ޗައިނާއާ ދެމެދު ކަނޑުގެ ސަރަޙައްދުތަކުގެ މައްސަލައިގައި ނުތަނަވަސްކަން ބޮޑުވެފައިވާ ދަނޑިވަޅެއްގައި، ފިލިޕީންސާ އެކު ދިފާޢީ އަދި އަސްކަރީ އެއްބާރުލުން އިތުރަށް ފުޅާކުރައްވާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްް ވިދާޅުވެއްޖެއެވެ. އޭޝއާގެ ޤައުމުތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅެއްގައި މާނިލާއަށް ވަޑައިގެން، ފިލިޕީންސްގެ ރައީސް ފަރްނާންޑޯ މާކޯސް ޖޫނިއަރާ އެކު ބޭއްވެވި ބައްދަލުވުމެއްގައި ޓްރަމްޕް ވަނީ ދެ ޤައުމުގެ ދެމެދުގައި އޮތް ޒަމާނީ ގުޅުމަށް ތަޢުރީފުކުރައްވާފައެވެ.
ޗައިނާއާ ދެކޮޅަށް ޤައުމުތަކުގެ މެދުގައި މަޝްވަރާތައް ކުރިއަށްދާ ދަނޑިވަޅެއްގައި ޓްރަމްޕް ވިދާޅުވީ، އެމެރިކާއިން ފިލިޕީންސަށް ދެމުން އަންނަ ދިފާޢީ އެހީތެރިކަމާއި އަސްކަރީ މާލީ އެހީތައް ތާރީޚީ މިންވަރަކަށް އިތުރުކޮށްފައިވާ ކަމަށެވެ. އަދި ދުނިޔޭގެ އެއްވެސް ޤައުމަކަށް އެމެރިކާފަދަ ފެންވަރެއްގެ ހަތިޔާރު އުފެއްދާ ނުލެވޭނެ ކަމަށާއި, އެ ކަމުގައި ރަނގަޅު އެކުވެރިންނަށް އެކަނި ހަތިޔާރު ފޯރުކޮށްދެމުންދާ ކަމަށް ވެސް ވިދާޅުވިއެވެ.
މި ދަތުރުފުޅުގެ ތެރެއިން، ޗައިނާގެ ޝެންޒެންއަށް ވަޑައިގެން ޗައިނާގެ ރައީސް ޝީ ޖިންޕިންއާއި ރަޝިޔާގެ ރައީސް ވްލަޑިމިއަރ ޕޫޓިންއާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވާއިރު، މި ބައްދަލުވުންތަކަކީ ބައިނަލްއަޤުވާމީ މައިދާނުގައި ބޮޑެތި ސިޔާސީ ބުރަދަނެއް ލިބިގެންދާނެ ކަންކަން ކަމަށް ފާހަގަކުރެވެއެވެ.







