އިންޑިއާގެ ތަރައްގީގައި އަދާނީ ގްރޫޕްގެ ދައުރު ބޮޑުކަމަށް އިގްތިސާދީ މާހިރު ޖެފްރީ ސެކްސް ވިދާޅުވެއްޖެ

އިންޑިއާގެ އިންފްރާސްޓްރަކްޗަރ އަދި އިގްތިސާދީ ކުރިއެރުމުގައި އަދާނީ ގްރޫޕުން އަދާކުރަމުންދާ ދައުރަކީ ޤައުމުގެ ތަރައްގީގެ މައިގަނޑު އިންޖީނު ކަމަށް މަޝްހޫރު އިގްތިސާދީ މާހިރު އަދި ކޮލަމްބިއާ ޔުނިވާސިޓީގެ ސެންޓަރ ފޯ ސަސްޓެއިނަބަލް ޑިވެލޮޕްމަންޓްގެ ޑިރެކްޓަރު ޕްރޮފެސަރު ޖެފްރީ ޑީ. ސެކްސް ވިދާޅުވެއްޖެއެވެ.

ވާރާނަސީގައި ބޭއްވި ޚާއްސަ އިގްތިސާދީ ސަމިޓެއްގައި ވާހަކަދައްކަވަމުން ޕްރޮފެސަރު ސެކްސް ފާހަގަކުރެއްވި ގޮތުގައި، އާއިލީ ވިޔަފާރީގެ އުސޫލުތަކުން ހިންގާ މިފަދަ ކުންފުނިތަކަކީ ހަމައެކަނި މާލީ މަންފާއަށް މަސައްކަތްކުރާ ތަންތަން ނޫން ކަމަށާއި، އޭގެ ބަދަލުގައި މުޖުތަމައުގެ ކުރިއެރުމަށާއި އަގުތައް ހިފެހެއްޓުމަށް ބޮޑެތި ޒިންމާތަކެއް އެކުންފުނިތަކުން އުފުލާ ކަމަށް ވިދާޅުވިއެވެ. އެމެރިކާގެ ބޮޑެތި ކުންފުނިތަކާއި އިންޑިއާގެ ވިޔަފާރި މާހައުލާ އަޅައިކިޔަވަމުން އޭނާ ވިދާޅުވީ، ހުޅަނގުގެ ގިނަ ކުންފުނިތަކުން އިސްކަންދެނީ ހަމައެކަނި ހިއްސާދާރުންގެ ފައިދާ އިތުރުކުރުމަށް ކަމަށެވެ.

އިންޑިއާގެ އިގްތިސާދީ ދުވެއްޔާއި ކުރިއެރުމަށް އަލިއުޅުއްވާލައްވަމުން އޭނާ ވިދާޅުވީ، މުޅި ދުނިޔޭގެ އިގްތިސާދީ އުފެއްދުންތެރިކަމުގައި އިންޑިއާގެ ހިއްސާ 2000 ވަނަ އަހަރު 5.2 އިންސައްތައިގައި އޮތް ނަމަވެސް، 2026 ވަނަ އަހަރު އައިއިރު އެ އަދަދު 8.5 އިންސައްތައަށް މައްޗަށް ގޮސްފައިވާ ކަމަށެވެ. އަދި 2100 ވަނަ އަހަރު އަންނަންވާއިރަށް މިއަދަދު 15.1 އިންސައްތައަށް އަރާނެކަމަށް ލަފާކުރެވޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މި ކޮންފަރެންސްގައި ވާހަކަދައްކަވަމުން އޭނާވަނީ ޒަމާނީ ޓެކްނޮލޮޖީއާއި އާޓިފިޝަލް އިންޓެލިޖެންސް (އޭ.އައި) ގެ ދާއިރާތަކުން ވިޔަފާރީގެ ފުރުސަތުތައް ހޯދުމުގައި ސަމާލުވާންޖެހޭ ނުރައްކާތަކުގެ މައްޗަށްވެސް އަލިއުޅުއްވާފައެވެ. ވިޔަފާރީގެ ބޮޑެތ ކާމިޔާބީތައް ހޯދުމަށްވުރެ ބޮޑަށް، މުޖުތަމައަށް ލިބިދާނެ ގެއްލުންތަކުން ރައްކާތެރިވުމަށް އިސްކަންދޭންޖެހޭނެ ކަމަށް ޕްރޮފެސަރު ސެކްސް ވަނީ ވިދާޅުވެފައެވެ.

ހިއްސާ ކުރައްވާ!