ޗައިނާގެ ރައީސް ޝީ ޖިންޕިންގއާއެކު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބޭއްވެވި ބައްދަލުވުމެއްގެ ތެރޭގައި، އެންވީޑިއާގެ ކުރީގެ ސީ.އީ.އޯ ޖެންސެން ހުއާންގއާ ގުޅޭގޮތުން ހަރުއަޑުން ސުވާލުކުރި އެމެރިކާގެ ބްލޫމްބާގް ޓީވީގެ ނޫސްވެރިއަކު، ބޭރުކޮށްލައިފިއެވެ.
ބުރާސްފަތި ދުވަހު ޗައިނާގެ ޝެންޒެންގައި ރައީސް ޓްރަމްޕާއި ރައީސް ޝީ ބޭއްވެވި ބައްދަލުވުމުގެ ތެރެއިން ހިނގި މި ހާދިސާގައި، ޗައިނާގެ އޮފިޝަލުން ވަނީ ބްލޫމްބާގްގެ ނޫސްވެރިޔާ އެންމޭރީ ހޯޑަން، ޓްރަމްޕާއި ޝީގެ އިތުރުން ރަޝިޔާގެ ރައީސް ވްލަޑިމިއަރ ޕޫޓިން ބައިވެރިވެވަޑައިގަންނަވާ މަތީ ފެންވަރުގެ ބައްދަލުވުމަށް ވަނުން މަނާކޮށްފައެވެ.
އެމެރިކާގެ މީޑިއާ ރިޕޯޓުކޮށްފައިވާ ގޮތުގައި، ރައީސް ޓްރަމްޕް ޗައިނާއަށް ކުރައްވާ މި ދަތުރުފުޅު ކަވަރުކުރުމަށް ގޮސްހުރި ހޯޑަންއަށް އަލުން އެ ބައްދަލުވުމަށް ވަނުމުގެ ހުއްދަ ހޯދައިދިނުމަށް މަސައްކަތްތަކެއް ކުރެވުނު ނަމަވެސް، ޗައިނާގެ އިދާރާތަކުން ވަނީ އެކަމަށް ދެކޮޅު ހަދާފައެވެ.
މި ހާދިސާ ހިނގާފައިވަނީ ދެ ޤައުމުގެ ވެރިން ދިގު މޭޒެއްގެ ދެފަރާތުގައި ތިއްބަވައިގެން މަޝްވަރާ ފެއްޓެވުމުގެ ކުރިން ނޫސްވެރިންނަށް ފުރުޞަތު ދީފައި އޮތް ވަގުތުގައެވެ. އެ ވަގުތު ހޯޑަން ވަނީ އެންވީޑިއާގެ ކުރީގެ ވެރިޔާއާ ގުޅިގެން އުފެދިފައިވާ މައްސަލަތަކަށް އަލިއަޅުވާލައި، ރައީސް ޓްރަމްޕާ ސީދާ ސުވާލެއް އަމާޒުކޮށްފައެވެ.
"ރައީސް ޓްރަމްޕް، ޖެންސެން ހުއާންގ އެމެރިކާއަށް ޚިޔާނާތްތެރިވެފައިވޭތޯ؟" ހޯޑަން ހަރުއަޑުން ސުވާލުކުރިއެވެ.
މި ސުވާލާ ގުޅިގެން ރައީސް ޓްރަމްޕް އެ މައުޟޫޢަށް އެއްވެސް ޖަވާބެއް ނުދެއްވައި، ކުރުކޮށް "ވަރަށް ބޮޑަށް ޝުކުރިއްޔާ" އޭ ވިދާޅުވިއެވެ. އަދި ޗައިނާގެ ރައީސް ޝީ ޖިންޕިންގ ނޫސްވެރިންނާ ދިމާލަށް ބައްލަވާލެއްވި ނަމަވެސް އެއްވެސް އެއްޗެއް ވިދާޅުވެފައެއް ނުވެއެވެ. އެ ހިނދުކޮޅުގެ ތެރޭގައި ޗައިނާގެ ސަލާމަތީ އޮފިޝަލަކު ކުރިއަށް ޖެހި، އެ މަންޒަރު ރެކޯޑުކުރަމުންދިޔަ ކެމެރާގެ ކުރިމައްޗަށް އަރައި ކެމެރާ ބްލޮކްކުރިއެވެ.







