މި ފަހުން ހިނގި ހާދިސާތަކުގެ ސަބަބުން ތެހެރާނުގެ ސަލާމަތީ އަދި ޖާސޫސީ ނިޒާމުގެ ބަލިކަށިކަން ހާމަވެފައިވާތީ، އެ ޤައުމުގެ ޖާސޫސީ ނިޒާމު ބަދަލުކުރުމަށް އީރާނުގެ ސުޕްރީމް ލީޑަރު އާޔަތުالله މުޖުތަބާ ޚާމަނާއީ އަމުރުކުރައްވާފައިވާ ކަމަށް ޤާނޫނު ހަދާ މަޖިލީހުގެ ރައީސް މުޙައްމަދު ބާޤިރު ޤާލީބާފް ވިދާޅުވެއްޖެއެވެ. އާދީއްތަ ދުވަހު ޓެލެގްރާމްގައި ޙިއްސާކުރެއްވި ވީޑިއޯ މެސެޖެއްގައި ޤާލީބާފް ވިދާޅުވީ، އެ މުއައްސަސާ އަލުން އެކުލަވާލުމުގެ ޤާނޫނު، ޤާނޫނުއަސާސީ ބަލަހައްޓާ ގާޑިއަން ކައުންސިލުން ފާސްކުރުމާއެކު، ދާއިމީ ވަޒީރަކު ޢައްޔަންކުރުން ސަރުކާރުން ލަސްކޮށްގެން ނުވާނެ ކަމަށެވެ.
އީރާނުގެ ޖާސޫސީ ވަޒީރުގެ މަޤާމުގައި އެންމެ ފަހުން ހުންނެވި އިސްމާޢީލް ޚަޠީބު، މިއަހަރުގެ މާރިޗު މަހުގެ 18 ވަނަ ދުވަހު އިސްރާއީލުން ދިން ހަމަލާއެއްގައި ޝަހީދުވެވަޑައިގަތް ފަހުން، އެ މަޤާމަށް އައު ބޭފުޅަކު ޢައްޔަންކޮށްފައެއް ނުވެއެވެ. 2021 ވަނަ އަހަރުގެ އޮގަސްޓް މަހުން ފެށިގެން މަދަނީ ޖާސޫސީ ނިޒާމުގެ ވެރިޔާގެ މަޤާމު ފުރުއްވުމުގެ ކުރިން، އޭނާ މަސައްކަތް ކުރެއްވީ ކުރީގެ ސުޕްރީމް ލީޑަރު އާޔަތުالله ޢަލީ ޚާމަނާއީގެ އޮފީހުގައެވެ. މުޖުތަބާ ޚާމަނާއީގެ ބައްޕާ ޢަލީ ޚާމަނާއީ އަވަހާރަކޮށްލާފައިވަނީ އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ކުރީކޮޅު އެމެރިކާއާއި އިސްރާއީލުން ދިން ޓެރަރިސްޓް ހަމަލާތަކުގައެވެ.
އީރާނުގެ އެތެރެއަށް އިސްރާއީލުގެ ޖާސޫސީ ފަރާތްތަކުން ވަދެފައިވާ މިންވަރު ހާމަވެފައިވަނީ، 2020 ވަނަ އަހަރު ނިއުކްލިއަރ ސައިންޓިސްޓް މުޙްސިން ފަޚްރީޒާދާ އަވަހާރަކޮށްލުމާއި، 2024 ވަނަ އަހަރު ތެހެރާނުގައި ޙަމާސްގެ ލީޑަރު އިސްމާޢީލް ހަނިއްޔާ އަވަހާރަކޮށްލުން ފަދަ އޮޕަރޭޝަންތަކުންނެވެ. އަދި 2025 ވަނަ އަހަރުގެ ޖޫން މަހު ހިނގި 12 ދުވަހުގެ ހަނގުރާމައިގެ ތެރޭގައި، އީރާނުގެ އެތެރޭގައި ތިބި އިސްރާއީލުގެ އޮޕަރޭޓިވުންގެ އެހީގައި ވައިގެ ދިފާޢީ ނިޒާމުތަކާއި، މިސައިލް ލޯންޗަރުތަކާއި، ސިފައިންގެ އިސް ކޮމާންޑަރުންނަށް އަމާޒުކޮށް ހަމަލާދިނުމާއެކު އެކަން އިތުރަށް ފާޅުވެގެން ދިޔައެވެ.
އީރާނުގެ ދައުލަތުގެ މީޑިއާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، އާދީއްތަ ދުވަހު ޤާނޫނު ހަދާ މަޖިލިސް މެންބަރުން ވަނީ އެ ބިލުގެ އޮނިގަނޑު ފާސްކޮށް، ޖާސޫސީ ވަޒީރުގެ މަޤާމަށް ޝަރުޠު ހަމަވާ ފަރާތްތަކުގެ ދާއިރާ ފުޅާކުރުމާ ގުޅޭ މާއްދާތައް ދިރާސާކުރަން ފަށާފައެވެ. މީގެ ތެރޭގައި، އިޖުތިހާދު ގެ ވިސްނުމުގެ ޤާބިލުކަން ލިބިފައިވާ ފަރާތްތަކުގެ އިތުރުން، މާސްޓާސް ޑިގްރީއަކާއެކު ޖާސޫސީ ކަންކަމުގެ ޚާއްސަ ހުނަރާއި ތަޖުރިބާ ލިބިފައިވާ އަދި މެއިސް މެނޭޖްމަންޓްގެ ދާއިރާގައި މަދުވެގެން 10 އަހަރުގެ ތަޖުރިބާ ލިބިފައިވާ، ދީނީ ޢިލްމުވެރިން ނޫން ކެންޑިޑޭޓުން ވެސް ޝަރުތު ހަމަގޮތަށް ބިލުގައި ހިމަނާފައި ވެއެވެ.





