ޝިންޖިއަންގް ޖަލުގައި ޢުމުރުން 23 އަހަރުގެ އުއިގޫރު ޒުވާނަކު ނިޔާވެއްޖެ

ޗައިނާގެ ޝިންޖިއަންގް ސަރަޙައްދުގައި ހުންނާ ޖަލެއްގައި ޙައްޔަރުކޮށްފައި ހުއްޓާ، އުމުރުން 23 އަހަރުގެ އުއިގޫރު ޒުވާން އަންހެނަކު ކުއްލި ގޮތަކަށް ނިޔާވުމާ ގުޅިގެން އިންސާނީ ޙައްޤުތަކަށް ވަކާލާތުކުރާ ފަރާތްތަކުން ބޮޑެތި ކަންބޮޑުވުންތަކެއް ފާޅުކޮށް، މި މައްސަލައިގެ ފުރިހަމަ ތަޙުޤީޤަކަށް ގޮވާލައިފިއެވެ.

އުއިގޫރުންގެ މީޑިއާއާއި އިތުބާރު ހުރި މަސްދަރުތަކުން ކަށަވަރުކޮށްދީފައިވާ ގޮތުގައި، ޗައިނާގެ ސިއްރު ލިޔެކިޔުންތަކެއް ކަމަށްވާ "ޝިންޖިއަންގް ޕޮލިސް ފައިލްސް" ގައި ކުޑަކުއްޖެއްގެ ގޮތުގައި ފާހަގަކޮށްފައިވާ އެންމެ ޒުވާން އަންހެންކުއްޖާ ރަޙީލް އުމަރު ނިޔާވެފައިވަނީ މީގެ އެއް މަސް ނުވަތަ ދެ މަސް ކުރިންނެވެ.

ކުރިން އޭނާގެ މައިންބަފައިން ހައްޔަރުކޮށްފައިވުމުގެ ސަބަބުން، 2017 ވަނަ އަހަރު އުމުރުން އެންމެ 14 އަހަރުގައި އެއްވެސް ޝަރީޢަތަކާނުލައި ދައުލަތުގެ ބެލުމުގެ ދަށަށް ގެންދިޔަ މި ޒުވާނާ، ފާއިތުވި 9 އަހަރު ދުވަހުގެ މުއްދަތުގައި އެކި ޖަލުތަކާއި "ތަމްރީން މަރުކަޒުތައް" ގައި ބަންދުކޮށްފައި ބަހައްޓާފައިވެއެވެ. ރަސްމީ ލިޔެކިޔުންތަކުގައި އޭނާ ހައްޔަރުކުރީ "އާންމު މަސްލަހަތު ނަގާލުމަށް އެއްވުމުގެ" ކުށުގައި ކަމަށް ބުނެފައި ވެއެވެ. އަދި ފަހުން ޖަލުގައި ނަމާދުކުރުމާއި ދީނީ ކަންކަމުގައި އުޅުން ފަދަ ކަންކަމުގެ ތުހުމަތުވެސް އޭނާގެ މައްޗަށް ކޮށްފައިވެއެވެ.

މި ޙާދިސާއާ ގުޅިގެން  އުއިގުރު މުޖުތަމަޢުގެ އިސްވެރިންނާއި ބައިނަލްއަޤުވާމީ ޖަމާޢަތްތަކުން ބުނެފައިވަނީ، މި ޙާދިސާއަކީ މުޅި އިންސާނިއްޔަތާ ދެކޮޅަށް ހިންގި ޖަރީމާއެއް ކަމަށެވެ. އަދި ޗައިނާ ސަރުކާރުން މި މައްސަލައިގައި ޖވާބުދާރީވެ، ޞައްޙަ ސަބަބުތައް ހާމަކުރުމަށް ވަނީ ގޮވާލާފައެވެ.

ހިއްސާ ކުރައްވާ!