މިދިޔަ ފެބްރުއަރީ މަހުގެ ފަހުކޮޅު އެމެރިކާއާއި އިސްރާއީލު ގުޅިގެން އީރާނާ ދެކޮޅަށް ފެށި ހަނގުރާމައަށް އެމެރިކާގެ ސިފައިން ކުރި ޚަރަދު 48 ބިލިއަން އެމެރިކާ ޑޮލަރަށްވުރެ މައްޗަށް އަރާފައިވާ ކަމަށް އެމެރިކާގެ ދިފާޢީ ވުޒާރާގެ އިސް އޮފިޝަލަކު ހާމަކުރައްވައިފިއެވެ.
މި މަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް އެމެރިކާގެ ސިފައިން މި ހަނގުރާމައިގެ އޮޕަރޭޝަންތަކަށް ޖުމްލަ 48.3 ބިލިއަން ޑޮލަރު ޚަރަދުކޮށްފައިވާ ކަމަށް ޕެންޓަގަންގެ ޑެޕިއުޓީ ކޮމްޕްޓްރޯލަރ އާތަރ މިލަރ ވަނީ އެމެރިކާގެ ޤާނޫނުހަދާ މަޖިލީހުގެ މެންބަރުންނަށް މަޢުލޫމާތު ދެއްވާފައެވެ.
އެމެރިކާގެ ކަނޑުގެ ސިފައިންގެ މާލީ ކަންކަން ބެލެހެއްޓުމާ ބެހޭ އެސިސްޓެންޓް ސެކްރެޓަރީގެ މަޤާމަށް އޭނާ އައްޔަންކުރުމާ ގުޅޭގޮތުން ބޭއްވި ޤާނޫނުހަދާ މަޖިލީހުގެ އަޑުއެހުމެއްގައި ވާހަކަދައްކަވަމުން މިލަރ ވިދާޅުވީ، މި ޢަދަދަކީ ހަނގުރާމައިގެ މައިދާނުގައި ބޭނުންކުރި ހަތިޔާރާއި ގޮވާތަކެތީގެ އިތުރުން، ހަލާކުވި އާލާތްތައް އަލުން ހޯދުމަށާއި ސިފައިންގެ ޢަމަލީ ހަރަކާތްތައް ހިންގުމަށް ހިނގި ޚަރަދުތައް ހިމެނޭހެން އެކުލަވާލާފައިވާ ހިސާބެއް ކަމަށެވެ.
މި އައު ހިސާބުތަކަށް ބަލާއިރު، މިއީ އެމެރިކާގެ ކޮންގްރެޝަނަލް ބަޖެޓް އޮފީހުން މީގެ ކުރިން އާންމުކޮށްފައިވާ އަންދާޒާތަކަށްވުރެ ގާތްގަނޑަކަށް 26 އިންސައްތަ އިތުރު ޢަދަދެކެވެ.
ކޮންގްރެޝަނަލް ބަޖެޓް އޮފީހުން އޮގަސްޓް މަހުގެ 1 ވަނަ ދުވަހުގެ ނިޔަލަށް އާންމުކުރި ތަފާސްހިސާބުތަކުގައި ދައްކާފައިވަނީ އީރާނު ހަނގުރާމައަށް އެމެރިކާއިން 38 ބިލިއަން ޑޮލަރު ޚަރަދުކޮށްފައިވާ ކަމަށެވެ. ނަމަވެސް، އޮގަސްޓް މަހުގެ ފަހުން ހަނގުރާމައިގެ ހަރަކާތްތައް އިތުރަށް ފުޅާވުމާ ގުޅިގެން ވޭތުވެދިޔަ ތިން މަސްދުވަހުގެ ތެރޭގައި އެކަނިވެސް 10.3 ބިލިއަން ޑޮލަރުގެ އިތުރު ހޭދައެއް ވަނީ ކުރަންޖެހިފައެވެ.
ޕެންޓަގަންއިން އާންމުކުރި 48.3 ބިލިއަން ޑޮލަރުގެ މި ހިސާބަކީ ހަމައެކަނި ސީދާ ހަނގުރާމައިގެ އޮޕަރޭޝަންތަކަށް ހިނގި ޚަރަދު ކަމަށްވާއިރު، މި ޢަދަދުގެ ތެރޭގައި މެދުއިރުމަތީގައި ޤާއިމުކޮށްފައިވާ އެމެރިކާގެ ސިފައިންގެ މަރުކަޒުތަކަށް ލިބިފައިވާ މާއްދީ ގެއްލުންތަކުގެ އަގު ހިމަނާފައެއް ނުވެއެވެ.
އީރާނުގެ ސިފައިން ދެމުންގެންދާ ޑްރޯން އަދި މިސައިލް ހަމަލާތަކުގައި މެދުއިރުމަތީގެ އެކި ޤައުމުތަކުގައި ހުރި އެމެރިކާގެ މަރުކަޒުތަކަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. އެ ތަންތަން މަރާމާތުކުރުމަށާއި އަލުން ބިނާކުރުމަށް ހިނގާނެ ޚަރަދު މި ރިޕޯޓުގައި ހިމަނާފައި ނުވާތީ، ހަނގުރާމައިގެ ޖުމްލަ މާލީ ބުރަ މިހާރު ހާމަކޮށްފައިވާ ޢަދަދަށްވުރެ މާ ބޮޑުވާނެ ކަމަށް މާލީ ދާއިރާގެ ތަޖުރިބާކާރުން ދެކެއެވެ.





