ހަމަލާދިނީ "މުޅި މުޖުތަމައު ދެކެ އައިސްފައިވާ ރުޅިއެއްގެ" ސަބަބުން

ޖަޕާނުގެ ދެވަނައަށް އެންމެ ބޮޑު ސިޓީ ކަމަށްވާ އޮސާކާގެ މެދުތެރޭ ހިސާބެއްގައި ހުންނަ ބުކްޝޮޕެއްގެ މުވައްޒަފަކަށް ވަޅިން ހަމަލާދިން 33 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފިއެވެ. ޖަޕާނުގެ ފުލުހުން ބުނި ގޮތުގައި އެމީހާ ތަހުގީގު ކުރާ ފަރާތްތަކަށް މައުލޫމާތު ދެމުން ބުނެފައިވަނީ މި ހަމަލާދިނީ "މުޅި މުޖުތަމައު ދެކެ އައިސްފައިވާ ރުޅިއެއްގެ" ސަބަބުން ކަމަށެވެ.

ސަޓޯޝީ އޮކާމޯޓޯގެ ނަމުން ނަންދެވިފައިވާ މި ތުހުމަތުކުރެވޭ މީހާ، ޖަޕާނުގެ މަޝްހޫރު ބުކްސްޓޯރު ޗޭނެއް ކަމަށްވާ "މާރުޒެން އެންޑް ޖުންކޫޑޯ" ގެފިހާރައެއްގެ ތެރޭގައި މުވައްޒަފަކަށް ހަމަލާދިނުމަށް ބޭނުންކޮށްފައިވަނީ ބަދިގެގައި ބޭނުން ކުރާ ވަޅިއެކެވެ. ހަމަލާދިން ވަގުތު އަނިޔާވި މުވައްޒަފު ވަނީ ވަގުތުން ފުލުހުންނަށް ގުޅާފައެވެ. ފުލުހުން އަނިޔާވި މީހާގެ ހާލަތުގެ ތަފްސީލު ދިނުމަށް އިންކާރު ކުރި ނަމަވެސް، އޭނާގެ ފުރާނައަށް ނުރައްކަލެއް ނެތް ކަމަށް ކަށަވަރުކޮށްދީފައިވެއެވެ.

އޮކާމޯޓޯ ވަނީ ފުލުހުން އައިސް އޭނާ ހައްޔަރުކުރަންދެން ބުކްސްޓޯރު ތެރޭގައި މަޑުކޮށްގެން ހުރެފައެވެ. ފުލުހުންގެ ތަރުޖަމާނަކު ބުނި ގޮތުގައި، ސުއާލުކުރުމުން ތުހުމަތުކުރެވޭ މީހާ ވަނީ ވަޅިން ހަމަލާދިން ކަމަށް އިއުތިރާފުވެފައެވެ. އަދި އޭނާގެ މި އަމަލަކީ އާންމުންނާ މެދު އުފެދިފައިވާ ނަފުރަތެއްގެ ސަބަބުން ކުރި ކަމެއް ކަމަށް ބުނެފައިވެއެވެ.

އެހެން ގައުމުތަކާ އަޅާބަލާއިރު ޖަޕާނުގައި އަނިޔާވެރި ކުށްތައް މަދުވި ނަމަވެސް، ފަހަކަށް އައިސް އެ ގައުމުގައި ވަނީ ވަޅީގެ ބައެއް ހަމަލާތައް ފެނިގެން ގޮސްފައެވެ. މިފަދަ ހަމަލާތަކުގެ ތެރެއިން ގިނަ ހަމަލާތައް ދީފައިވަނީ މުޖުތަމައާ އެކަހެރިވެގެން އުޅޭ، މުޅި މުޖުތަމައަށް އޮތް ހިތްހަމަނުޖެހުންތައް ބޭރުކުރުމުގެ ގޮތުން ނުދަންނަ މީހުންނަށް ނުވަތަ އާންމު ތަންތަނަށް އަމާޒުކޮށްގެން ހަމަލާދޭ މީހުންނެވެ.

މި ހާދިސާގައި ހައްޔަރުކުރި އޮކާމޯޓޯއާ މެދު މިހާރު އަމަލުކުރެވެމުންދަނީ ޖަޕާނުގެ ޖިނާއީ އަދުލުގެ ނިޒާމުގެ ދަށުން ދައުވާ އުފުލުމުގެ ކުރިން އަމަލުކުރާ ހަރުކަށި ބަންދުގެ އުސޫލުތަކުގެ މަތިންނެވެ.

ޖަޕާނުގެ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން، ތުހުމަތުކުރެވޭ މީހާ ގެ މައްސަލަ ފުލުހުން ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވުމުގެ ކުރިން 48 ގަޑިއިރު ވަންދެން ބަންދުގައި ބަހައްޓަ އެވެ. އަދި އެ މުއްދަތުގައި ސުވާލުކުރުމުގެ ބާރު ފުލުހުންނަށް ލިބިގެންވެއެވެ.

ޕްރޮސެކިއުޓަރުންނަށް 24 ގަޑިއިރު ލިބެނީ ތުހުމަތުކުރެވޭ މީހާ ދޫކޮށްލުމާމެދު، ނޫނީ ވަގުތުން ދައުވާ އުފުލުމާމެދު، ނުވަތަ ދައުވާ އުފުލުމުގެ ކުރިން ބަންދުގައި ބެހެއްޓުމުގެ އިތުރު އަމުރަކަށް ގާޒީއެއްގެ ކިބައިން އެދުމާމެދު ގޮތެއް ނިންމުމަށެވެ.

ގާޒީގެ މި އަމުރު ލިބިއްޖެނަމަ، ކަމާބެހޭ ފަރާތްތަކަށް ތުހުމަތުކުރެވޭ މީހާ 10 ދުވަހުގެ މުއްދަތަށް ބަންދުގައި ބަހައްޓައިގެން ސުވާލުކުރެވޭނެއެވެ. އަދި އިތުރު 10 ދުވަހަށް މުއްދަތު އިތުރުކުރުމުގެ ފުރުސަތުވެސް އޮވެއެވެ.

ހައްޔަރުކުރާ ތާރީޚުން ފެށިގެން ގިނަވެގެން 23 ދުވަހުގެ ތެރޭގައި މުއްތަހަމާ މެދު ދައުވާ އުފުލުމާމެދު ޕްރޮސެކިއުޓަރުން ގޮތެއް ނިންމަން ޖެހެއެވެ. މި މުއްދަތުގެ ތެރޭގައި ބެއިލް ލިބުމަކީ މަދުން ނޫނީ ނުވާ ކަމެކެވެ. ދައުވާ އުފުލައިފިނަމަ، މައްސަލައިގެ ޝަރީއަތް ކުރިއަށްދާނީ ޑިސްޓްރިކްޓް ކޯޓުގައެވެ.

މިއީ ޖަޕާނުން ވާނުވާ ބަންދުގެ މައްސަލަ ހައްލު ކުރުމަށް އަޅާފައިވާ ފިޔަވަޅެކެވެ.

ހިއްސާ ކުރައްވާ!