ރަސްގެފާނު ޗާލްސް އޮމާންގެ ސުލްތާނަށް މަރުޙަބާ ދެންނެވުމުގައި ހަދީސެއް ވިދާޅުވެއްޖެ

ވިންޑްސާ ކާސަލްގައި ބޭއްވި ރަސްމީ ޖާފަތެއްގައި، އޮމާންގެ ސުލްތާން ހައިޘަމް ބިން ތާރިޤަށް މަރުޙަބާ ދެންނެވުމަށްޓަކައި އިނގިރޭސި ރަސްކަމުގެ ސަގާފީ ޕްރޮޓޮކޯލްތަކަށް ޚާއްސަ ބަދަލުތަކެއް ގެންނަވައި، އިސްލާމީ އުސޫލުތައް ތައާރަފް ކުރައްވައިފިއެވެ.

އޮމާންގެ ސުލްތާން އިނގިރޭސިވިލާތަށް ކުރައްވަމުންދާ ތިން ދުވަހުގެ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން ބޭއްވި މި ރަސްމިއްޔާތުގައި، ރަސްގެފާނު ޗާލްސް އާއި ރާނީ ކެމީލާގެ އިތުރުން ޕްރިންސް އޮފް ވޭލްސް ވިލިއަމް އާއި ޕްރިންސެސް އޮފް ވޭލްސް ކޭޓް ވަނީ ސުލްތާނަށް އިސްތިގްބާލު ކުރައްވާފައެވެ.

ވިންޑްސާ ކާސަލްގެ ސެއިންޓް ޖޯޖްސް ހޯލްގައި 160 މެންބަރުންގެ ޖާފަތުގައި އިސްލާމީ ސަގާފަތަށް އިޙްތިރާމް ކުރުމުގެ ގޮތުން ޚާއްސަ އިންތިޒާމުތަކެއް ވަނީ ހަމަޖައްސާފައެވެ. ފަރިއްކޮޅުގައި މުސުްލިމުންނަށް ހަލާލު ބުއިންތައް ޚާއްސަކޮށްފައި ހުއްޓެވެ. އަދި ރޭނގަނޑުގެ ފަރިއްކޮޅަށް ފަހު އާންމުކޮށް އަރުވާ ބަނގުރާގެ ބަދަލުގައި، އަރަބި ގަހުވާގެ ސަގާފަތާއެއް ގޮތަށް ގަހުވާއާއި ކަދުރާއި ސައިފޮދު އެރުވުނެވެ. އެ ސައިފޮދުގައި ވިންޑްސާ އެސްޓޭޓްގެ މާމުއިން މީރުކޮށްފައިވާ އާލް ގްރޭ، މިންޓް އެންޑް ރޯސް، ސައި ހިމެނެއެވެ.

ޣެއިރު މުސްލިމުންނަށް އާންމު ބުއިންތައް ލިބެން ހުރި ނަމަވެސް، އޮމާންގެ ވަފުދަށް ޚާއްސަކޮށްގެން ސަގާފީ ބުއިންތައް ވަނީ ހަމަޖައްސައިދީފައެވެ.

ޖާފަތުގައި ވާހަކަފުޅު ދައްކަވަމުން ރަސްގެފާނު ޗާލްސް ވަނީ އަރަބި ބަހުން ބައެއް ވާހަކަތައް ވިދާޅުވެފައެވެ. އެގޮތުން އޮމާންގެ ޅެންވެރިޔާ ޝައިޚް އަލްބައްޔާންގެ ޅެން ބައިތަކުން އަދި ކީރިތި ރަސޫލާގެ ޙަދީޘްފުޅަ ވިދާޅުވިއެވެ.

ހިއްސާ ކުރައްވާ!