އީރާނުގެ ޝީރާޒް ސިޓީގެ މަތިން އުދުހެމުންދިޔަ ދެ ޑްރޯން އީރާންގެ އެއާ ޑިފެންސް ސިސްޓަމުން މިއަދު ވައްޓާލައިފިއެވެ. މި ހާދިސާއާއެކު، ފާރިސް ކަނޑުގެ ގައުމުތަކުން އީރާނާ ދެކޮޅަށް ހިންގާ އަސްކަރީ އޮޕަރޭޝަންތަކުގައި ސީދާގޮތުން ބައިވެރިވާކަމުގެ ފުރަތަމަ ހެކިތައް އީރާނަށް ލިބިފައިވާ ކަމަށް ތެހެރާނުން ބުނެފިއެވެ.

ފުރަތަމަ ރިޕޯޓްތައް ބުނާގޮތުން އީރާނުގެ އަބްޠާލުން ވައްޓާލާފައިވަނީ އެމެރިކާގެ އެމްކިއު-9 މަރުކާގެ ދެ ޑްރޯން އެވެ. ނަމަވެސް، އެ ހާދިސާ ދިރާސާކުރި ކަމާބެހޭ މާހިރުން މިހާރު ބުނަމުންދަނީ އޭގެ ތެރެއިން އެއް ޑްރޯންއަކީ ޗައިނާގައި އުފައްދާފައިވާ "ވިންގް ލޫންގް 2″ މަރުކާގެ ޑްރޯންއެއް ކަމަށެވެ.
މި މަރުކާގެ ޑްރޯންތަކަކީ ސައުދީ އަރަބިއްޔާ ނުވަތަ ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އިން ބޭނުންކުރާ ޗައިނާއިން އެ ވެރިންނަށް ވިއްކާފައިވާ އުޅަނދުތަކެއްކަން ފާހަގަކުރެވެއެވެ. މިއިން އީރާނުގެ ސަރަހައްދަށް ދެވޭ ހަމަލާތަކުގައި އަވަށްޓެރި އަރަބި ގައުމުތަކުގެ ސީދާ ބައިވެރިވުން އޮތްކަން ހާމަވާ ފުރަތަމަ ފަހަރު ކަމަށް އަސްކަރީ މުހައްލިލުން ފާހަގަކުރެއެވެ.
މި ހާދިސާއާ ގުޅިގެން ސައުދީ އަދި ޔޫއޭއީގެ ރަސްމީ އިދާރާތަކުން އަދި ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.
އީރާނުން ބުނެފައިވަނީ އެގައުމުގެ ސުލްހައާއި ސިލްމަށް ބުރޫއަރާ ކޮންމެ އަމަލަކަށް ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށެވެ.






