ޓްރަމްޕް ޗައިނާއަށް ވަޑައިގަތުމުން، ރައީސް ޝީ ޖިންޕިން އެއާޕޯޓުން ހޫނު މަރުޙަބާއެއް ދަންނަވައިފި

އޭޝިޔާ-ޕެސިފިކް އިކޮނޮމިކް ކޯޕަރޭޝަން (އޭޕެކް) ގެ 33 ވަނަ އިޤްތިޞާދީ ވެރިންގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށްޓަކައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ޗައިނާގެ ދެކުނުގެ ގުއާންގޑޮންގ ޕްރޮވިންސްގެ ޝެންޒެން ސިޓީއަށް ބުދަ ދުވަހު ވަޑައިގަތުމުން، ޗައިނާގެ ރައީސް ޝީ ޖިންޕިން ޝެންޒެން ބާއޯއާން އިންޓަނޭޝަނަލް އެއާޕޯޓުން ޓްރަމްޕަށް ރަސްމީ ހޫނު މަރުޙަބާއެއް ދަންނަވައިފިއެވެ.

އާންމުކޮށް ޗައިނާ ރައީސް އެއާޕޯޓަށް އިސްތިގްބާލަށ ްވަޑައެއް ނުގަންނަވާނެއެވެ. ނަމަވެސް ޝީ އެމެރިކާއަށް ވަޑައިގަތް އިރު ޓްރަމްޕް ވެސް އެއާޕޯޓަށް ވަޑައިގަތުމުން ޝީ ވެސް އެކަން ފާހަގަ ކުރެއްވުމުގެ ގޮތުން އެއާޕޯޓަށް ވަޑައި ގަތީކަމަށް ޓްރަމްޕް ގާތު ވިދާޅުވިއެވެ. މިއީ ޓްރަމްޕަށް ލިބިގެން ދިޔަ މެހުމާންދާރީގެ ފިލާވަޅެކެވެ!

ޗައިނާއަކީ އިޙްތިރާމާއި ހެޔޮއެދުމަށް ބަދަލުގައި ހެޔޮއެދުން ރައްދުކުރުމުގެ ރީތި އާދަކާދަ އޮންނަ ޤައުމެއްކަން ޝީ ފާހަގަ ކުރެއްވިއެވެ.

ދުނިޔޭގެ އެންމެ ބޮޑު ދެ އިޤްތިޞާދުގެ ވެރިންގެ މި ބައްދަލުވުމަކީ، ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ހަރުދަނާކޮށް ސަރަޙައްދީ މަސްރަހަށް މުހިންމު ބަދަލުތަކެއް ގެނުވާނެ ތާރީޚީ ދަތުރުފުޅެއްގެ ގޮތުގައި ޑިޕްލޮމެޓުން ސިފަކުރެއެވެ.

ނޮވެމްބަރު 18 އިން 19 އަށް ޝެންޒެންގައި ކުރިއަށްދާ އޭޕެކް ސަމިޓްގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ޓްރަމްޕް ވަޑައިގަތުމުން، ޗައިނާގެ ސިފައިންގެ ޝަރަފުގެ ގާޑަކާއެކު ކުލަގަދަ ރަސްމިއްޔާތެއް ވަނީ ބާއްވާފައެވެ.

މަރުޙަބާގެ މިއުޒިކާއެކު ދެ ޤައުމުގެ ރައީސުން ވަރަށް ބަގަލްގީރުކޮށް ސަލާމްކުރެއްވިއިރު، ކުޑަކުއްޖަކު ވަނީ ރައީސް ޓްރަމްޕަށް މާބޮނޑިއެއް އަރުވާފައެވެ.

މި ރަސްމިއްޔާތުގައި ޗައިނާއާއި އެމެރިކާގެ ޤައުމީ ދިދަ ވިހުރެމުންދިޔައިރު، ސިފައިންގެ ބޭންޑުން ވަނީ ދެ ޤައުމުގެ ޤައުމީ ސަލާމް ކުޅެފައެވެ. އަދި އުދުހުމުގެ ޚާއްސަ ހަރަކާތެއްގެ ގޮތުގައި ހަނގުރާމަމަތީ މަތިންދާބޯޓުތަކެއް ވަނީ ޝަރަފުގެ ސަލާމެއް އަރުވާފައެވެ.

ހިއްސާ ކުރައްވާ!