އެމެރިކާއާއި އިޒްރޭލުން ހިންގި ހަނގުރާމައިގައި ޢަރަބި އަދި އިސްލާމީ ގައުމުތަކުގެ އާންމުންގެ ތާއީދު އީރާނަށް ބޮޑުވަމުންދާ ކަމަށާއި، ފަލަސްޠީނުގެ މައްސަލައާއި ސަރަޙައްދުގައި ހުރި ބޭރުގެ އަސްކަރީ މަރުކަޒުތަކާ ދެކޮޅަށް އާންމުން ކުރަމުންދާ އިހުތިޖާޖުތަކުގެ ސަބަބުން އީރާނަށް ބޮޑު ކާމިޔާބީއެއް ލިބެމުންދާ ކަމަށް މިޞްރުގެ މަޝްހޫރު ލިޔުންތެރިއަކު ވިދާޅުވެއްޖެއެވެ.
މިޞްރުގެ ލިޔުންތެރިޔާ ޢަބްދުއްނާޞިރު ސަލާމާ ގެ ލިޔުމަކާ ހަވާލާދީ 'ޢަރަބި 21′ ގައި ރިޕޯޓުކޮށްފައިވާ ގޮތުގައި، މީޑީއާގެ ވަސީލަތްތައް މަދު ނަމަވެސް، ޒަމާނީ މަސްރަހު ގައި އީރާނުން ވަނީ ޢަރަބި ސަރަޙައްދުގެ އާންމު ރައްޔިތުންގެ ބޮޑު ތާއީދެއް ހޯދާފައެވެ. ޚާއްސަގޮތެއްގައި މީސް މީޑިއާ އާއި ރަސްމީ މީޑިއާގެ ބޭރުން ހިންގާ ހަރަކާތްތަކުން މިކަން ފެންނަމުންދާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ފަލަސްޠީނުގެ މައްސަލައަށް ތާއީދުކުރުމާއި، އިޒްރޭލުގެ ހަމަލާތަކާ ދެކޮޅަށް އީރާނުން ހިންގާ ޙަރަކާތްތަކަކީ ޢަރަބި އާންމު ޚިޔާލުގެ މައިގަނޑު ވިސްނުން ކަނޑައަޅާ ކަންކަން ކަމަށް ސަލާމާ ވިދާޅުވިއެވެ. އަދި ޚުދު ޚަލީޖުގެ ޤައުމުތަކުގެ ރަސްމީ ސިޔާސަތުތަކާ ޚިލާފަށް، އާންމު ރައްޔިތުންގެ މެދުގައި އީރާނުގެ މަޤުބޫލުކަން އިތުރުވަމުންދާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
މިފަދަ ބަދަލުތައް އައުމުގައި މައިގަނޑު 5 ސަބަބެއް ވާކަމަށް ލިޔުންތެރިޔާ ފާހަގަކުރައްވާފައިވެއެވެ.
- އޭގެ ތެރޭގައި ފަލަސްޠީނުގެ މައްސަލައަށް އެއްބާރުލުން ދިނުމާއި،
- ސަރަޙައްދުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކާ ދެކޮޅުވުމާއި،
- އިޒްރޭލާ އެކު ގުޅުން ބެއްވުމާ ދެކޮޅު ހެދުން އަދި
- ސަރަޙައްދުގެ ޤައުމުތަކުގެ ދާޚިލީ ކަންކަމަށް ބޭރުގެ ފަރާތްތަކުން ނުފޫޒު ފޯރުވުމާއި،
- ދީނީ އަދި ނަސްލީ ތަފާތުކުރުންތަކުގެ މައްޗަށް ބިނާކޮށް ހިންގާ އަސްކަރީ އޮޕަރޭޝަންތަކަށް ރައްޔިތުން ނުރުހޭކަން އޭނާ ފާހަގަކުރެއްވިއެވެ.
މުހައްލިލުން ދެކޭގޮތުގައި، ޢަރަބި ސަރުކާރުތަކުގެ ރަސްމީ މަޤާމުތަކާއި އާންމު ރައްޔިތުންގެ ޚިޔާލާ ދެމެދު ބޮޑު ފަރަގެއް އުފެދިފައިވާއިރު، މިކަމުގެ ސަބަބުން ގައުމުތަކުގެ ސިޔާސަތުތަކަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވއެވެ.






