ލަންޑަން ކައިރީގައި ހުންނަ ގޫގުލް ކްލައުޑްގެ ޑޭޓާ ސެންޓަރަކުން ކަރަންޓު ކެނޑުމުގެ ސަބަބުން، އިނގިރޭސިވިލާތުގެ މައި ބޭންކުތަކާއި އެހެނިހެން ޚިދުމަތްތަކަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވެއްޖެ ކަމަށް އެމެރިކާގެ ޓެކްނޮލޮޖީ ކުންފުނި ގޫގުލްއިން ހާމަކޮށްފިއެވެ. މި ހާދިސާއާ ގުޅިގެން އިނގިރޭސިވިލާތުގެ ގިނަ އަދަދެއްގެ މާލީ އިދާރާތަކުގެ އޮންލައިން ޚިދުމަތްތައް ވަނީ މުޅިން ހުއްޓުމަކަށް އައިސްފައެވެ.
ގޫގުލްއިން ނެރުނު ޚިދުމަތުގެ އަދާހަމަ ބަޔާނެއްގައި ބުނެފައިވަނީ، "ޔޫރަޕް-ވެސްޓް2″ ސަރަހައްދު ނުވަތަ ލަންޑަންގެ ޑޭޓާ ސެންޓަރަށް ދިމާވި ކަރަންޓުގެ މައްސަލައަކާ ގުޅިގެން ގޫގުލް ކްލައުޑްގެ ގިނަ ޚިދުމަތްތަކަކުން ނެޓްވޯކް މައްސަލަތައް ދިމާވެ، ސިސްޓަމްތަކަށް ބުރޫއަރާފައިވާ ކަމަށެވެ. މި މައްސަލަ ފެށިފައިވަނީ ގްރެނެޗް ގަޑިން ހެނދުނު 06:08 ގައެވެ.
މި ހާދިސާގެ ސަބަބުން އިނގިރޭސިވިލާތުގެ މަޝްހޫރު ޑިޖިޓަލް ބޭންކު "ރެވޯލުއިޓް" ގެ ޚިދުމަތްތަކަށް ވަނީ ގޮންޖެހުންތަކެއް ކުރިމަތިވެފައެވެ. އެގޮތުން އޭޓީއެމްތަކުން ފައިސާ ނެގުމާއި، ބޭންކު ޓްރާންސްފާކުރުމުގެ އިތުރުން ކާޑުތަކަށް ފައިސާ އެޅުމުގެ ޚިދުމަތްތައް ވަނީ މެދުކެނޑިފައެވެ. މީގެ އިތުރުން އިނގިރޭސިވިލާތުގެ ބޮޑެތި މާލީ އިދާރާތައް ކަމަށްވާ "ލޮއިޑްސް" އާއި "އެޗްއެސްބީސީ" އިންވެސް ވަނީ އެ ކުންފުނިތަކުގެ މޯބައިލް އެޕްލިކޭޝަންތަކާއި އޮންލައިން ބޭންކިންގ ޚިދުމަތްތަކަށް މައްސަލަތައް ކުރިމަތިވަމުންދާކަން ކަށަވަރުކޮށްދީފައެވެ.
އިންޓަނެޓް ޚިދުމަތްތަކަށް ދިމާވާ މައްސަލަތައް މޮނީޓަރުކުރާ "ޑައުންޑިޓެކްޓަރ" އިން ދައްކާގޮތުގައި، މި މައްސަލައިގެ އަސަރު މާލީ ދާއިރާގެ އިތުރުން އެހެނިހެން ވިޔަފާރިތަކަށްވެސް ވަނީ ކޮށްފައެވެ. އޭގެ ތެރޭގައި އިނގިރޭސިވިލާތުގެ މަޝްހޫރު ރިއަލް އެސްޓޭޓް ވެބްސައިޓް "ރައިޓްމޫވް" އާއި، "ރޯޔަލް މެއިލް" ގެ ޕޯސްޓަލް ޚިދުމަތްތައް ހިމެނެއެވެ.




