ފޭރު އިންދާ ހެއްދުން

(މިއީ ދަނޑުވެރިކާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާއިން ސަރުކާރުގައި ޝާއިއުކުރި ލިޔުމެއް)

ފޭރުގަހަކީ 15-20 ފޫޓުގެ އުސްމިނަށް ހެދޭ ކަފިގޮފި ގިނަ ގަހެކެވެ. ފޭރުން ތަފާތު ކާތަކެއްޗާއި، ޖޫސްފަދަ ތަކެތި ތައްޔާރުކުރެވެއެވެ. މީގެ ތެރޭގައި ޖެލީ އާއި ޖޭމްވެސް ހިމެނެއެވެ. ފޭރަކީ ހަށިގަނޑަށް ބޭނުންވާ ކާނާގެ ބައެއް ބާވަތްތައް ހިމެނޭ މޭވާއެކެވެ. މިގޮތުން ފޭރުގައި ޕްރޮޓީންސް، ފެޓްސް، ކާރބޯހައިޑްރޭޓްސް އަދި ފައިބަރ އަދި ގިނަ ޢަދަދަކަށް ވިޓަމިންސީ ހިމެނެއެވެ. އަދި އާދައިގެ ވަރަކަށް ވިޓަމިން އޭ، އަޔަން، ކެލްސިއަމް އަދި ފޮސްފަރަސް ހިމެނެއެވެ.

މުޑުވައް ނެގުން:

މުޑުވައް ނަގާނީ ބަލިނުޖެހޭ ގަހަކުން ރަނގަޅަށް ދޮންވެފައިވާ ބައްޓަން ފުރިހަމަ ފޭރަކުންނެވެ. އޮށްމަދު ފޭރަކުން އޮށްނެގުމުން ލިބޭމޭވާގެ އޮށް މަދުވާނެއެވެ. ރަންގު ފޭރަށްވުރެން އާދައިގެ ފޭރުގައި އެކުލެވޭ ވިޓަމިންސް ގިނައެވެ. އޮށްތައް ނެގުމަށްފަހު ރަނގަޅަށް ދޮވެ، ހިޔަލުގައި ހިއްކާލުމަށްފަހު އަޅިކޮޅަކާ އެއްކޮށްފައި ވައިނުވަންނާނެހެން ބަންދުކޮށްފައި ބެހެއްޓުމުން ގިނަދުވަހު ހަލާކުނުވެ ހުންނާނެއެވެ.

މުޑުވައް ކުރުން:

• މުޑުވައްކުރާނީ ބޭޑުގައި ނުވަތަ ފޮށިގަނޑެއް ފާޑުގެ އެއްޗެއްގައެވެ. ބެޑް ހަދާއިރު ނުވަތަ ފޮށިގަނޑަކަށް ވެލިއަޅާއިރު ކާދު އެއްކުރުން ރަނގަޅުވާނެއެވެ.

• އޮށްތައް އިންދުމުގެ އެއްދުވަސްކުރިން ފެންއެއްޗަކަށް އަޅުމުން ގަސްފެޅުން އަވަސްވާނެއެވެ.

• އޮށްއިންދާނީ ހަތަރުބައިކުޅަ އެއްބައި އިންޗި ފުންމިނުގައި ދެބަރި ދޭތެރޭގައި 4 އިންޗި ހުންނަވަރަށެވެ.

• ދެއޮށް ދޭތެރޭގައި 3 އިންޗި ހުރުމުން ރަނގަޅުވާނެއެވެ. އޮށްއިންދާތާ ގާތްގަނޑަކަށް 2 ނުވަތަ 3 ހަފްތާގެ ތެރޭގައި ގަސްފަޅާނެއެވެ.

• ގަސްތައް ފަޅައިގެން 3-4 އިންޗިއަށް ހެދުމުން ގަސްތައް ނަގާ ކޮތަޅު ނުވަތަ ދަޅެއްފަދަ އެއްޗެއްގައި އިންދައިގެން ގަސްތައް ބޮޑުކުރާށެވެ.

