ ދުވަހު ޖިނާހު އިންޓަނޭޝަނަލް އެއާޕޯޓް ކައިރީގައި އޮންނަ މަގެއްގައި ޖާނު ގޮއްވާލުމުން ތިން މީހަކު މަރުވިއެވެ. އޭގެ ތެރޭގައި ޗައިނާގެ ދެ އިންޖިނިއަރުން ވެސް ހިމެނެ އެވެ.

މި ހަމަލާއަށް ޒިންމާ އުފުލާފައި ވަނީ މަނާ ޖަމާއަތެއް ކަމަށްވާ ބަލޮޗް ލިބަރޭޝަން އާމީ (ބީއެލްއޭ) އިންނެވެ. ބީއެލްއޭގެ ލީޑަރުންނާއި އެހެނިހެން ފަރާތްތަކާ ދެކޮޅަށް ފުލުހުން މައްސަލަ ރަޖިސްޓްރީ ކޮށްފައި ވެއެވެ. އެކަމަށް ތިން ދުވަސް ފަހުން ދެމީޙުން ހައްޔަރު ކުރީއެވެ.

ޕާކިސްތާން ބޮޑުވަޒީރު ޝެހްބާޒް ޝަރީފް ވަނީ ޓެރަރިސްޓް ހަމަލާގެ ތަހުގީގު ގާތުން ބައްލަވާނެ ކަމަށާއި ޗައިނާގެ ރައްޔިތުންގެ ސަލާމަތަށް ޕާކިސްތާނުން އިތުރު ފިޔަވަޅުތައް އަޅާނެ ކަމުގައި ވިދާޅުވެފައެވެ.

އިންސްޕެކްޓަރު ޖެނެރަލް އޮފް ޕޮލިސް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ލަންޖާރު ވަނީ މި މީހުން ހައްޔަރު ކޮށްފައިވާ ކަމަށް ވިދާޅުވެފައެވެ. އޮކްޓޯބަރު މަހުގެ ހަ ވަނަ ދުވަހުގެ ރޭ 11 ޖަހާ އެހާކަންހާއިރު ދިން ހަމަލާގައި 21 މީހަކަށް އަނިޔާވެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

“މި ހަމަލާއަކީ ޕާކިސްތާނާއި ޗައިނާގެ ގުޅުން ގޯސްކުރުމަށް، ޗައިނާ-ޕާކިސްތާން އިކޮނޮމިކް ކޯރިޑޯ (ސީޕެކް) މަޝްރޫއު ހަލާކުކޮށްލުމަށް ދިން ހަމަލާއެއް،” ލަންޖާރު ވިދާޅުވި އެވެ.

ހިއްސާ ކުރައްވާ!
ގުޅުންހުރި ލިޔުންތައް