އިޝްތިހާރު ބޯޑުތަކަކަށް ސައިބަރ ހަމަލާއެއްދީ ހަޑިހުތުރު މަންޒަރުތަކެއް ދައްކައިފި

މިޞްރުގެ ވެރިރަށް ޤާހިރާގެ މައި މަގުތަކުގައި ބަހައްޓާފައިވާ ބޮޑެތި ޑިޖިޓަލް އިޝްތިހާރު ބޯޑުތަކެއްގެ ސެކިއުރިޓީ ސިސްޓަމް ހެކްކޮށް، ހަޑިހުތުރު މަންޒަރުތަކެއް ދެއްކި ބައިނަލްއަޤުވާމީ ސައިބަރ ހަމަލާއެއްގެ ތަހުގީގު ކަމާބެހޭ ފަރާތްތަކުން ފަށައިފިއެވެ. މި ހަމަލާއަކީ ހަމައެކަނި މިޞްރަށް އަމާޒުވި ކަމެއް ނޫން ކަމަށާއި، މެލޭޝިޔާ، ބްރެޒިލް، ޢިރާޤު އަދި ޗައިނާގެ އިޝްތިހާރު ބޯޑުތަކަށްވެސް އެއް ވަގުތެއްގައި މި ހަމަލާ އަމާޒުވެފައިވާ ކަމަށް އެމެރިކާގެ ޓެކްނޮލޮޖީ ޚަބަރުތައް ގެނެސްދޭ މީޑިއާއިން ރިޕޯޓުކުރެއެވެ.

އޮކްޓޯބަރު 29 ވީ ބުރާސްފަތި ދުވަހު ހިނގި މި ހާދިސާގައި، ޤާހިރާގެ އެންމެ ބާރުބޮޑު ހައިވޭތަކުގައި ހުރި ބޯޑުތަކުން ފެނުނު މަންޒަރުތަކާއެކު، ޓެލެގްރާމްގައި ހަރަކާތްތެރިވާ ލިކާޒް ނަމަކަށް ނިސްބަތްވާ ހެކަރުންގެ ގުރޫޕެއްގެ ނަން ވަނީ އާންމުވެފައެވެ. މައުލޫމާތު ލިބޭ ގޮތުގައި، މި ހަމަލާ ކުރިމަތިވީ އެކި ޤައުމުތަކުގެ ކަންކޮޅުތަކުގައި އިޝްތިހާރު ބޯޑުތައް މެނޭޖްކުރާ ބައިނަލްއަޤުވާމީ ކުންފުންޏެއްގެ ސޮފްޓްވެއަރ ނިޒާމަށް ދިން ހަމަލާއަކާ ގުޅިގެންނެވެ.

މިޞްރުގައި 239 އަށްވުރެ ގިނަ ޑިޖިޓަލް ބޯޑު ހިންގާ "ޔުނައިޓެޑް އަރަބް ކޮމްޕެނީ" އިން ވަނީ ސިސްޓަމަށް ހުއްދަނެތް ފަރާތަކުން ވަދެފައިވާކަން ކަށަވަރުކޮށްދީ، އެ ބޯޑުތައް ވަގުތުން ނިވާލާފައިވާ ކަން މީސް މީޑިއާ ގައި އިއުލާންކޮށްފައެވެ.

  • މެލޭޝިޔާގެ ކުލުއާންގް ސިޓީ ކައުންސިލުންވެސް ވަނީ އެ ސިޓީގެ ބޯޑުތަކަށް މިފަދަ ހަމަލާއެއް އަމާޒުވެ ޚިދުމަތް މެދުކަނޑާލިކަން ހާމަކޮށްފައެވެ.
  • ބްރެޒިލްގެ ކަމްޕޯ މޭޔަރ ސިޓީގެ މައި ހައިވޭއެއްގައި ހުރި ބޯޑަކުންވެސް ވަނީ އެއް މަންޒަރުތަކެއް ދައްކާފައެވެ.
  • ހެކަރުންގެ ގުރޫޕުން 'ކައިރޯ ރިޕޯޓް' އަށް ދިން އިންޓަވިއުއެއްގައި ބުނެފައިވަނީ، މިއީ މާ ބޮޑު ނުވަތަ އުނދަގޫ ޓެކްނޮލޮޖީއެއް ބޭނުންކޮށްގެން ދިން ހަމަލާއެއް ނޫން ކަމަށާއި، އިޝްތިހާރު ސިސްޓަމްތަކުގެ ރައްކާތެރިކަން ކުޑަވުމުގެ ސަބަބުން ވަރަށް ފަސޭހައިން ވަދެ ދިން ހަމަލާއެއް ކަމަށެވެ. އަދި އެ މީހުންގެ މަޤުޞަދަކީ ފައިސާ ހޯދުން ނޫން ކަމަށާއި، ސަރުކާރުތަކާއި މުއައްސަސާތަކުގެ ސައިބަރ ސެކިއުރިޓީގެ ނިޒާމުތަކުގައި ހުރި ނާކާމިޔާބީތައް ތިލަކޮށްދިނުން ކަމަށްވެސް އެ ގުރޫޕުން ބުނެފައިވެއެވެ.

ޓެކްނޮލޮޖީ މާހިރުން ފާހަގަކުރާ ގޮތުގައި، މިފަދަ ބޯޑުތައް އިންޓަރނެޓާ ސީދާ ގުޅާލެވިފައިވާއިރު، އަސާސީ ރައްކާތެރިކަމުގެ ފިޔަވަޅުތައް ނުވަތަ ޕާސްވޯޑް ބަދަލުނުކުރުން ފަދަ އިހުމާލުތަކުގެ ސަބަބުން މިފަދަ ނުރައްކާތައް މީގެ ކުރިންވެސް ވަނީ ކުރިމަތިވެފައެވެ. އެގޮތުން 2022 ގައި އޮސްޓްރޭލިއާގެ ބްރިސްބޭންގައި، 2016 ގައި އިންޑޮނޭޝިޔާގެ ޖަކާޓާގައި އަދި 2023 ގައި ޢިރާޤުގައިވެސް މިފަދަ ހާދިސާތައް ހިނގާފައިވާކަން މީޑިއާ ރިޕޯޓުތަކުން އެނގެއެވެ.

ހިއްސާ ކުރައްވާ!