އިސްރާޢީލާއެކު އެއްވެސް ގުޅުމެއް ނުބާއްވާނެ | ސަރުކާރަށް 3 އަހަރު ފުރުމުގެ މުނާސަބަތުގައި ޑިޖިޓަލް ފޮތް ނެރެދެއްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރަށް ތިން އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން، މިހާތަނަށް ކުރެއްވި މަސައްކަތްތައް އެކުލެވިގެންވާ ޚާއްސަ ޑިޖިޓަލް ފޮތެއް ރަސްމީކޮށް އިފްތިތާޙުކޮށްދެއްވައިފިއެވެ.

ހުޅުމާލެ ސެންޓްރަލް ޕާކުގައި ބޭއްވި މި ޚާއްސަ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، މި ސަރުކާރު އޮތްހާ ހިނދަކު އިސްރާޢީލާއެކު ދިވެހިރާއްޖެއިން އެއްވެސް ގުޅުމެއް ނުބާއްވާނެ ކަމަށާއި، ޤާނޫނީ އޮނިގަނޑު އިތުރަށް ވަރުގަދަކޮށް އިސްރާޢީލުގެ ރައްޔިތުންނަށް ރާއްޖެއަށް އެތެރެނުވެވޭ ގޮތަށް ޤާނޫނު އިޞްލާޙު ކުރައްވާނެ ކަމަށެވެ.

ފާއިތުވި ތިން އަހަރު ދުވަހުގެ ތެރޭގައި ސަރުކާރުން ހޯދާފައިވާ ކާމިޔާބީތަކާއި ހިންގާފައިވާ މަޝްރޫޢުތައް އާންމު ރައްޔިތުންނަށް ފަސޭހައިން ބަލައިލެވޭނެ އިންތިޒާމު ހަމަޖެއްސުމުގެ ގޮތުން، 156 ހަފުތާގެ މަސައްކަތް ހިމެނޭ މި ފޮތް ފޯނުން ޑައުންލޯޑްކޮށްގެން ނުވަތަ ޑިޖިޓަލް ޒަރީއްޔާއިން ކިޔާލެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ކުރީގެ ދެ އަހަރާ އަޅާބަލާއިރު މިއަހަރު ކުރެވިފައިވާ މަސައްކަތްތައް މާ ގިނަ ކަމަށާއި، ކުރިއަށް އޮތްތަނުގައި މި ފޮތުގެ ޕްރިންޓެޑް ކޮޕީވެސް ލިބޭނެ އިންތިޒާމު ހަމަޖައްސަވާނެ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރާއްޖޭގެ ޚާރިޖީ ސިޔާސަތުގެ މައްޗަށް އަލިއަޅުއްވާލައްވަމުން ރައީސް ވަނީ، ފަލަސްޠީނުގެ ރައްޔިތުންނާ އެކުގައި ސަރުކާރު ދެމިއޮންނާނެކަން ތަކުރާރުކުރައްވާފައެވެ. އަދި ޤައުމުގެ އަމަންއަމާންކަމާއި ސަލާމަތީ ބާރު ދެމެހެއްޓުމަށާއި، އިޤްތިޞާދު ވެއްޓިފައި އޮތް އަނދަވަޅުން ނަގައި ކޮޅަށްޖه‌ހުމަށްޓަކައި ރެޔާއިދުވާލު ކުރައްވާފައިވާ މަސައްކަތްތަކަށް އެމަނިކުފާނު އަލިއަޅުއްވާލެއްވިއެވެ. ޤައުމަށް ދިމާވެފައިވާ ގޮންޖެހުންތަކުން އަރުވައިގަތުމަށް ސަރުކާރުން ގެންގުޅޭ ސްޓްރެޓެޖީގެ ދަށުން، ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތަށް ކަންކަން ކުރިއަށްގެންދަވާނެ ކަމަށް ވިދާޅުވިއެވެ.

  • އިޤްތިޞާދީ ދާއިރާއިން ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ، ކުރީގެ ސަރުކާރުތަކުން ވާރުތަކުރި ދަރަނިތައް މެނޭޖުކުރަމުން، ވޭތުވެދިޔަ 10 އަހަރަށްވުރެ 483 މިލިއަން ޑޮލަރު އިތުރަށް، މިދިޔަ 3 އަހަރުތެރޭ ދަރަނި ދައްކާފައިވާ ކަމަށެވެ.
  • އެކި ފަރާތްތަކަށް ދައްކަންހުރި 25.13 ބިލިއަން ރުފިޔާ މި 3 އަހަރުގެ ތެރޭގައި ދައްކާފައިވާ ކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑުމެން އަމާޒު މި ހުރީ 2029ވަނަ އަހަރު، އިރާދަކުރެއްވިއްޔާ ޖީޑީޕީގެ %119 އަށް ވުރެ ބޮޑަށް ދަރަނި ކުޑަކުރެވޭނެ،" ރައީސް ވިދާޅުވިއެވެ.

މި ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ، ރާއްޖޭގައި ދިރިއުޅޭ ބިދޭސީންގެ 99 އިންސައްތަ މީހުންގެ 10 އިނގިލީގެ ބަޔޯމެޓްރިކްސް ނަގައި ނިމިފައިވާ ކަމަށެވެ.

ސަރުކާރާ ހަވާލުވިއިރު ރާއްޖޭގައި އުޅެނީ ކިތައް ބިދޭސީންކަމާއި، އެ މީހުން ތިބި ތަނެއް އެއްވެސް މީގެ ކުރީގެ ސަރުކާރަކަށް ސާފުވެފައިނުވާކަން ފާހަގަކުރައްވަމުން، ގަވާއިދާ ޚިލާފަށް އުޅުނު 13,000 އަށް ވުރެ ގިނަ ބިދޭސީން އަނބުރާ ޤައުމަށް ފޮނުވާލެވިފައިވާ ކަމަށް ވިދާޅުވިއެވެ.

މިއީ މުޅި ދުނިޔޭގެ ޤައުމުތަކުގެ ތެރެއިންވެސް މަދު ޤައުމަކަށް ނޫނީ ހާސިލުކުރެވިފައި ނުވާ ވަރުގެ ބޮޑު ކާމިޔާބީއެއް ކަމަށް ރައީސް ވިދާޅުވިއެވެ.

ހިއްސާ ކުރައްވާ!