އާރްޓީގެ ގްރެފިކްސްއެއް
އާރްޓީގެ ގްރެފިކްސްއެއް

ތާރީޚީ ބައްދަލުވުމަކަށްފަހު އެމެރިކާ، ޗައިނާ އަދި ރަޝިޔާއިން "ޞުލްޙައިގެ އިޢުލާނެއް" ނެރެފި

ޗައިނާގެ ޝެންޒެންގައި ކުރިއަށްދާ އޭޝިއާ-ޕެސިފިކް އިކޮނޮމިކް ކޯޕަރޭޝަން (އޭޕެކް) ސަމިޓްގެ ހަވާސާގައި، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި، ޗައިނާގެ ރައީސް ޝީ ޖިންޕިންގ އަދި ރަޝިޔާގެ ރައީސް ވްލަޑިމިއަރ ޕޫޓިން ބޭއްވެވި ތާރީޚީ ތިންކަފި ބައްދަލުވުމަށްފަހު، ތިން ޤައުމު ގުޅިގެން "ޞުލްޙައަށްޓަކައި ކުރާ އިޢުލާން" ގެ ގުޅިފައިވާ ބަޔާނެއް ބުރާސްފަތި ދުވަހު ނެރެފިއެވެ.

މި އިޢުލާނުގައި އެކުވެރި ދައުލަތްތަކުގެ ޖަމުޢިއްޔާ (އދ) އިޞްލާޙުކުރުމަށާއި، ބައިނަލްއަޤްވާމީ ޖިނާއީ ކޯޓު (އައި.ސީ.ސީ) ގެ އިޚްތިޞާޞްތައް ހަނިކޮށް ކޮންޓްރޯލް ކުރުމަށް ތިން ބާރުން ވަނީ އެއްބަސްވެފައެވެ.

ޝެންޒެންގެ ކައިލިން ވިލާގައި ގަޑިއިރަކާއި 20 މިނެޓަށް ދެމިގެންދިޔަ މި ސިއްރު ބައްދަލުވުމަށްފަހު ނެރުނު ބަޔާނުގައި، ދައުލަތްތަކުގެ އިސްވެރިންނަށް ލިބިގެންވާ ޑިޕްލޮމެޓިކް އިމްތިޔާޒުތައް ޙިމާޔަތްކުރުމަށާއި، ސާފުކޮށްފައިވާ ތެލުގެ އުފެއްދުންތައް އިތުރުކޮށް ދުނިޔޭގެ ބާޒާރަށް ފޯރުކޮށްދިނުން ހަރުދަނާކުރުމަށްވެސް ތިން ޤައުމުން ވަނީ ޢަޒުމު ކަނޑައަޅާފައެވެ.

ވައިޓް ހައުސްއިން އާންމުކުރި ބަޔާނުގައިވާ ގޮތުން، ބައިނަލްއަޤްވާމީ މަސްރަހުގެ މިހާރުގެ ޙާލަތާ ގުޅޭގޮތުން ތިން ޤައުމުގެ ވެރިން ވަނީ ފުންކޮށް މަޝްވަރާކުރައްވައި، ދުނިޔޭގެ ހަމަޖެހުމާއި ދުނިޔޭގެ ސަލާމަތް ދެމެހެއްޓުމަށް އެއްބަސްވެވަޑައިގެންފައެވެ. މީގެއިތުރުން، ނިއުކްލިއަރ ހަނގުރާމައަކީ އެއްވެސް ފަރާތަކަށް ކާމިޔާބު ކުރެވޭނެ ކަމެއް ނޫންކަމަށާއި، އެފަދަ ހަނގުރާމައެއް ދުވަހަކުވެސް ކޮށްގެން ނުވާނެކަން ތަކުރާރުކުރައްވައި، ނިއުކްލިއަރ ހަތިޔާރު ފެތުރުން ހުއްޓުވުމާއި ނުރައްކާ ކުޑަކުރުމާ ގުޅޭ މަޝްވަރާތައް ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައެވެ.

ބައްދަލުވުން ފެއްޓެވުމުގެ ގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ޓްރަމްޕް ވިދާޅުވީ، މި ބައްދަލުވުމާއެކު ތިން ޤައުމުން މިއަދު ތާރީޚު ލިޔަމުންދާ ކަމަށާއި، ވާހަކަދެއްކުމުގެ ފުރުޞަތުތަކަށް ފުރަގަސްދީގެން ދުވަހަކުވެސް ޞުލްޙައެއް ޤާއިމުކުރެވިފައި ނުވާ ކަމަށެވެ.

