މުޙައްމަދު ޔޫނުސްއާ ދެކޮޅަށް ޤާނޫނީ ފިޔަވަޅު އަޅަން ވިސްނަވާ ކަމަށް ޓުލިޕް ސިއްދީޤް ވިދާޅުވެއްޖެ

އިނގިރޭސިވިލާތުގެ ކުރީގެ ވަޒީރު އަދި ހެމްޕްސްޓެޑް އެންޑް ހައިގޭޓްގެ ޕާލަމެންޓް މެންބަރު ޓުލިޕް ސިއްދީޤް، ބަންގްލަދޭޝްގެ ކުރީގެ ވަގުތީ ވެރިޔާ މުޙައްމަދު ޔޫނުސްއާ ދެކޮޅަށް ޤާނޫނީ ފިޔަވަޅު އެޅުމާމެދު ވިސްނަވަމުން ގެންދަވާ ކަމަށް ވިދާޅުވެއްޖެއެވެ. މިދިޔަ އަހަރު އިނގިރޭސި ސަރުކާރުގެ ވަޒީރުކަމުން ސިއްދީޤް އިސްތިއުފާ ދެއްވަން ޖެހިވަޑައިގަތީ، ޔޫނުސްގެ ސަރުކާރުން ސިއްދީޤްގެ މައްޗަށް ކުރި އަސާސެއް ނެތް ކޮރަޕްޝަންގެ ތުހުމަތުތަކާ ގުޅިގެންނެވެ.

"ޕޮލިޓިކްސް އަންލީޝްޑް" ޕޮޑްކާސްޓުގައި ވާހަކަދައްކަވަމުން ސިއްދީޤް ވިދާޅުވީ، އޭނާއާ ދެކޮޅަށް ހިންގާފައިވަނީ "ނުބައި ނިޔަތެއްގައި ހިންގި ޣެއިރު ޤާނޫނީ ދަޢުވާއެއް" ކަމަށާއި، ޔޫނުސްއާ ދެކޮޅަށް ދަޢުވާ ކުރުމުގެ ޤާނޫނީ އަސާސް އޮތް ކަމަށް މަޝްހޫރު ޤާނޫނީ ވަކީލަކު ވިދާޅުވެފައިވާ ކަމަށެވެ.

ބަންގްލަދޭޝްގެ ވަގުތީ ސަރުކާރު ހިންގެވި، ސުލްޙައިގެ ނޮބެލް އިނާމު ޙާޞިލުކުރައްވާފައިވާ އިޤްތިޞާދީ މާހިރު ޔޫނުސްއާ ދެކޮޅަށް ޤާނޫނީ ގޮތުން ކުރެވިދާނެ ކަންކަން ވަކީލުންނާއެކު ބައްލަވަމުން ގެންދަވާ ކަމަށް ސިދީޤް ވިދާޅުވިއެވެ. ނަމަވެސް މި މައްސަލައާ ގުޅޭގޮތުން ޔޫނުސްގެ ގާތް ދެ ބޭފުޅަކު މެދުވެރިކޮށް ޔޫކޭ މީޑިއާއިން މައުލޫމާތު ހޯދުމަށް ކުރި މަސައްކަތުގައި ޖަވާބެއް ދެއްވުމަށް އޭނާ ވަނީ ދެކޮޅު ހައްދަވާފައެވެ.

ބަންގްލަދޭޝްގެ ވެރިރަށް ޑާކާގެ އިދާރާތަކުން ސިއްދީޤްގެ މައްޗަށް ތުހުމަތުކޮށްފައިވަނީ، 15 އަހަރު ވަންދެން ބަންގްލަދޭޝްގެ ބޮޑުވަޒީރުކަން ކުރެއްވި އަދި އިންސާނިއްޔަތާ ޚިލާފު ޖަރީމާތަކުގެ ދަޢުވާގައި ޣައިރު ޙާޟިރުގައި ޝަރީޢަތް ހިންގާފައިވާ ސިއްދީޤްގެ ބޮޑުދައިތާ ޝެއިޚް ޙަސީނާގެ ވެރިކަމުގެ ނާޖާއިޒު ފައިދާ ސިއްދީޤް ނަންގަވާފައިވާ ކަމަށެވެ.

ޑާކާގެ ކައިރީ ސަރަޙައްދަކުން އާއިލާއަށް ގޯއްޗެއް ހޯދައިދިނުމަށް ބޮޑުދައިތާއަށް ނުފޫޒު ފޯރުއްވި ކަމުގެ ކުށް ސާބިތުވެ، މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ޣައިރު ޙާޟިރުގައި ޝަރީޢަތް ހިންގައި، އިތުރު 16 މީހަކާއެކު ސިއްދީޤް ދެ އަހަރު ދުވަހަށް ޖަލަށް ލުމަށް ޑާކާގެ ކޯޓަކުން ވަނީ ޙުކުމްކޮށްފައެވެ. ލަންޑަންގައި ދިރިއުޅުއްވާ ސިއްދީޤް މި ތުހުމަތުތައް ދޮގުކުރައްވާފައިވާއިރު، މި ޙުކުމް އޭނާ ތަންފީޒުކުރައްވަން ޖެހިވަޑައިގަތުމުގެ ފުރުޞަތު ވަރަށް ކުޑައެވެ.

2025 ވަނަ އަހަރުގެ ހޫނު މޫސުމުގައި ދަ ގާޑިއަންއަށް ދެއްވި އިންޓަވިއުއެއްގައި ސިއްދީޤް ވިދާޅުވެފައިވަނީ، އޭނާގެ މައްޗަށް ކޮށްފައިވާ ތުހުމަތުތަކަކީ "މުޅިން ބޭކާރު" ތުހުމަތުތަކެއް ކަމަށާއި، އެއީ ޝެއިޚް ޙަސީނާއާއި ޔޫނުސްއާ ދެމެދު އޮތް ދުވަސްވީ ޢަދާވާތްތެރިކަމުގެ ތެރެއިން ލިބުނު "ގެއްލުމެއް" ކަމަށެވެ.

ތުހުމަތުތަކުގެ ތަފްޞީލު ހޯދުމަށް ތަކުރާރުކޮށް މަސައްކަތް ކުރެއްވި ނަމަވެސް، ސިއްދީޤްގެ ވަކީލުން ފޮނުއްވި ސިޓީތަކަށް ބަންގްލަދޭޝް ސަރުކާރުން ޖަވާބު ދީފައިނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ހިއްސާ ކުރައްވާ!