ވިޔަފާރިއާއި އިޤްތިޞާދީ ކުރިއެރުމަށް ގޮވާލައި، އޭޕެކް ސީއީއޯ ސަމިޓުން "ޝެންޒެން އިނިޝިއޭޓިވް" ނެރެފި

އޭޝިޔާ-ޕެސިފިކް ސަރަޙައްދުގެ އިޤްތިޞާދު އިތުރަށް ހުޅުވާލައި، ޓެކްނޮލޮޖީގެ އައު އީޖާދުތަކުގެ އެހީގައި އެންމެން ޝާމިލުވާ ފަދަ ދެމެހެއްޓެނިވި ކުރިއެރުމެއް ހޯދުމަށް ގޮވާލައި، 2026 ވަނަ އަހަރުގެ އޭޝިޔާ-ޕެސިފިކް އިކޮނޮމިކް ކޯޕަރޭޝަން (އޭޕެކް) ސީއީއޯ ސަމިޓްގެ ރަސްމީ ނިންމުން ކަމަށްވާ "ޝެންޒެން އިނިޝިއޭޓިވް" ބުދަ ދުވަހު ނެރެފިއެވެ. ޗައިނާގެ ޝެންޒެންގައި ކުރިއަށްދިޔަ މި ބައްދަލުވުމުގެ ނިންމުން އިޢުލާނުކުރުމާއެކު، ސަރަޙައްދީ ގުޅުންތައް އިތުރަށް ބަދަހިކޮށް، އެންމެންނަށް ފައިދާވާނެ ގޮތަށް އިޤްތިޞާދީ މަސައްކަތްތައް ބައްޓަންކުރުމަށް ވިޔަފާރިވެރިން ވަނީ އެއްބަސްވެފައެވެ.

އޭޕެކް ސީއީއޯ ސަމިޓް ބާއްވަމުންދާތާ 30 އަހަރު ވެފައިވާއިރު، މި ބައްދަލުވުމުގެ ނިންމުން ރަސްމީ "އިނިޝިއޭޓިވް" އެއް ނުވަތަ އިސްނެގުމެއްގެ ސިފައިގައި ނެރުނު މިއީ ފުރަތަމަ ފަހަރެވެ.

މި ތާރީޚީ ނިންމުމަކީ ސަރަޙައްދީ އިޤްތިޞާދީ މަސްރަހުގައި އަމިއްލަ ވިޔަފާރިތަކާއި ކުންފުނިތަކުގެ ދައުރު އިތުރަށް ފުޅާވެ، ސަރުކާރުތަކާއެކު ގުޅިގެން މަސައްކަތްކުރުމަށް ލިބިގެންދިޔަ މުހިންމު ކުރިއެރުމެއް ކަމަށް އިޤްތިޞާދީ ދާއިރާގެ ފަރާތްތަކުން ދެކެއެވެ.

ޝެންޒެން އިނިޝިއޭޓިވްގައި މައިގަނޑު ހަތަރު ދާއިރާއަކަށް ޚާއްސަ އިސްކަމެއް ދީފައިވެއެވެ.

  1. އޭގެ ތެރޭގައި ހިމެނެނީ އިޤްތިޞާދީ ގޮތުން ހުޅުވާލެވިފައިވާ އަދި އެންމެން ޝާމިލުވާ މާޙައުލެއް ބިނާކުރުމާއި،
  2. އައު އީޖާދުތަކާއި ޓެކްނޮލޮޖީގެ މައްޗަށް ބިނާވެފައިވާ ކުރިއެރުމެއް ހޯދުމެވެ.
  3. ސަރަޙައްދީ ޤައުމުތަކުގެ މެދުގައި ދަތުރުފަތުރާއި މުވާޞަލާތީ ގުޅުންތައް އިތުރަށް ވަރުގަދަކުރުމާއި،
  4. ހުރިހާ ފަރާތްތަކަށް ވެސް ހަމަހަމަ ފައިދާ ލިބޭނެ ފަދަ އެއްބާރުލުމެއް ޤާއިމުކުރުން
    މި ހަތަރު އަސާސްގެ ތެރޭގައި ހިމެނެއެވެ.

މި އިނިޝިއޭޓިވްގައި ބަޔާންކޮށްފައިވާ ގޮތުން، އޭޝިޔާ-ޕެސިފިކް ސަރަޙައްދުގެ ވިޔަފާރި މުޖުތަމަޢުން އޮތީ ސަރަޙައްދުގެ ހުރިހާ އިޤްތިޞާދުތަކާއެކު ގުޅިގެން މަސައްކަތްކުރުމަށް ފުރިހަމައަށް ތައްޔާރަށެވެ. ޚާއްސަކޮށް، އޭޕެކްގެ ދުރުރާސްތާ ތަޞައްވުރު ކަމަށްވާ "ޕުޓްރަޖާޔާ ވިޝަން 2040″ ފުރިހަމައަށް ތަންފީޒުކުރުމަށްޓަކައި އަމަލީ ސިފައެއްގައި މަސައްކަތްކުރުމަށް ވިޔަފާރިވެރިން ވަނީ އަޒުމު ކަނޑައަޅާފައެވެ. މީގެ މައިގަނޑު މަޤްޞަދަކީ ހުޅުވާލެވިފައިވާ، ހަލުވިކަމާއެކު ކުރިއަރާ، ގޮންޖެހުންތަކަށް ކެތްތެރި އަދި ސުލްހަވެރި އޭޝިޔާ-ޕެސިފިކް މުޖުތަމަޢެއް ބިނާކުރުމެވެ.

މި އަހަރުގެ އޭޕެކް ސަމިޓްގެ ޝިޢާރު ކަމަށްވާ "އެކުގައި ކުރިއެރުމަށްޓަކައި އޭޝިޔާ-ޕެސިފިކް މުޖުތަމަޢެއް ބިނާކުރުން" މި ޝިޢާރަކީ ހަމައެކަނި ޚިޔާލެއްގެ ގޮތުގައި ބޭއްވުމުގެ ބަދަލުގައި، ޢަމަލީ ނަތީޖާތަކަކަށް ބަދަލުކުރުމަށް ވެސް މި ނިންމުމުގައި ގޮވާލާފައިވެއެވެ.

ދުނިޔޭގެ އިޤްތިޞާދީ ދުވެލި ހަލުވިކުރުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރާ އިންޖީނުގެ ގޮތުގައި އޭޝިޔާ-ޕެސިފިކް ސަރަޙައްދު ދެމިއޮތުމަށާއި، ސަރަޙައްދުގެ ހުރިހާ ރައްޔިތުންނަށް ވެސް ތަނަވަސްކަމާއި ކުރިއެރުން ހިއްސާކުރެވޭނެ މާޙައުލެއް ޤާއިމުކުރުމަށްޓަކައި، ސިޔާސަތުތަކާއި ވިޔަފާރީގެ ސްޓްރެޓެޖީތައް އެއް މިސްރާބަކަށް ގެންދިއުމުގެ މުހިންމުކަން މި އިނިޝިއޭޓިވްގައި ވަނީ ފާހަގަކޮށްފައެވެ.

ހިއްސާ ކުރައްވާ!