މެލޭޝިޔާގެ ކުރީގެ ބޮޑުވަޒީރު ނަޖީބު ރައްޒާޤު ތަންފީޒު ކުރައްވަމުންދާ ޖަލު ހުކުމުގެ ބާކީ ބައި ގޭބަންދަށް ބަދަލުކުރުމަށް ކުރަމުންދިޔަ މަސައްކަތްތައް، މެލޭޝިޔާގެ އެޓާނީ ޖެނެރަލްގެ އޮފީހުން ހުއްޓުވައިފިއެވެ. ނަޖީބަށް ރަސްގެފާނު އަރުވާފައިވާ ޝާހީ މާފާ ގުޅޭގޮތުން އިތުރު ކަންކަން ސާފުކުރަން ޖެހޭ ކަމަށް އެޓާނީގެ އޮފީހުން ބުނެއެވެ.
އުމުރުފުޅުން 73 އަހަރުގެ ނަޖީބު ރައްޒާޤު ޖަލަށް ލާފައި ވަނީ އެގައުމުގެ ސޮވަރިން ވެލްތު ފަންޑު، 1އެމްޑީބީއިން ބޮޑެތި އަދަދުތަކުން ފައިސާ ޚިޔާނާތްތެރިވި މައްސަލައިގައެވެ. މެލޭޝިޔާގެ ރަސްގެފާނު ސުލްތާން އިބްރާހީމް ވަނީ ސެޕްޓެމްބަރު މަހު ނަޖީބަށް ޝަރުޠުތަކަކާއެކު ޝާހީ އަފޫއާންމެއް ދެއްވާފައެވެ. އެ މާފުގެ ދަށުން 12 މިލިއަން އެމެރިކާ ޑޮލަރުގެ ޖޫރިމަނާއެއް ދެއްކެވުމުން، ހުކުމުގެ ބާކީ ބައި ގޭބަންދުގައި ތަންފީޒުކުރުމުގެ ފުރުޞަތު ނަޖީބަށް ލިބިވަޑައިގަންނަވައެވެ.
ނަޖީބު ނިސްބަތްވެވަޑައިގަންނަވާ ޕާޓީން ވަނީ އެ ޖޫރިމަނާ ފައިސާ ކުއާލާލަމްޕޫރުގެ ހައިކޯޓަށް ދައްކައި ނިންމާފައިވާ ކަމަށް ހުކުރު ދުވަހު ހާމަކޮށްފައެވެ.
ނަމަވެސް، އެޓާނީ ޖެނެރަލްގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މާފު އެރުވި ޝަރުޠުތަކާ ގުޅޭގޮތުން އިތުރު ތަޙުޤީޤުތަކެއް ހިންގަންޖެހޭތީ ގޭބަންދަށް ބަދަލުކުރުމުގެ އަމުރު ވަގުތީގޮތުން ސަސްޕެންޑްކޮށްފައިވާ ކަމަށެވެ. އަދި މި މުއްދަތުގައި ނަޖީބު ހުންނަވާނީ މިހާރުވެސް ބަންދުކޮށްފައި ހުރި ޖަލުގައި ކަމަށް އެ އޮފީހުން ވަނީ ކަށަވަރުކޮށްދީފައެވެ.
މި ނިންމެވުމާ ގުޅިގެން ނަޖީބުގެ ގާނޫނީ ޓީމުން ވަނީ ނުރުހުން ފާޅުކޮށްފައެވެ. ނަޖީބުގެ ޤާނޫނީ ވަކީލުންގެ ޓީމުން ބުނީ، އެޓާނީ ޖެނެރަލް ބަޔާން ނެރުނުއިރު ނަޖީބު ގޭބަންދަށް ބަދަލުކުރުމުގެ އިދާރީ މަސައްކަތްތައް ކުރިއަށްދިޔަ ކަމަށެވެ. އަދި އެޓާނީ ޖެނެރަލްގެ އޮފީހުގެ ނިންމެވުމަކީ ރަސްގެފާނުގެ ޝާހީ އަމުރުފުޅަށް ހުރަސްއެޅުން ކަމަށްވެސް ވަކީލުން ސިފ ކުރެއެވެ.
ހުކުރު ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ނަޖީބު ވަނީ ޚާއްސަ ސެކިއުރިޓީ ގާފިލާއެއްގައި ޖަލުން ބޭރަށް ގެންގޮސްފައެވެ. ނަމަވެސް، އޭނާ ގެއަށް ގެންގޮސްފައި ނުވާކަން ނޫސްވެރިންނަށް ފާހަގަކުރުމުން ސަރުކާރުގެ ވަޒީރަކު ވިދާޅުވީ އެއީ ކުރިން ތާވަލުކުރެވިފައިވާ ދަތުގެ ފަރުވާގެ އެޕޮއިންޓްމެންޓަކަށް ގެންދިޔަ ދަތުރެއް ކަމަށެވެ. އެ ދަތުރަށްފަހު ހަތަރު ގަޑިއިރު ފަހުން ނަޖީބު ވަނީ އަނބުރާ ޖަލަށް ގެންގޮސްފައެވެ.
1އެމްޑީބީގެ ކުންފުންޏެއް ކަމަށްވާ އެސްއާރުސީ އިންޓަނޭޝަނަލްގެ ފައިސާ ޚިޔާނާތްތެރިވި މައްސަލައިގައި 2020 ވަނަ އަހަރުގެ ޖުލައި މަހު ނަޖީބުގެ މައްޗަށް 12 އަހަރުގެ ޖަލު ހުކުމެއް އިއްވިއެވެ. ނަމަވެސް، ފަހުން މާފުދޭ ޕެރޯލް ބޯޑުން ވަނީ އެ ހުކުމް ދެބައިކުޅައެއްބަޔަށް ކުޑަކޮށް، ޖޫރިމަނާގެ އަދަދު 12 މިލިއަން ޑޮލަރަށް ދަށްކޮށްދީފައެވެ. މި ހުކުމް 2028 ވަނަ އަހަރުގެ އޮގަސްޓު މަހަށް ހަމަވާނެއެވެ.
މީގެ އިތުރުން، 1އެމްޑީބީގެ އިތުރު ޚިޔާނާތުގެ މައްސަލައެއްގައި ނަޖީބުގެ މައްޗަށް ވަނީ އިތުރު 15 އަހަރުގެ ޖަލު ހުކުމަކާއި 2.5 ބިލިއަން އެމެރިކާ ޑޮލަރުގެ ޖޫރިމަނާއެއްވެސް އިއްވާފައެވެ.







