ލަންޑަންގެ މިސްކިތަކަށް ދިން ހަމަލާއާ ގުޅިގެން ކަންބޮޑުވުން އިތުރުވެއްޖެ

ލަންޑަންގެ އިރުމަތީ ސަރަހައްދުގައި ހުންނަ އިސްލާމީ މަރުކަޒަކަށް އަމާޒުކޮށް ދިން ޙަމަލާއެއްގެ މައްސަލަ އެ ޤައުމުގެ ފުލުހުން ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގުކުރަން ފަށައިފިއެވެ. މިއީ މުސްލިމުންނާ ދެކޮޅަށް ހިންގާ އިސްލާމޯފޯބިއާގެ ޢަމަލުތައް އިތުރުވަމުންދާ ދަނޑިވަޅެއްގައި ހިނގި ކަމަކަށްވުމުން، އެ ޤައުމުގައި ތިބޭ މުސްލިމުންގެ ސަލާމަތާއި ރައްކާތެރިކަމާ މެދު ބޮޑެތި ކަންބޮޑުވުންތަކެއް ވަނީ އުފެދިފެވެ.

ލަންޑަންގެ ސްޓްރެޓްފޯޑް ސަރަހައްދުގައި ހުންނަ އަލްޙަސަނާ އިސްލާމީ މަރުކަޒަށް އަމާޒުކޮށް މި ޙަމަލާދީފައިވަނީ އޮކްޓޯބަރު 30 ވީ ހުކުރު ދުވަހުގެ ކަމަށް އިސްލާމިކް ކައުންސިލް އޮފް ބްރިޓެން (އެމް.ސީ.ބީ) އިން ހާމަކޮށްފައިވެއެވެ. މި ޙަމަލާގެ ސަބަބުން މިސްކިތުގެ ބިއްލޫރި ތަޅައިގެން ގޮސް، މިހުރާބުގެ ތެރެއަށް ވަނީ ބުރައިގެން ގޮސްފައެވެ. އަދި އެއްލާލި ދަގަނޑު ހޮޅިއެއް ކުޑަދޮރު ފޫއަޅުވާލާފައިގޮސް މިޙްރާބު ފާރުގައި ޖެހިފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

މި ހާދިސާއާ ގުޅިގެން ލަންޑަންގެ މެޓްރޮޕޮލިޓަން ފުލުހުން ވަނީ ޚާއްސަ ތަހުގީގެއް ފަށާފައެވެ. ނަމަވެސް މިހާތަނަށް މި ޙަމަލާއާ ގުޅިގެން އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ. މި ޙަމަލާއަކީ ދީނީ ނަފްރަތުގެ ސަބަބުން ދިން ޙަމަލާއެއްކަން އަދި ކަށަވަރުވެފައިނުވެއެވެ.

މި ސަރަހައްދުގެ އެމް.ޕީ އޫމާ ކުމާރަން އާއި ނިއުހާމް ކައުންސިލްގެ ލީޑަރު ފަރްހާދު ޙުސައިން ގުޅިގެން ނެރުއްވި ބަޔާނެއްގައި، ވަނީ މި ޙަމަލާއަކީ "ބިރުވެރި އަދި ކަންބޮޑުވާންޖެހޭ" ކަމެއް ކަމަށް ސިފަކުރައްވާފައެވެ. އަދި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ފުލުހުންނާއެކު ގާތުން މަސައްކަތްކުރަމުންދާ ކަމަށް އެ ބޭފުޅުން ވިދާޅުވިއެވެ. "ނިއުހާމް މުސްލިމްސް" ޖަމްޢިއްޔާއިން ބުނީ މިފަދަ ޙަމަލާތައް ހިނގުން އާންމުކަމެއްގެ ގޮތުގައި ބަލައިގަނެގެން ނުވާނެ ކަމަށާއި، މިކަމުގެ ސަބަބުން މިސްކިތްތަކުގެ ސަލާމަތާމެދު އޮތް ކަންބޮޑުވުންތައް އިތުރުވެފައިވާ ކަމަށެވެ.

ބްރިޓެންގެ މުސްލިމުން ފަރާތްތަކުން ފާހަގަކުރާ ގޮތުގައި، މިފަދަ ޙަމަލާތަކަކީ ކުއްލިއަކަށް ހިނގާ ކަންކަމެއް ނޫނެވެ. އިސްލާމިކް ހިއުމަން ރައިޓްސް ޓްރަސްޓުން ހާމަކޮށްފައިވާ ގޮތުގައި، ފާއިތުވި އެއް އަހަރުގެ ތެރޭގައި އެކަނިވެސް އިނގިރޭސިވިލާތުގެ އެކި ސަރަހައްދުތަކުގައި ހުރި 64 މިސްކިތަކަށް އަމާޒުކޮށް 78 ޙަމަލާއެއް ވަނީ ރިޕޯޓުކޮށްފައެވެ. މިއީ އެވްރެޖްކޮށް ކޮންމެ ފަސް ދުވަހަކުން މިފަދަ ހާދިސާއެއް ހިނގާކަން ހާމަކޮށްދޭ ކަމެކެވެ.

މި ޙަމަލާތަކުގެ ވައްޓަފާޅިއަށް އަންނަމުންދާ ބަދަލުތަކަށް އަލިއަޅުވާލަމުން  ބުނެފައިވަނީ، މީގެ ކުރިން މިސްކިތްތަކުގެ ބޭރުގައި ލިޔުންތައް ލިޔުމާއި އާންމު ގެއްލުންތައް ދިނުން ފަދަ ކަންކަން އާންމުވި ނަމަވެސް، މިހާރު ސީދާ ނަމާދުކުރާ މީހުންނަށް އަމާޒުކޮށް ނުރައްކާތެރި ހަތިޔާރާއި އަލިފާނުގެ ޙަމަލާތައް ދިނުން އިތުރުވެފައިވާ ކަމަށެވެ.

ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، 2026 މާޗް މަހުގެ ނިޔަލަށް މުސްލިމުންނާ ދެކޮޅަށް ހިންގާފައިވާ ދީނީ ނަފްރަތުގެ ކުށްތައް ވަނީ 15 އިންސައްތަ އިތުރުވެފައެވެ. އަދި 5،132 ކުށް ރަސްމީކޮށް ރިޕޯޓުކޮށްފައިވާއިރު، މިއީ ދީނީ ނަފްރަތުގެ ޖުމްލަ ކުށްތަކުގެ 46 އިންސައްތައެވެ.

އެމް.ސީ.ބީގެ ނައުމީ ގްރީން ވިދާޅުވީ، މިފަދަ ބޮޑެތި ޙަމަލާތައް ހަމައެކަނި މުދަލަށް ލިބޭ ގެއްލުމެއްގެ ގޮތުގައި ނުބަލައި، މުސްލިމް މުޖުތަމައަށް އަމާޒުވާ ސީދާ ބިރުދެއްކުމެއްގެ ގޮތުގައި ސަރުކާރުން ބަލަންޖެހޭނެ ކަމަށެވެ. އަދި އިސްލާމޮފޯބިއާ ހުއްޓުވުމަށް ސަރުކާރުން ޚާއްސަ މަންދޫބެއް ކަނޑައަޅުއްވާނެ ކަމަށް ކުރިން އިއުލާންކުރެއްވި ނަމަވެސް، އަދ އެކަން އަމަލީގޮތުން ފެށިފައިނުވުމަކީ ކަންބޮޑުވާންޖެހޭ ކަމެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ހިއްސާ ކުރައްވާ!