އިސްރާއީލުގެ ފިއްތުންތަކާއެކު އީރާނަށް އަލުން ހަމަލާތަކެއް ދިނުމަށް ޓްރަމްޕް ވިސްނާ

އިސްރާއީލުގެ ފަރާތުން ކުރިމަތިވަމުންދާ ފިއްތުންތަކާ ގުޅިގެން، އީރާނާ ދެކޮޅަށް އައު އަސްކަރީ ހަމަލާތަކެއް ފެށުމާމެދު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިސްނަވަމުން ގެންދަވާ ކަމަށް އެމެރިކާގެ އޮފިޝަލުންނާ ހަވާލާދީ ނިއުޔޯކް ޓައިމްސް ނޫހުން ރިޕޯޓުކޮށްފިއެވެ.

އެމެރިކާގެ އިސް އޮފިޝަލުން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، ރައީސް ޓްރަމްޕް މިކަމާ ގުޅޭގޮތުން އަދި ވަކި ގޮތެއް ނިންމަވާފައި ނުވި ނަމަވެސް، އީރާނާ ދެކޮޅަށް ސިފައިންގެ އޮޕަރޭޝަންތައް އަލުން ފެށުމާމެދު އޭނާ ދަނީ ފުންކޮށް ވިސްނަވަމުންނެވެ. ޓްރަމްޕް މިފަދަ ވިސްނުންފުޅެއް ގެންގުޅުއްވަން ފެއްޓެވީ، އީރާނުން އެ ޤައުމުގެ މިސައިލާއި ޑްރޯންގެ ޤާބިލުކަން އަލުން ބިނާކުރުމުގައި ބޮޑެތި ކުރިއެރުންތަކެއް ހޯދާފައިވާ ކަމަށް ބުނެ އިސްރާއީލުން ފެތުރި ވާހަކަތަކާ ގުޅިގެންނެވެ.

ނިއުޔޯކް ޓައިމްސްގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، އިސްރާއީލުން ހިއްސާކޮށްފައިވާ ޖާސޫސީ މަޢުލޫމާތުތަކުގެ ޞައްޙަކަމާއި އިތުބާރާ މެދު ޓްރަމްޕްގެ ސަރުކާރުގެ އެތެރޭގައި ވަނީ ބޮޑެތި ޚިޔާލު ތަފާތުވުންތަކެއް އުފެދިފައެވެ. އެގޮތުން، އީރާނުގެ ދިފާޢީ އަދި ހަމަލާދިނުމުގެ ޤާބިލުކަން އިތުރުވެފައިވާ މިންވަރާ މެދު އިސްރާއީލުން ދައްކާ ވާހަކަތަކަށް ބުރަވެ، އީރާނަށް އަލުން ހަމަލާ ދިނުމަކީ ޙައްޤު އަދި އެންމެ ރަނގަޅު ފިޔަވަޅެއްތޯ ނުވަތަ ނޫންތޯ ކަނޑައެޅުމުގައި އެމެރިކާގެ ސަރުކާރުގެ އިސްވެރިންގެ މެދުގައި ޚިލާފްތައް ދަނީ އިތުރުވަމުންނެވެ.

ހިއްސާ ކުރައްވާ!