އީރާނުގެ ނިއުކްލިއަރ ޕްރޮގްރާމާ މެދު ދެފުށް ދެގޮތް ސިޔާސަތެއް ގެންގުޅޭ ކަމަށް ބުނެފި

އީރާނުގެ ނިއުކްލިއަރ ޕްރޮގްރާމާ މެދު ޢަމަލުކުރުމުގައި އިންޓަނޭޝަނަލް އެޓޮމިކް އެނާޖީ އޭޖެންސީ (އައި.އޭ.އީ.އޭ) ގެ ޑިރެކްޓަރ ޖެނެރަލް ރަފައެލް ގްރޯސީ ދެފުށް ދެގޮތް ސިޔާސަތެއް ގެންގުޅުއްވާ ކަމަށް ވިދާޅުވެ، އީރާނުގެ ޚާރިޖީ ވުޒާރާއިން ފާޑުކިޔައިފިއެވެ. އީރާނުން މިފަދައިން ފާޑުކިޔާފައިވަނީ ނިއުކްލިއަރ ހަތިޔާރު ފެތުރުން މަނާކުރާ މުޢާހަދާ (އެން.ޕީ.ޓީ) ގައި ބައިވެރިވުމަށާއި، ފުރިހަމަ ސަލާމަތީ މިންގަނޑުތައް ބަލައިގަތުމަށް އިސްރާއީލުން ދެކޮޅު ހަދަމުންދާއިރު، އެކަމާ މެދު ގްރޯސީ ހަނުހުންނަވާތީއެވެ.

އީރާނުގެ ޕްރެސް ޓީވީއާ ހަވާލާދީ ރިޕޯޓުކޮށްފައިވާ ގޮތުގައި، މި މައްސަލައިގައި އީރާނުގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު އިސްމާޢީލް ބަޤާއީ ވަނީ މީސް މީޑިއާގެ މަންސަ "އެކްސް" ގައި ޚާއްސަ ބަޔާނެއް ޝާއިޢުކުރައްވާފައެވެ. އެ ބަޔާނުގައި ބަޤާއީ ފާހަގަކުރެއްވި ގޮތުގައި، އީރާން ޖަވާބުދާރީ ކުރުވުމުގެ އަސާސަކީ އެން.ޕީ.ޓީ މުޢާހަދާގެ މެންބަރަކަށްވުން ކަމަށްވާނަމަ، އިސްރާއީލަކީ އެ މުޢާހަދާގެ މެންބަރަކަށް ނުވުމަކީ، އެ މުޢާހަދާގައި ބައިވެރިވުމަށާއި ފުރިހަމަ ސަލާމަތީ މިންގަނޑުތައް ބަލައިގަތުމަށް ގޮވާލާ ގޮވާލުންތަކުން ސަލާމަތްވުމަށް އޮތް ދާއިމީ އައްޑަނައަކަށް ވެގެން ނުވާނެއެވެ.

އައި.އޭ.އީ.އޭ ގެ ވަކިފަރާތަކަށް ނުޖެހުމުގެ ސިޔާސަތު ވަޒަންކުރެވޭނީ ހަމައެކަނި އެން.ޕީ.ޓީ މުޢާހަދާގައި މިހާރު ހިމެނޭ މެންބަރު ޤައުމުތަކުގެ ޒިންމާތައް ތަންފީޒުކުރާ ގޮތުގެ މައްޗަށް ބިނާކޮށް ނޫން ކަމަށް ބަޤާއީ ވިދާޅުވިއެވެ. އޭގެ ބަދަލުގައި، އެ މުޢާހަދާގައި ބައިވެރިނުވާ ފަރާތްތަކުން ހިންގާ ނިއުކްލިއަރ ހަރަކާތްތަކާ މެދު ފިޔަވަޅު އެޅުމުގައި އެ އިދާރާ ނާކާމިޔާބުވެ، ހަނުހުންނަ ހަނުހުރުންވެސް އެކަމުގައި ވަޒަންކުރެވެންޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މި މައްސަލައިގައި ތަފާތުކުރުން ގެންގުޅޭ ކަމަށް ކުރެވޭ ތުހުމަތުތަކަށްއް ދެކޮޅު ހައްދަވައި ގްރޯސީ މީގެ ކުރިން ދެއްކެވި ވާހަކަފުޅުތަކަށްވެސް އީރާނުގެ ތަރުޖަމާނު ވަނީ ރައްދު ދެއްވާފައެވެ. ގްރޯސީ ވިދާޅުވެފައިވަނީ އެއްވެސް ދެފުށް ދެގޮތް ސިޔާސަތެއް ނުގެންގުޅުއްވާ ކަމަށާއި، ދެފުށް ދެގޮތް ސިޔާސަތެއް ގެންގުޅޭ ކަމަށް ބެލެވޭނީ އިސްރާއީލަކީވެސް އެން.ޕީ.ޓީ މުޢާހަދާގެ ބައިވެރިއަކަށްވެ ހުރެ، އީރާނާއި އިސްރާއީލާ މެދު ތަފާތުކޮށް ޢަމަލުކުރާނަމަ ކަމަށެވެ.

ގްރޯސީގެ މި ޖަވާބަށް ފާޑުވިދާޅުވަމުން ބަޤާއީ ވިދާޅުވީ، އައި.އޭ.އީ.އޭ ގެ ވެރިޔާ ވަނީ ރަސްމީ ޤާނޫނީ ޙައިޘިއްޔަތާއި، މުއައްސަސާގެ ޒިންމާއާއި ވަކިފަރާތަކަށް ނުޖެހުމުގެ އުޞޫލު އޮޅުވާލައްވާފައި ކަމަށެވެ. އަދި "ނަސްލު ނައްތާލުމުގެ ޖަރީމާތައް ހިންގާ އިސްތިޢުމާރީ ބާރެއް" ކަމަށްވާ އިސްރާއީލަށް، ބައިނަލްއަޤްވާމީ ފުރިހަމަ ސަލާމަތީ މިންގަނޑުތަކުގެ ނިޒާމުން ބޭރުގައި އޮވެ ނިއުކްލިއަރ ހަތިޔާރުގެ ޚަޒާނާއެއް ގެންގުޅުމުގެ ފުރުޞަތު ދީފައިވަނީ ކީއްވެގެންތޯ ބަޤާއީ ވަނީ ސުވާލު އުފައްދަވާފައެވެ.

ހިއްސާ ކުރައްވާ!