ޔަހޫދީ ބޭފުޅުންނާ ދެކޮޅަށް ޔޫކޭއިން ފިޔަވަޅު އަޅައިފި

އިސްރާޢީލުން ހިފާފައިވާ ހުޅަނގު އައްސޭރީގައި ޤަވާއިދާ ޚިލާފަށް ޔަހޫދީ އާބާދީ ބިނާކުރުމުގައި ބައިވެރިވާ 8 ކުންފުންޏަކަށާއި، ޣައްޒާއަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށް ހުރަސްއަޅާ ހަރަކާތްތެރިންގެ ގްރޫޕަކަށް ދަތިކުރުމުގެ ފިޔަވަޅުތަކެއް އަޅާނެ ކަމަށް އިނގިރޭސިވިލާތުގެ ސަރުކާރުން އަންގާރަ ދުވަހު އިޢުލާނުކޮށްފިއެވެ. މި ފިޔަވަޅުތަކުގެ ސަބަބުން، އިސްރާޢީލުގެ އަމަލުތަކަށް ބައިނަލްއަޤުވާމީ މުޖުތަމޢުގެ ފަރާތުން ފިއްތުންތައް ބޮޑުވެގެންދާނެ ކަމަށް ބެލެވެއެވެ.

އިނގިރޭސި ސަރުކާރުން ހާމަކުރި ގޮތުގައި، ދަތިކުރުމުގެ ފިޔަވަޅު އެޅުމަށް ނިންމާފައިވާ ކުންފުނިތަކުގެ ތެރޭގައި ހުޅަނގު އައްސޭރީގައި ގެދޮރު އިމާރާތްކޮށް ތަރައްޤީކުރުމުގެ މަޝްރޫޢުތައް ހިންގާ "ހާރ ހަފްރޮން" ޑިވެލޮޕްމަންޓް ލިމިޓެޑާއި، "ހަމްދާތު ޝޯމްރޮން" ލިމިޓެޑްގެ އިތުރުން "އެސް.އޭ.ޖީ" (ފިލްފިލް) ކޮންސްޓްރަކްޝަން އެންޑް ޑިވެލޮޕްމަންޓް ލިމިޓެޑް ހިމެނެއެވެ. މި ކުންފުނިތަކުގެ ބޭރުގައި ހުރި މުދަލާއި ފައިސާ ހިފެހެއްޓުމާއި، އެ ކުންފުނިތަކުގެ އިސް ވެރިންނަށް އިނގިރޭސިވިލާތުގައި އިދާރީ އެއްވެސް މަޤާމެއް އަދާކުރުން މަނާކުރުން ފަދަ ހަރުކަށި ފިޔަވަޅުތައް އެޅުމަށް ވަނީ ނިންމާފައެވެ.

މިކަމާ ގުޅޭގޮތުން ވާހަކަދައްކަވަމުން އިނގިރޭސިވިލާތުގެ ޚާރިޖީ ވަޒީރު އެޑް މިލިބަންޑް ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، ދެ ދައުލަތުގެ ހައްލު ހިމާޔަތްކުރުމަކީ ސަރުކާރުގެ ޚާރިޖީ ސިޔާސަތުގެ އެންމެ މުހިންމު މިސްރާބު ކަމަށެވެ.

މީގެ އިތުރުން، ޣައްޒާގެ ނިކަމެތި ރައްޔިތުންނަށް ކާބޯތަކެއްޗާއި، ފެނާއި، ތެޔޮ ހިފައިގެންދާ އިންސާނީ އެހީގެ ލޮރީތަކަށް ގަވާއިދުން ހުރަސްއަޅައި ހަރަކާތްތެރިވަމުންދާ "ތަސާފް 9″ ނަމަކަށް ކިޔާ ހަރަކާތްތެރިންގެ ގްރޫޕަކަށްވެސް އިނގިރޭސި ސަރުކާރުން ވަނީ ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފައެވެ.

ހިއްސާ ކުރައްވާ!