ޝާހިދު ހައްޔަރުކުރި މައްސަލައަކީ ސީރިއަސް މައްސަލައެއް ކަމަށާއި އެއީ ސިޔާސީ ކަމެއް ނޫން ކަމަށް ރައީސް ވިދާޅުވެއްޖެ

އިދިކޮޅު އެމްޑީޕީގެ ރައީސް އަދި ކުރީގެ ފޮރިން މިނިސްޓަރު ޢަބްދުﷲ ޝާހިދު ހައްޔަރުކޮށްފައިވާ މައްސަލައަކީ ވަރަށް ސީރިއަސް މައްސަލައެއް ކަމަށާއި، އެއީ ސިޔާސީ ބޭނުމެއްގައި ކުރި ކަމެއް ނޫން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ޑރ. މުޢިއްޒު ވިދާޅުވީ، މި ސަރުކާރުން ސިޔާސީ ބޭނުމެއްގައި އެއްވެސް ބޭފުޅަކު ހައްޔަރުކޮށް، ސިޔާސީ ބަދަލުހިފުމުގެ ދައުވާތައް ނުކުރާނެ ކަމަށެވެ. އަދި އެއީ މި ގައުމުގައި އެމަނިކުފާނު ނިމުމަކަށް ގެންނަވާފައިވާ ކަމެއް ކަމަށްވެސް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވި ގޮތުގައި ކުޑަކުއްޖަކާ ގުޅުންހުރި މިފަދަ ސީރިއަސް މައްސަލައެއްގައި ކުށްވެރިޔަކީ ކޮންމެ މީހަކަށް ވިޔަސް ގާނޫނު ތަންފީޒު ކުރުމުގައި އެއްވެސް ތަފާތެއް ކޮށްގެން ނުވާނެއެވެ. އަދި ގާނޫނީ އިޖުރާއަތްތައް ފުރިހަމަކުރުމަށް ސަރުކާރުން އެއްވެސް ހުރަހެއް ނާޅާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވިއެވެ.

އުމުރުން 18 އަހަރު ނުފުރޭ ކުޑަ ކުއްޖަކަށް ޖިންސީ ގޯނާ ކުރުމުގެ ތުހުމަތުގައި މިދިޔަ ހޯމަ ދުވަހުގެ ރޭ ކޯޓު އަމުރެއްގެ ދަށުން ޝާހިދު ހައްޔަރުކުރުމަށްފަހު، އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ކޯޓުން ވަނީ އޭނާގެ ބަންދަށް 30 ދުވަހުގެ މުއްދަތެއް ޖަހާފައެވެ.

ކޯޓުން މިފަދަ ބަންދުގެ މުއްދަތެއް ދީފައިވަނީ ފުލުހުން ހުށަހެޅި ހެކިތަކާއި މައްސަލައިގެ ސީރިއަސްކަމަށް ބަލައިފައެވެ. އިތުބާރު ކުރެވޭ މަގާމެއްގައި ހުރެ ޖިންސީ ގޯނާކުރުމުގެ މިފަދަ ކުށެއް ސާބިތުވެއްޖެނަމަ، 20 އަހަރާއި 25 އަހަރާ ދެމެދުގެ ޖަލު ހުކުމެއް އައުމުގެ ފުރުސަތު އޮވެއެވެ.

ޢަބްދުﷲ ޝާހިދަކީ ދިވެހި ޚާރިޖީ ދާއިރާގައާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުގެ އިތުރުން އދ ގެ އާންމު މަޖިލީހުގެ ރައީސްކަންވެސް ކުރައްވައި، 40 އަހަރަށްވުރެ ދިގު މުއްދަތަކަށް ދައުލަތަށް ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ ހައްޔަރުކުރިއިރު، 2028 ވަނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓް ހޯއްދެވުމަށް ގެންދެވީ ކެމްޕެއިން ކުރައްވަމުންނެވެ.

ހިއްސާ ކުރައްވާ!