ޗައިނާގެ ރައީސް ޝީ ޖިންޕިންގ ވިދާޅުވީ ދުނިޔޭގެ ޞުލްޙަ ރައްކާތެރިކުރުމުގައި ތިން ޤައުމު ހިއްސާކުރަނީ އެއް ވިސްނުމެއް ކަމަށެވެ.

ރައީސް ޕޫޓިން ވަނީ މިއީ ޑިޕްލޮމެސީގެ ތާރީޚުގައި ލިޔެވުނު އައު ޞަފްޙާއެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.

ތިން ޤައުމުގެ ގުޅިފައިވާ ބަޔާނުގައި، ބައިނަލްއަޤްވާމީ ޖިނާއީ ކޯޓާއި އެފަދަ އެހެން އިދާރާތަކުން އެ ތަންތަނުގެ އިޚްތިޞާޞް ނަހަމަ ގޮތުގައި ބޭނުންކޮށްގެން ނުވާނެ ކަމަށް ބުނެފައިވެއެވެ.

ރައީސް ޕޫޓިން ހައްޔަރުކުރުމުގެ އަމުރެއް އައި.ސީ.ސީ އިން ނެރެފައިވާއިރު، ޓްރަމްޕްގެ ސަރުކާރުން ވަނީ އެ ކޯޓުގެ ބާރުތައް ކަނޑުވާލާނެ ކަމުގެ އިންޒާރު މީގެ ކުރިން ދީފައެވެ. ހަމައެއާއެކު، ދުނިޔެއަށް ކުރިމަތިވާ ގޮންޖެހުންތަކަށް އިތުރަށް ހަރުދަނާކަމާއެކު އިޖާބަދެވޭނެ ފަދަ ގޮތަކަށް އދ އިޞްލާޙުކުރުމަށް މަސައްކަތް ކުރާނެ ކަމަށްވެސް ބަޔާނުގައިވެއެވެ.

މި ތިންކަފި ބައްދަލުވުމުގެ ކުރިން، ބުރާސްފަތި ދުވަހު ރައީސް ޓްރަމްޕާއި ރައީސް ޕޫޓިން ވަނީ 2025 ވަނަ އަހަރުގެ އޮގަސްޓް މަހަށްފަހު ފުރަތަމަ ފަހަރަށް ވަކިން ބައްދަލުކުރައްވާފައެވެ. މި ބައްދަލުވުމުގައި ޓްރަމްޕް ވަނީ ޕޫޓިންއަކީ އޭނާގެ "ރަޙުމަތްތެރިއެއް" ކަމަށް ވިދާޅުވެފައެވެ. އޭގެފަހުން ޓްރަމްޕާއި ޝީ ވަނީ މިއަހަރުގެ ތެރޭގައި ތިންވަނަ ފަހަރަށް ދެފަރާތުގެ ޚާއްސަ މަޝްވަރާތައް ބާއްވަވާފައެވެ.

ޔުކްރޭން ހަނގުރާމައާއި، މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކާއި، ވިޔަފާރިއާއި ނިއުކްލިއަރ ހަތިޔާރުގެ މައްސަލަތަކުގައި މި ތިން ބާރުގެ މެދުގައި ބޮޑެތި ޚިލާފްތަކެއް ހުރި ނަމަވެސް، ސަރަޙައްދީ ހަމަނުޖެހުންތައް ޙައްލުކުރުމުގައި ތިން ޤައުމުގެ މެދުގައި ގިނަ މަޞްލަޙަތުތަކެއް ހިއްސާވާ ކަމަށް ޕޫޓިން ވިދާޅުވިއެވެ.

ޚާއްސަކޮށް ޔުކްރޭންގެ މައްސަލަ އޭނާ ފާހަގަކުރެއްވިއެވެ. އަދި އީރާން ހަނގުރާމައިގެ ސަބަބުން ހުރުމުޒު ކަނޑުއޮޅިން ތެޔޮ އުފުލުމަށް ކުރިމަތިވެފައިވާ ހުރަސްތަކާމެދު އެމެރިކާއާއި ޗައިނާއިންވެސް ކަންބޮޑުވާ ކަމަށް ޓްރަމްޕް ވިދާޅުވިއެވެ.

ހިއްސާ ކުރައްވާ!