ދާޢީ ޒާކިރު ނައިކް އިންޑިއާއަށް ގެނައުމަށް މަސައްކަތް ކުރަމުންދާ ކަމަށް ބުނެފި

އިންޑިއާއިން ހޯދަން ބޭނުންވެފައިވާ އިސްލާމީ ދާޢީ ޒާކިރު ނައިކް، މެލޭޝިޔާއިން އިންޑިއާއާ ޙަވާލުކުރުމަށް ބާރުއަޅަމުންދާ މައްސަލައިގައި އެ ޤައުމާ އެކު މަޝްވަރާތައް ބާއްވަމުންދާ ކަމަށް އިންޑިއާގެ ޚާރިޖީ ވުޒާރާއިން ކަށަވަރުކޮށްދީފިއެވެ. މި މަޝްވަރާތައް ކުރިއަށްދިޔައީ ބްރިކްސް ސަމިޓްގެ ހަވާސާގައި ދެ ޤައުމުގެ އިސްވެރިން ބައްދަލުކުރެއްވުމަށްފަހުކަމަށް ރިޕޯޓުތައް ބުނެއެވެ.

އިންޑިއާގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު ރަންދީރު ޖައިސްވާލް ވިދާޅުވިގޮތުގައި، ޒާކިރު ނައިކް އިންޑިއާއާ ޙަވާލުކުރުމުގެ މައްސަލަ އެކި ފަންތިތަކުގައި މެލޭޝިޔާގެ ސަރުކާރާ އެކު މެދުނުކެނޑި ބާއްވަމުން ގެންދެއެވެ.

އިންޑިއާގައި ޒާކިރު ނައިކްގެ މައްޗަށް މަނީލޯންޑްރިންގ ގެ ތުހުމަތުކޮށްފައި ވެއެވެ. 2016 ވަނަ އަހަރުން ފެށިގެން އިންޑިއާގެ ޤައުމީ ތަޙުޤީޤީ އިދާރާތަކުން އޭނާ ހޯދުމަށް މަސައްކަތްކުރަމުންދެއެވެ. އޭނާ ހިންގާ ޕީސް ޓީވީގެ ޕްރޮގްރާމްތަކަކީ އިންޑިއާއިން ބުނާ ގޮތުގައި ނަފްރަތު އުފެދޭފަދަ ވާހަކަތައް ފަތުރާ ވަސީލަތެކެވެ.

މި މައްސަލާގައި މީޑިއާއިން ސުއާލުކޮށްފައި ވަނީ މެލޭޝިޔާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅަށްފަހުއެވެ. ބްރިކްސް ސަމިޓާ ގުޅިގެން ބޭއްވި ދެ ޤައުމުގެ ރަސްމީ ބައްދަލުވުމުގައި، ބޮޑުވަޒީރު ނަރެންދުރަ މޯދީ ވަނީ މެލޭޝިޔާއާ އެކު އޮންނަ ސްޓްރެޓީޖީ ގުޅުމާއި، ދިފާޢީ އަދި އިޤްތިޞާދީ ދާއިރާއިން އެއްބާރުލުން އިތުރުކުރުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ.

މޯދީ މީސް މީޑިއާގައި ޙިއްސާކުރެއްވި މެސެޖެއްގައި ވިދާޅުވީ، އިންޑިއާއާއި މެލޭޝިޔާއާ ދެމެދު އޮންނަ ގުޅުން ސެމީކޮންޑަކްޓަރ، ޓެކްނޮލޮޖީ އަދި ސާފު ހަކަތައިގެ އައު ދާއިރާތަކަށް ފުޅާވަމުންދާ ކަމަށެވެ. އަދި ދެ ޤައުމުން ގުޅިގެން މި ގުޅުން އިތުރަށް ހަރުދަނާކުރުމަށް މަސައްކަތްކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ހިއްސާ ކުރައްވާ!