ގަސްތައް ރުވުން:

ފޭރު އިންދަން އެކަށީގެންވާ ބިން:

• ކަޅުފަސް ގިނައިން އެކުލެވޭ

• ވެލި ހިމުންނޫން

• ބޮޑެތި ގަލާއި މޫ މަދު

• ރަނގަޅު ފެން ލިބެންހުރި

• ބިންގަނޑު އެއްވަރު

• މަޑުވައް ކުރި ގަސް ރުވާނީ 1½ ފޫޓަށް ހެދުމުން

ވަޅު ތައްޔާރުކުރުން:

• 2x2x2 ފޫޓުގެ ވަޅުގަނޑު ކޮނުން

• ކާދު (ފަތް، ކަރުގޮހު، އަޅި) އެޅުން

• މަސް ނުވަތަ ދޮޅުމަހަށް ފީވަންދެން ބެހެއްޓުން

• ދެ ވަޅުގަނޑު ދޭތެރޭ 15 ފޫޓުގެ ދުރުމިން ބެހެއްޓުން

• ގަސް ރުވުމަށްފަހު ދުވާލަކު ދެފަހަރު ފެންދިނުން

ގަސްތައް ހޭހަންކުރުން:

ގަސްތައް އިންދާ ހެދެންފެށުމުން ފުރަތަމަ 6 މަސްވާންދެން ކޮންމެ މަހަކު އެއްފަހަރު ކާދު އަޅަންވާނެއެވެ. އެއަށްފަހު އަހަރަކު ދެފަހަރު ކާދު އެޅުމުން ރަނގަޅުވާނެއެވެ. ގަސްފޯދި މޭވާ އަޅަންވުމުން ކާދު އެޅުމަށް ޚާއްސަ ސަމާލުކަމެއް ދޭންޖެހެއެވެ. އެއީ މޭވާއަޅާ ދުވަސްވަރު ގަހަށް އިތުރުކާނާ ބޭނުންވާނެތީއެވެ. ފޭރުގަސް އާއްމުގޮތެއްގައި ފޯދޭނީ އިންދާތާ 3-4 އަހަރުންނެވެ. ގަހުގައި މޭވާއަޅާ އޭގެ މޫސުން ދިއުމުން މޭވާއެޅި ކުރިތައް ކޮށާލުން ރަނގަޅެވެ. މިގޮތައް ހެދުމުން ގަސްޅަވެ ދެމޫސުމުގައި މޭވާއަޅައެވެ.

ބަލި އަދި ފަރުވާ:

• ފޭރުގަހަކީ ޢާއްމުކޮށް ބަލިނުޖެހޭ ގަހެކެވެ. ނަމަވެސް މީލީބަގްސް، ތްރިޕްސް، ސްކޭލް އިންސެކްޓް، ހުދުކޫޑި އަދި އުދުހޭ ހުދުކޫޑި ފަދަ ފަނިފަކުސަ އަޅައެވެ. މިފަދަ ބައެއް ފަނިފަކުސަ އެޅުމާގުޅިގެން ސޫޓީ މޯލްޑް (ކަޅުކޫޑި) އަޅާގޮތްވެއެވެ. މިފަދަ ފަނިފަކުސަ ކޮންޓްރޯލްކުރުމަށް އިންސެކްޓިސައިޑެއް ސްޕްރޭކުރާށެވެ.

ފޭރުގަހަކީ ދިވެހިރާއްޖޭގައި ފަސޭހައިން ހެއްދޭ އަދި ގިނަ ފައިދާތަކެއް ލިބޭ މޭވާ ގަހެކެވެ. މި ރިޕޯޓުގައި ބަޔާންކޮށްފައިވާ ގޮތަށް ފޭރުގަސް އިންދާ ބަލަހައްޓައިފިނަމަ، ރަނގަޅު ފެންވަރުގެ މޭވާ ލިބޭނެއެވެ. ފޭރުގަސް ހެއްދުމަކީ ގޭގައި ނުވަތަ ދަނޑުގައި ކުރެވިދާނެ ފައިދާހުރި މަސައްކަތެކެވެ. މިކަމުން އަމިއްލަ ބޭނުމަށް މޭވާ ލިބުމުގެ އިތުރުން، އިތުރަށް ލިބޭ މޭވާ ވިއްކައިގެން އާމްދަނީ ހޯދުމުގެ ފުރުސަތުވެސް ލިބިގެންދާނެއެވެ. އަދި މިއީ ތިމާވެށި ރައްކާތެރިކުރުމަށް އެހީތެރިވެދޭނެ ކަމެއްވެސް މެއެވެ.

ހިއްސާ ކުރައްވާ!
ގުޅުންހުރި ލިޔުންތައް