އާރްޓީގެ ގްރެފިކްސްއެއް
އާރްޓީގެ ގްރެފިކްސްއެއް

ޝެންޒެން ސަމިޓްގައި ފެނިގެންދިޔަ "ތާރީޚީ ސަލާމް": ރަޝިޔާއިން ދުނިޔެއަށް ފޮނުވި މުހިންމު މެސެޖު

ޗައިނާގެ ޝެންޒެން ސިޓީގައި ކުރިއަށްދާ އޭޝިޔާ-ޕެސިފިކް އިކޮނޮމިކް ކޯޕަރޭޝަން (އޭޕެކް) ސަމިޓްގެ ހަވާސާގެ ތެރެއިން، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި، ޗައިނާގެ ރައީސް ޝީ ޖިންޕިން އަދި ރަޝިޔާގެ ރައީސް ވްލަޑިމިއަރ ޕޫޓިން ބައްދަލުކުރެއްވުން ވެގެންދިޔައީ ދުނިޔޭގެ ސިޔާސީ މަސްރަހުގެ އެންމެ ބޮޑު ސަމާލުކަމެއް ލިބުނު ކަމަށެވެ. މި ބައްދަލުވުމުގެ ތެރެއިން ޓްރަމްޕާއި ޕޫޓިން ކުރެއްވި ސަލާމް ރަޝިޔާގެ ދައުލަތުގެ މީޑިއާ ސިފަކޮށްފައިވަނީ "ތާރީޚީ ސަލާމެއް" ގެ ގޮތުގައެވެ.

ދުނިޔޭގެ އެންމެ ބޮޑު ތިން އިޤްތިޞާދުގެ ތެރޭގައި ރަޝިޔާ ނުހިމެނުނު ނަމަވެސް، މި ސަމިޓްގައި ޕޫޓިން ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުތަކާއި ގެންގުޅުއްވި ސްޓްރެޓެޖީގެ ސަބަބުން އެ ޤައުމަކީ އެމެރިކާއާއި ޗައިނާއާ އެއްވަރުގެ ބާރެއްކަން ދުނިޔެއަށް ދައްކުވައިދީފި ކަމަށް ޑިޕްލޮމެޓުން ފާހަގަކުރެއެވެ. ޔުކްރޭންގައި ހަނގުރާމަ ހިނގަމުންދިޔަ ނަމަވެސް، ރަޝިޔާ އެކަެހރިކޮށްލުމަށް ހުޅަނގުގެ ޤައުމުތަކުން ކުރި މަސައްކަތްތައް ނާކާމިޔާބު ވެފައިވާކަން މި ބައްދަލުވުމުން ހާމަވެގެން ގޮސްފައިވާ ކަމަށް ރަޝިޔާގެ މީޑިއާ  ބުނެއެވެ.

މި ސަމިޓްގައި ބައިވެރިވެވަޑައިގަތުމަށްޓަކައި ޓްރަމްޕް ޗައިނާއަށް ވަޑައިގެންފައިވަނީ އެމެރިކާގެ ޓެކްނޮލޮޖީ ކުންފުންޏެއް ކަމަށްވާ އެންވިޑިއާއާ ގުޅުންހުރި ޖާސޫސީ މައްސަލަތަކާއި، ޗައިނާއާ މެދު ގެންގުޅޭ ސިޔާސަތުތަކާ މެދު ސަރުކާރުގެ އެތެރޭގައި ބަހުސްތައް ކުރެވެމުންދާ ދަނޑިވަޅެއްގައެވެ.

މި ތިން ޤައުމުގެ ވެރިންގެ މެދުގައި ބާއްވާ ބުރާސްފަތި ދުވަހުގެ ރަސްމީ މަޝްވަރާތަކުން ބޮޑެތި ޢަމަލީ ނަތީޖާތަކެއް ނުނުކުތަސް  ބައިނަލްއަޤުވާމީ މައިދާނުގައި ރަޝިޔާގެ މަޤާމު ވަރުގަދަކުރުމަށް ޕޫޓިނަށް މި ސަމިޓުން ފުރުޞަތު ލިބިފައިވާކަމަށް ބެލެވެއެވެ.

މި ބައްދަލުވުމުގެ ކުރިން، ޗައިނާއާއި ރަޝިޔާއިން ވަނީ އެމެރިކާއިން އަޅާފައިވާ އިޤްތިޞާދީ ދަތިކުރުމުގެ ފިޔަވަޅުތަކާއި ކޮންޓްރޯލުތަކަށް ފާޑު ކިޔާ ފައެވެ. އަދި ސަމިޓްގެ ތެރެއިން ޓްރަމްޕާއި ޕޫޓިން ބައްދަލުވެވަޑައިގެން ވާހަކަދެއްކެވުމަކީ، މޮސްކޯއިން ބޭނުންވިފަދައިން ބައިނަލްއަޤުވާމީ ސިޔާސަތުގައި އެ ޤައުމުގެ ނުފޫޒު ދެމިއޮތްކަން ހާމަވެގެންދިޔަ ކަމެއް ކަމަށް މުހައްލިލުން ބުނެއެވެ.

ހިއްސާ ކުރައްވާ!