ބައިނަލްއަޤުވާމީ ވިޔަފާރިއާއި އިޤްތިޞާދީ އެއްބާރުލުމުގެ އެންމެ މުހިންމު އެއް ފޯރަމް ކަމަށްވާ އޭޝިއާ-ޕެސިފިކް އިކޮނޮމިކް ކޮއޮޕަރޭޝަން (އެޕެކް) ގެ ސަމިޓުގެ ހަވާސާގައި، ޗައިނާގެ ރައީސް ޝީ ޖިންޕިންއާއި ރަޝިޔާގެ ރައީސް ވްލަޑިމިއަރ ޕޫޓިން ޗައނާގެ ޝެންޒެންގައި ބައްދަލުކުރައްވައިފިއެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއާ އެކު ބޭއްވުމަށް ހަމަޖެހިފައިވާ ތިން ޤައުމުގެ އިސްވެރިންގެ ޚާއްޞަ ބައްދަލުވުމެއްގެ ކުރިން ބޭއްވި މި ބައްދަލުވުމުގައި، ދެ ލީޑަރުން ވަނީ ސްޓްރެޓަޖިކް ގުޅުން އިތުރަށް ބަދަހިކުރުމަށް މަޝްވަރާކޮށްފައެވެ.
މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން ރަޝިޔާގެ ރައީސް ވްލަޑިމިއަރ ޕޫޓިން ވިދާޅުވީ، ދުނިޔޭގެ މަސްރަޙު ކޮންމެ ވަރަކަށް ނުތަނަވަސްވެފައިވީ ނަމަވެސް، ޗައިނާއާ އެކު އޮތް ޚާރިޖީ އަދި ސިޔާސީ ގުޅުންތައް ދުވަހަކަށްވުރެ ދުވަހެއް ބަދަހިވަމުންދާ ކަމަށެވެ. އަދި ބައިނަލްއަޤުވާމީ ނިޒާމު ގިނަ ބާރުތަކެއްގެ މައްޗަށް ބިނާކޮށް، އިންސާފުވެރިގޮތަކަށް ބައްޓަންކުރުމަށް ދެ ޤައުމު ގުޅިގެން މަސައްކަތްކުރަމުންދާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ޗައިނާގެ ރައީސް ޝީ ޖިންޕިން ވިދާޅުވީ، ދުނިޔެގެ ސިޔާސީ މައިދާނަށް ކޮންމެ ޙާލަތެއް ކުރިމަތިވި ނަމަވެސް، ޗީނާއާއި ރަޝިޔާގެ ގުޅުމަށް އެއްވެސް ބަދަލެއް އައިސްފައިނުވާ ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި ދެ ޤައުމުގެ މެދުގައި ވިޔަފާރިއާއި ޓެކްނޮލޮޖީގެ ދާއިރާއިން އިތުރު އެއްބާރުލުން ހޯދުމަށް މަސައްކަތްކުރާނެ ކަމަށް ޝީ ވިދާޅުވިއެވެ. މިއީ 2026 ވަނަ އަހަރު ފެށުނުފަހުން މި ދެ ބޭފުޅުން ބައްދަލުކުރެއްވި ފަސްވަނަ ފަހަރު ކަމަށްވާއިރު، މިއީ ދެ ޤައުމުގެ ގުޅުން ވަރުގަދަކަމުގެ ހެއްކެއް ކަމަށްބެލެވެއެވެ.
މި މަޝްވަރާތަކާ ގުޅޭގޮތުން ކްރެމްލިންގެ ފަރާތުން މަޢުލޫމާތު ދިންގޮތުގައި، ދެ ޤައުމުގެ ވެރިން ވަނީ ޔުކްރޭންގެ ހަނގުރާމައިގެ މައްސަލައާއި ބައިނަލްއަޤުވާމީ އެހެނިހެން މައްސަލަތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައެވެ. ރަޝިޔާގެ ޚާރިޖީ ސިޔާސަތާބެހޭ އިސް މުޝީރު ޔޫރީ އުޝާކޯވް ވިދާޅުވީ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއެކު ބޭއްވުމަށް ހަމަޖެހިފައިވާ ތިން ޤައުމުގެ ބައްދަލުވުމުގައި މަޝްވަރާކުރާނެ ކަންކަމުގެ މަޢުލޫމާތު ޕޫޓިން ވަނީ ޗައިނާގެ ލީޑަރާ ޙިއްޞާކުރައްވާފައެވެ.







