pixabay
pixabay

އެކްސްއިން ތަރުޖަމާ އޮޅުވާލުމުން ޑިޕްލޮމެޓިކް މައްސަލައެއް ކުރިމަތި ވެއްޖެ

އިލޮން މަސްކްގެ އެކްސް މީސް މީޑިއާ ޕްލެޓްފޯމުގެ އޮޓޮމެޓިކް ތަރުޖަމާ ފީޗާއިނ ނުބައި ކޮށް ތަރުޖަމާ ކުރުމުގެ ޖަޕާނުގެ ވަޒީރެއް ބައިނަލްއަޤުވާމީ ޑިޕްލޮމެޓިކް ނުތަނަވަސް ކަމުގެ ތެރެއަށް ވައްޓާލައިފިއެވެ. މި ކަން ދިމާވީ ޖަޕާނުގެ އިޤްތިޞާދާއި ވިޔަފާރިއާއި އިނޮވޭޝަނާ ބެހޭ ވަޒީރު ރިޔޯސެއި އަކަޒާވާ އަށެވެ.

ވަޒީރު އަކަޒާވާ ނޫސްވެރިންނާ ވާހަކަދައްކަވަމުން ވިދާޅުވީ، ބަންގްލަދޭޝްގެ މިހާރުގެ ބޮޑުވަޒީރު ތާރިޤް ރަޙްމާންއާއެކު ބޭއްވެވި ބައްދަލުވުމުގެ ފޮޓޯތަކާއެކު ޖަޕާން ބަހުން ކުރެއްވި ޕޯސްޓު، އެކްސްގެ ތަރުޖަމާ ޓޫލް މެދުވެރިކޮށް އިނގިރޭސިބަހަށް ބަދަލުވިއިރު، 2024 ވަނަ އަހަރު ވެރިކަމުން ދުރުކުރި ކުރީގެ ބޮޑުވަޒީރު ޝޭޚް ޙަސީނާގެ ނަން  އައިސްފައިވާ ކަމަށެވެ.

މީގެ ސަބަބުން، ބަންގްލަދޭޝްގެ މިހާރުގެ ބޮޑުވަޒީރަކީ އަދިވެސް ހަސީނާ ނޫން ކަން ޖަޕާނުގެ ވަޒީރަށް އެނގިވަޑައިނުގަންނަވާ ކަމުގެ އިހުސާސްތައް މި ޕޯސްޓުން ދެވުނެވެ.

ވަޒީރު އަކަޒާވާ ވަނީ މިއީ ނުހަނު ނުރައްކާތެރި މައްސަލައެއްގެ ގޮތުގައި ފާހަގަކުރައްވާފައެވެ.

މި މައްސަލަ އިތުރަށް މީހުންގެ ސަމާލުކަމަށް އައީ، މިއީ އެކްސް މީސް މީޑިއާގެ ތަރުޖަމާގެ ގޯހެއްގެ ސަބަބުން އަކަޒާވާއަށް ކުރިމަތިލާންޖެހުނު މިފަދަ ފުރަތަމަ މައްސަލައަކަށް ނުވާތީއެވެ.

ކުވޭތުގެ އޮއިލް މިނިސްޓަރު ތާރިޤް އައްރޫމީއާއެކު އޮންލައިންކޮށް ބޭއްވެވި ބައްދަލުވުމަކާ ގުޅޭގޮތުން ކުރެއްވި ޕޯސްޓު ތަރުޖަމާވިއިރު، އޭނާގައި އޮތީ ޤަޠަރުގެ އެނާޖީ މިނިސްޓަރާއެކު މަޝްވަރާ ކުރެއްވި ކަމަށް ބަދަލުވެފައެވެ.

އަދި މީގެ އިތުރުން، އެމެރިކާގެ ކޮމާސް ސެކްރެޓަރީ ހަވާޑް ލުޓްނިކްއާއެކު ބޭއްވެވި ބައްދަލުވުމުގެ ވާހަކަ މީސް މީޑިއާގައި ޝާއިއުކުރުމުންވެސް، އެކްސްގެ އޮޓޮމެޓިކް ތަރުޖަމާ އެފަހަރުވެސް އޭނާ އަށް ލަނޑު ދީފައި ވެއެވެ.

ވަޒީރު އަކަޒާވާ ވަނީ މިފަދަ ތިން ހާދިސާއެއް ޖެހިޖެހިގެން ކުރިމަތިވެފައިވާތީ، އެކްސް މީސް މީޑިއާ އުފެއްދި ކުންފުނިން މި ތަރުޖަމާ ޓޫލް އަވަސް މުއްދަތެއްގެ ތެރޭގައި ރަނގަޅުކުރުމަށް ގޮވާލައްވާފައެވެ.

ހިއްސާ ކުރައްވާ!